ސިޔާސީ މަސްރަހުގައި ކޮންމެ ކަމެއްވެސް ކުރަނީ އޭގެ ފަހަތުގައި އަމިއްލަ ނުވަތަ ޕާޓީގެ މަސްލަހަތެއް އޮވެގެންނެވެ. ދުނިޔޭގެ ތާރީޚަށް ބަލާއިރުވެސް، ސިޔާސީ ވެރިން އެމީހުންގެ ބާރު ދެމެހެއްޓުމަށާއި ތާއީދު އިތުރުކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންކުރާ އެއް ވަސީލަތަކީ ދީނެވެ. ދިވެހިރާއްޖޭގައިވެސް މިކަން އޮތީ މިފަދަ ގޮތަކަށެވެ. ނަމަވެސް، ސިޔާސީ މަންފާއަށްޓަކައި 'ދީނީ ކާޑު' ކުޅުމަކީ މުޖުތަމައުގެ ބަދަހިކަން ގެއްލި، ނުރައްކާތެރި ފިކުރުތަކަށް މަގުފަހިވާ ކަމެކެވެ.
ދިވެހިންނަކީ އިސްލާމްދީނަށް ނުހަނު ލޯބިކުރާ ބައެކެވެ. ދީނާ ދެކޮޅަށް ބުނެވޭ ކުޑަ ބަހަކުންވެސް ދިވެހިންގެ ލޭ ކެކިގެންދެއެވެ. ސިޔާސީ ވެރިން މި ހަގީގަތުގެ ނާޖާއިޖު ފައިދާ ނަގަނީ ވަރަށް ބޮޑަށެވެ. އިންތިޚާބުތަކާ ދިމާކޮށް އެއް ބަޔަކު އަނެއް ބަޔަކަށް 'ލާދީނީ' ލޭބަލް އެޅުވުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެއެވެ. މިއީ ހަމައެކަނި ވޯޓު ހޯދުމަށް ކުރާ ކަމެއް ނަމަވެސް، މީގެ ސަބަބުން މުޖުތަމައުގައި އުފެދޭ ނަފުރަތާއި ބައިބައިވުން އިންތިޚާބަށްފަހުވެސް ފިލައިގެން ނުދެއެވެ.
ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުމުގެ އެންމެ ނުރައްކާތެރި ނަތީޖާއަކީ ހަރުކަށި ފިކުރުގެ މީހުންނަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިވުމެވެ. އެއް ބަޔަކީ ލާދީނީ ބައެއް ކަމަށް ސިޔާސީ ޕްލެޓްފޯމްތަކުގައި ގޮވަމުންދާއިރު، އެކަމުގެ ނާޖާއިޖު ފައިދާ ނަގައި، އަމިއްލަ އަތުން އިންސާފު ގާއިމުކުރަން އުޅޭ ހަރުކަށި ޖަމާއަތްތަކަށް ހިތްވަރު ލިބެއެވެ. ރާއްޖޭގެ ތާރީޚުގައި މިފަދަ ތުހުމަތުތަކުގެ ސަބަބުން މީހުންގެ ފުރާނައަށް ގެއްލުންވެ، ލޭއޮހޮރުވުންތައް ހިނގާފައިވާކަމީ ފެންނަން އޮތް ހިތާމަވެރި ހަގީގަތެކެވެ.
މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި މުޖުތަމައު ހޭލުންތެރިކޮށް، ސިޔާސީ ވެރިންނަށް ހައްގު ބަސް ބުނަން ތިބި ބަޔަކީ ދީނީ އިލްމުވެރިންނެވެ. ނަމަވެސް މިއަދު ފެންނަނީ ވަރަށް ތަފާތު މަންޒަރެކެވެ. ގިނަ އިލްމުވެރިން ތިއްބެވީ ސިޔާސީ އޮއިވަރުގައި ޖެހި، ވަކި ކޮޅަކަށް ބުރަވެ، ހަނުހިމޭނުންނެވެ. ބައެއް އިލްމުވެރިން ސިޔާސީ މަގާމުތަކުގެ ދަހިވެތިކަމުގައި، ދީން ސިޔާސީ ހަތިޔާރަކަށް ހަދާއިރުވެސް އެކަން ހުއްޓުވަން މަސައްކަތް ނުކުރާކަމީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮތް ބޮޑު ގޮންޖެހުމެކެވެ.
ދީނީ އިލްމުވެރިންނަކީ މުޖުތަމައުގެ މުރުޝިދުންނެވެ. އެބޭފުޅުންގެ ބަހަކީ ރައްޔިތުން ގަބޫލުކުރާ ބަހަކަށް ވާންޖެހެއެވެ. ސިޔާސީ މީހުން ދީން ބޭނުންކޮށްގެން ފިތުނަ އުފައްދާއިރު، އެއީ ދީނުގައި އޮތް ގޮތް ނޫންކަން ބުނެދިނުމަކީ އިލްމުވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ވަކި ޕާޓީއަކަށް ނުވަތަ ވަކި ޝަޚުސަކަށް ބެލުމެއް ނެތި، ހައްގު ބަސް ބުނުމުގެ ހިތްވަރު އިލްމުވެރިންގެ ކިބައިގައި ހުންނަންޖެހެއެވެ. އެހެން ނޫންނަމަ، ދީނުގެ ނަމުގައި ހިންގޭ ނުރައްކާތެރި އަމަލުތަކުގެ ޒިންމާ އިލްމުވެރިންވެސް އުފުލަން ޖެހޭނެއެވެ.
ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަންވާނެއެވެ. ސިޔާސީ ވާދަވެރިކަމުގައި ދީން ބޭނުންކުރުމަކީ ކުޅޭ ކުޅިވަރަކަށް ހަދައިފިނަމަ، އޭގެ ނަތީޖާ މުޅި ގައުމަށް ހިތިވާނެއެވެ. އިލްމުވެރިން ހަނު ތިއްބަވައިފިނަމަ، ޖާހިލުކަމާއި ހަރުކަށިކަން މުޖުތަމައު ސުންނާފަތިކޮށްލާނެއެވެ. އެހެންކަމުން، ސިޔާސީ ވެރިން ދީނަށް އިހުތިރާމްކުރުމަށާއި، އިލްމުވެރިން ހައްގު ބަސް ބުނުމަށް އަވަސްވެގަންނަން ޖެހެއެވެ.