ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަރިހުގައި ހުންނެވި އަދި މި ސަރުކާރަަށް ވަރަށް ބޮޑަށް ފާޑުކިޔުއްވި އަހްމަދު މުހައްމަދު ވަހީދު ޕީއެންސީއާ ގުޅުމާއެކު ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.
ޖުމްލަ ނޫހަށް އެނގިފައިވާ ގޮތުގައި ވައްޑެއަށް ދިނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ. މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް ސަރުކާރުން އަދި ރަސްމީ ބަހެއް ނުބުނެއެވެ.
ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމް ޕީއެންސީގައި ޖެހުނު މައްސަލައިގެ ތެރޭގައި ވެސް ވައްޑެ ހުންނެވީ ޔާމީންގެ އަރިހުގައެވެ.
ޕީއެންއެފް އުފެއްދުމާ އެކު އެ ޕާޓީގައި ވެސް އެންމެ އިސްކޮށް އުޅުނު އެއް ޒުވާނަކީ ވައްޑެއެވެ. އަދި ވަރަށް ބޮޑަށް ރައީސް މުއިއްޒަށާއި، މެޑަމް ސާޖިދާ މުހައްމަދަށް ފާޑު ވިދާޅުވިއެވެ.
ނަމަވެސް ކުއްލިއަކަށް ޕީއެންއެފުން ވައްޑެ ގެއްލި، ދެން ފެނުނީ ރައީސާއި، މެޑަމް ސާޖިދާއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް މައާފަށް އެދި ސޯޝަލް މީޑިއާގައި ލިޔުއްވި ތަނެވެ.
އެފަހުން ވައްޑެ ވަނީ އޭނާ މި ސަރުކާރަށް ތާއީދުކުރަން ނިންމިކަން ހާމަކުރައްވައިފައެވެ.