އާދީއްތަ ދުވަހު ބޭއްވި ތައިލެންޑުގެ އާންމު އިންތިޚާބުގައި އެ ގައުމުގެ ބޫމްޖައިތައި ޕާޓީން ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވަނީ އިންތިޚާބު ކާމިޔާބު ކުރެވުނުކަން އިއުލާންކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ކޯލިޝަނެއް އެކުލަވައިލުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވާފައެވެ.
ހޯމަ ދުވަހާ ހަމައަށް ވޯޓުގެ 93 އިންސައްތަ ގުނާ ނިމުނުއިރު، ކޮންޒަވޭޓިވް ބޫމްޖައިތައި ޕާޓީ އުޅެނީ ވާދަވެރިންނަށް ވުރެ މާ ކުރީގައެވެ. ތައިލެންޑުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެ ޕާޓީން ތައިލެންޑުގެ ޕާލަމެންޓުގެ 500 ގޮނޑީގެ ތެރެއިން މަދުވެގެން 194 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވެއެވެ.
އިންތިޚާބުގެ ކުރިން ނެގުނު ބައެއް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅުނު ޕްރޮގްރެސިވް ޕީޕަލްސް ޕާޓީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 116 ގޮނޑިއާއެކު ދެވަނައެވެ. ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ފިއު ތައި ޕާޓީއަށް 76 ގޮނޑިއާއެކު ލިބުނީ ތިންވަނައެވެ.
އާދީއްތަ ދުވަހު ބޫމްޖައިތައި ޕާޓީގެ ބޮޑު ކުރިއެރުން ސާފުވުމާއެކު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަނޫޓިން ވިދާޅުވީ، ތައިލެންޑުގެ ވޯޓުލީ މީހުން އެ ޕާޓީއަށް ދިނީ "އަޅުގަނޑުމެން އުންމީދުކުރި ވަރަށް ވުރެ ބޮޑު" ތާއީދެއް ކަމަށެވެ. "އެހެންކަމުން އަޅުގަނޑުމެން މިތިބީ ވޯޓުލީ މީހުންނަށް ވަރަށް ބޮޑަށް ދަރަނިވެރިވެފައި. އެމީހުންނަށް އެކަމުގެ ބަދަލު ދެވޭނީ އަޅުގަނޑުމެންގެ ގައުމަށާއި ރައްޔިތުންނަށް ހުރިހާ ހެޔޮ ކަންތައްތަކެއް ކޮށްދިނުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކޮށްގެން،" އޭނާ ވިދާޅުވިއެވެ.
ކޯލިޝަން އެކުލަވައިލުމާއި ކެބިނެޓް އައްޔަންކުރުމާ ގުޅޭގޮތުން ސުވާލުކުރުމުން އަނޫޓިން ވިދާޅުވީ، ފަހުގެ ނަތީޖާތައް ސާފުވަންދެން މަޑުކުރައްވާ ކަމަށާއި، ކުރިއަށްދާނެ ގޮތަކާ މެދު ކޮންމެ ޕާޓީއަކުން ވެސް އެތެރޭގެ މަޝްވަރާތައް ބާއްވަން ޖެހޭނެ ކަމަށެވެ.
މަގާމާ ހަވާލުވިތާ 100 ދުވަސް ވެސް ނުވަނީސް، މިދިޔަ ޑިސެމްބަރު މަހު އަނޫޓިން އިންތިޚާބު އިއުލާންކުރެއްވީ، ކެމްބޯޑިއާއާއެކު ތައިލެންޑުން ކުރި ތިން ހަފުތާގެ ކުރިމަތިލުމާ ގުޅިގެން އުފެދުނު ގައުމީ ރޫހުގެ ފައިދާ ހޯއްދެވުމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި އިންތިޚާބުގެ ނަތީޖާއަކީ "ހުރިހާ ތައި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް" ކަމަށެވެ.
