ޮލުބްނާނާއި ސިރިޔާ ގުޅޭ ބޯޑަރު ސަރަހައްދު | ފޮޓޯ: އަލްޖަޒީރާ

ލުބުނާނާއި ސީރިޔާ ގުޅޭ ބޯޑަރު ސަރަހައްދަށް އިސްރާއީލުން ބޮންއަޅައި ހަތަރު މީހުން މަރާލައިފި

މުހައްމަދު ހަމީޒް
 
22 ގަޑިއިރު ކުރިން

ލުބުނާނާއި ސީރިޔާ ގުޅޭ ބޯޑަރު ކައިރިން ދަތުރުކުރި އުޅަނދަކަށް އިސްރާއީލުގެ ސިފައިން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެފިއެވެ. މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސޫރިޔާގެ ރައްޔިތެއް ކަމަށްވާ ޚާލިދު މުޙައްމަދު އަލް އަޙްމަދު ހިމެނެއެވެ. އިސްރާއީލު އަސްކަރިއްޔާއިން ވަނީ މި ހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި އިސްރާއީލުން ބުނެފައިވަނީ މި ހަމަލާ އަމާޒުކުރީ ލުބުނާނުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ އިސްލާމިކް ޖިހާދު (ޕީ.އައި.ޖޭ) ގެ މެންބަރުންނަށް ކަމަށެވެ. ނަމަވެސް މިކަމުގެ އެއްވެސް ހެއްކެއް އިސްރާއީލުން ދައްކާފައެއް ނުވެއެވެ.

އިސްރާއީލުން ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ ލުބުނާނުގެ މަޖްދަލް އަންޖަރު ސަރަހައްދަށެވެ. މި ހަމަލާއާ ގުޅިގެން އިސްލާމިކް ޖިހާދު ޖަމާއަތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ޕީ.އައި.ޖޭ އަކީ ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ޖަމާއަތަކަށްވާއިރު، އެ ޖަމާއަތަކީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާ ގާތް ގުޅުމެއް އޮންނަ ބައެކެވެ.

އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ޚިލާފަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލުބުނާނަށް ހަމަލާދެމުންނެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލި ފަހުން ވޭތުވެދިޔަ އެއް އަހަރު ތެރޭގައި އިސްރާއީލުން ވަނީ 10،000 އަށްވުރެ ގިނަ ވައިގެ އަދި އެއްގަމު ހަމަލާ ލުބުނާނަށް ދީފައެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ބުނެފައިވާ ގޮތުގައި، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 108 އާންމުން މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. މީގެ ތެރޭގައި 21 އަންހެނުންނާއި 16 ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން، ލުބުނާނުގެ 11 އާންމުން އިސްރާއީލު ސިފައިން ވަނީ ވަގަށް ނަގައިގެން ގެންގޮސްފައެވެ.

ލުބުނާނުން ވަނީ އިސްރާއީލުގެ މި އަމަލުތަކާ ގުޅިގެން މިދިޔަ މަހު އދ. އަށް ޝަކުވާ ހުށަހަޅާފައެވެ. ލުބުނާނުން ބުނެފައިވަނީ 2025 ވަނަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން 2،036 ފަހަރު ލުބުނާނުގެ އިސްތިގުލާލަށް އަރައިގަނެފައިވާ ކަމަށެވެ. އަދިވެސް އިސްރާއީލުން ދަނީ ލުބުނާނުގެ ފަސް ސަރަހައްދެއް ހިފައިގެން ތިބެ، ބޯޑަރު ކައިރީގައިވާ އަވަށްތައް އަލުން އާބާދުކުރުމަށް ހުރަސްއަޅަމުންނެވެ.