ޕީޕަލްސް ޕާޓީން ވަނީ އަނޫޓިން އިސްވެ ހުންނަވާ ކޯލިޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ނަފީކޮށްފައެވެ. އެ ޕާޓީގެ ލީޑަރު ނައްތަފޮންގް ރޫއެންގްޕަންޔާވަތު އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ، ވާދަވެރި ކޯލިޝަނެއް އުފެއްދުމަށް އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށެވެ.
ޖެނުއަރީ މަހުގެ ނިޔަލަށް ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ގޮތުގައި ޕީޕަލްސް ޕާޓީ އުޅުނީ ބޫމްޖައިތައިއަށް ވުރެ މާ ކުރީގައެވެ. ބެންކޮކުން ރިޕޯޓްކުރި އަލްޖަޒީރާގެ ޓޯނީ ޗެންގް ބުނި ގޮތުގައި އާދީއްތަ ދުވަހުގެ އިންތިޚާބުގެ ނަތީޖާއަކީ "ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް" ލިބުނު ނަތީޖާއެކެވެ.
"އެކަމަކު ސިޔާސީ ގޮތުން ކޮންމެ ފިކުރެއްގެ މީހެއް ކަމުގައި ވިޔަސް، ތައިލެންޑުގެ ވޯޓުލީ މީހުންގެ ފަރާތުން ތަކުރާރުކޮށް އިވުނު ދެ ކަމެއް އޮތް. އެއީ ތައިލެންޑުގެ ސިޔާސީ މަސްރަހަށް ހަމަޖެހުން އައުމަށް ރައްޔިތުން ބޭނުންވާކަން. މިއީ ބާއްވަން ޖެހޭ އިންތިޚާބެއް ނޫން. އެންމެ ފަހުން އިންތިޚާބެއް ބޭއްވީ މީގެ އެންމެ ތިން އަހަރު ކުރިން. އެހެންކަމުން މިއީ ތައިލެންޑް ނުތަނަވަސްކަމެއްގެ ތެރޭގައި އޮތްކަމުގެ ނިޝާނެއް،" ޗެންގް ބުންޏެވެ.
"ދެން ތައި ވޯޓުލީ މީހުން ބޭނުންވި އަނެއް ކަމަކީ އިގްތިސާދީ ކުރިއެރުން. މިއީ ގާތްގަނޑަކަށް ވިހި އަހަރު ވަންދެން އިގްތިސާދީ ގޮތުން ހުއްޓުމަކަށް އައިސްފައިވާ ގައުމެއް. އެއާ ޚިލާފަށް އަވަށްޓެރި ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ، ފިލިޕީންސް އަދި ވިއެޓްނާމް ފަދަ ގައުމުތައް ދަނީ 5 އާއި 6 އިންސައްތައާ ދެމެދުގެ ބޮޑު ކުރިއެރުމެއް ހޯދަމުން. ތައިލެންޑުގެ ޖީޑީޕީ ކުރިއަރަނީ އެންމެ 1.5 އިންސައްތައިގައި. އަދި އެ ގައުމު ދަނީ ފަހަތަށް ސާފުވަމުން. ވޯޓުލީ މީހުން ބޭނުންވީ އެ ހުއްޓުން ހުއްޓުވައި، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ދޭން،" އޭނާ އިތުރަށް ބުންޏެވެ.
ބޫމްޖައިތައި ޕާޓީން މިހާރު މަސައްކަތް ކުރާނީ ކުދި ޕާޓީތަކާއެކު ކޯލިޝަނެއް އެކުލަވައިލުމަށެވެ. ކޯލިޝަން ހެދުމުގެ ފުރުސަތު އޮތް ޕާޓީތަކުގެ ތެރޭގައި ބޮޑުވަޒީރުގެ ނައިބު ތައްމަނާތު ޕްރޮމްޕާއޯގެ ކްލާ ތަމް ޕާޓީ ހިމެނެއެވެ. ތައި މީޑިއާތަކުން ލަފާކުރާ ގޮތުގައި އެ ޕާޓީން ގާތްގަނޑަކަށް 58 ގޮނޑި ކާމިޔާބު ކުރާނެއެވެ.
ބޫމްޖައިތައި އާއި ކްލާ ތަމް ގުޅިއްޖެ ނަމަ، ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 251 ވޯޓަށް ވުރެ ގިނަ ވޯޓު އެ ދެ ޕާޓީއަށް ލިބޭނެއެވެ.ބޮޑުވަޒީރު ކުރިން އިޝާރާތް ކުރައްވާފައިވާ ގޮތުގައި، އޭނާ އަލުން އިންތިޚާބުވެވަޑައިގެންފިނަމަ، މިހާރުގެ ފިނޭންސް މިނިސްޓަރާއި، ފޮރިން މިނިސްޓަރު އަދި ކޮމާސް މިނިސްޓަރު އާ ކެބިނެޓުގައިވެސް އެ މަގާމުތަކުގައި ދެމިތިއްބަވާނެއެވެ.
"ބުމްޖައިތައި ޕާޓީން ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ފަށާނީ ވަރަށް ވަރުގަދަ މަގާމެއްގައި އޮވެގެންނެވެ. ކުދި ޕާޓީތަކަށް މުހިންމު މިނިސްޓްރީތަކެއް ދޭކަށް އެމީހުންނަކަށް ނުޖެހޭނެއެވެ. އެމީހުންނަށް މަދު ބައިވެރިންތަކެއް ކޯލިޝަނަށް ވެއްދިދާނެއެވެ. ނަމަވެސް މުޅި ސަރުކާރު ކޮންޓްރޯލް ކުރާނީ އެމީހުންނެވެ،" އަލްޖަޒީރާގެ ޗެންގް ބުންޏެވެ.
"މިގޮތަށް އަލުން ބާރުތަކާ ހަވާލުވުމާއެކު، އަނޫޓިންއަށް މިވަނީ ރައްޔިތުންގެ ތާއީދު ލިބިފައެވެ. އޭނާގެ ޕާޓީ މަޖިލީހުގައި ވަރުގަދަވާނެއެވެ. އޭނާ ބޭނުންވާ ބިލްތައް ފާސްކުރުމުގެ ގާބިލުކަން އެމީހުންނަށް ލިބޭނެއެވެ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތައިލެންޑުގެ ވޯޓުލީ މީހުން ބޭނުންވީވެސް އެގޮތެވެ،" އޭނާ ބުންޏެވެ. "އެމީހުން ވޯޓު ދިނީ ހަމަޖެހުމަށާއި އިގްތިސާދީ ކުރިއެރުމަށެވެ."
އާދީއްތަ ދުވަހު ތައިލެންޑުގެ ވޯޓުލީ މީހުން ވަނީ ގާނޫނުއަސާސީ ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުމަކަށްވެސް ތާއީދުކޮށްފައެވެ. ތިންބައިކުޅަ ދެބައި މީހުން ވޯޓު ދިނީ 2014 ވަނަ އަހަރުގެ އަސްކަރީ ބަގާވާތަށްފަހު އެކުލަވާލި ގާނޫނުއަސާސީ ބަދަލުކުރުމަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެ ގާނޫނުއަސާސީގެ ސަބަބުން ޑިމޮކްރެޓިކް ނޫން ސެނެޓަކަށް މާ ބޮޑު ބާރުތަކެއް ލިބިގެންދެއެވެ.
އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމަށް މަދުވެގެން ދެ އަހަރު ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. އަދި ގާނޫނުއަސާސީ ޑްރާފްޓް ކުރުމުގެ މަރުހަލާއަށާއި ފަހު ލިޔުމަށް ރުހުން ހޯދުމަށް އިތުރު ދެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ.