ހޮޅިންނަށް ދިގުރަށް ދައްކާހެން ރާއްޖެ ތަރައްގީކުރުން: ދިގު 30 އަހަރު (ބާބު 3)

ހޮޅިންނަށް ދިގުރަށް ދައްކާހެން ރާއްޖެ ތަރައްގީކުރުން: ދިގު 30 އަހަރު (ބާބު 3)

އަލީ އިބްރާހިމް
 
16 ދުވަސް ކުރިން

އެއްފަތްޗަކަށް އަމުނާފައި ތިބި ކޮރަކަލިތަކެއްހެން ގަތާލެވިފައިވާ ސަފުގެ މަގަތުން ޒައީމް ސަލާމްކުރަން ފެށްޓެވިއެވެ. އިސްރަށްވެހިންނާއި، ދުވަސްވީ މީހުން އެމަނިކުފާނާ ސަލާމް ކުރެވުމާއިއެކު ތުންތަޅުވާލާ، ބޯޖަހާލާ، މައްޗަށް ބަލާލާ މޭމަތީ އަތް ޖައްސާލާ އުޅޭގޮތުން ހީވަނީ ދެން ހުރިހާކަމެއް ހަމަވީހެންނެވެ. ސަލާމްކުރި އަތް ދެން ދޮންނާނެހެނެއްވެސް ހިޔެއްނުވެއެވެ. ބައެއް މީހުންނަށް ސަލާން ކުރެވުމާއިއެކު އުފާވެރިކަމުގެ ކަރުނައިން މީހާތެމި، ހަޔާތުގައި ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލުވެ ނިމުނީ ފަދައެވެ. ހާދަހާވާ ގަދަ ބޭފުޅެކެވެ. ސަލާމްކޮށްލައްވައިގެން ދެންއަންނަ އިންތިހާބެއްގައި 'ބޮޑު ކާފު' ޔަގީންކޮށްލެއްވީއެވެ. އަހަރެންނަށް މި ހުރެވެނީ ސަފުގެ މެދަކަށްވުރެ ފަހަތުގައިކަމުން އަދި މިހިސާބަށް އަންނަން ލައްކަ އިރު ނަގާނެއެވެ. މިހާރު މިހިރީ ކޮމާންޑު އައިގޮތަށް އަރިއަކަށް ފަރާތަކަށް މީހާވެސް ބޯވެސް ގުޑުވާނުލައެވެ. ހަމައެކަނި އަންގާފައިވާގޮތަށް ވައަތުން ދިދަ ހަލުވާލަ ހަލުވާލާ ހުރިކަން އެކަންޏެވެ. މިއީ މާބޮޑު އަދަބެކެވެ. ކަންބަލަން ހުންނަނަމަ ކޮންމެވެސް ވަރަކަށް ފޫހިފިލާ ވިއްޔާއެވެ.


ޒައީމުއާއި ސަލާންކުރަން އަތް ހިއްލާލާނެގޮތާއި، އަތް ތިރިކޮށްލާނެގޮތާއި، ބަލާލާނެގޮތް ސިދާ އަކުރުން އަކުރަށް، ފިލިން ފިއްޔަށް ބޮލުތެރޭގައި ކުރަހާލުމުގައި އަހަރެން މަސްއޫލުވެގަތީމެވެ. އެހިނދު، ފިކުރީ ހަނގުރާމައެއް ބޮލުތެރޭގައި ހިނގައިގަތެވެ. ސިކުނޑީގެ ކޮންމެވެސް ދިމާލަކުން އެމަނިކުފާނު އަތަށް ބާރަށް ފިތާލުން ކަހަލަ، އެމަނިކުފާނު އަރިހު ރަން ފާހާނާތަށި ވާހަކަ އަހާލުން ކަހަލަ، އެމަނިކުފާނު ފެންވަރަނީ "މިނަރަލް ވޯޓާއިންތޯ؟" އަހާލުންކަހަލަ ނުބައެއް ހަދާލަން ވަރަށްގިނަ ވަސްވާސް އަންނަންވެސް ފަށައިފިއެވެ. މި ވާނީ ޝައިތޯނާގެ ކަމަކަށެވެ. އަވަހަށް ހިތަށް އައިހާ ހެޔޮއެއްޗެއް ކިޔާން ފަށައިފީމެވެ. މިކަހަލަ ނުބަޔަކީ މަންމަ އެނދުމަތި ކުރަންޖެހިދާނެހާ ހިތާމަވެރި ކަމަކަށް ވެދާނެތީއެވެ. އަހަރެން ދަންނަ މިންވަރުން ތަކުބީރުގައި ދެމިހުއްޓާ އެމަނިކުފާނު މިހިރަގެން އަރާހަމަވަނީއެވެ. ވަގުތު ޖެހުނީއެވެ. އެމަނިކުފާނު އަރާހަމަވެ ސަލާމަށް އަތްދިއްކޮއްލުމާއެކު އަހަރެން ހުރިތަނަށް ގަނޑުވެ، އާޝޯހުވެ ހުއްޓުން އަރައިފިއެވެ. ހޭވެރިކަންވީ ކައިރީގައި ހުރި އެކުވެރިޔާ ކޮއްޓާލުމުންނެވެ. އެމަނިކުފާނުގެ މޫނުގެ އެއްކޮޅުން އަނެއްކޮޅަށް އަންނަވަރުގެ ހިނިތުންވުމަކާއިއެކު ސަލާމް ކޮށްލިއެވެ. އެކުން އެހާވަރަށް ހިނި އެއައީ ހީވަނީ އަހަންނަށް ވީގޮތުން ހެންނެވެ. ތެދެކެވެ. ހަމަ އެމަނިކުފާނުގެ އަތް އެހާ މަޑެވެ. އެހާ ދޮނެވެ. ރައީސެއްކަން އިންގޭހާ ޝަހުޝިއްޔަތު އެބަހުއްޓެވެ. އާދޭހެވެ! އަހަރެން މި ފަސްއަހަރު ގައުމަށް ކޮށްދޭންޖެހޭ ކަންކަން ކޮށް ނިމުނީއެވެ. ގައުމީ ވާޖިބު އަދާކުރެވުނީއެވެ. އެއްވެފައިތިބި އެންމެންނާއި އެމަނިކުފާނު ސަލާން ގަލާން ކޮށް ނިމުމާއިއެކު މިސްރާބު ޖެއްސެވީ ރައްޔިތުންނާއި މުހާތަބުކުރުމަށް ތައްޔާރުކޮށްފައިވާ އިސްކޫލު ހޯލަށެވެ. މިރަށަށް އަންނާނެ ތަރައްގީ ހާމަ ކުރައްވާނީ އެ މުނާސަބަތުގައެވެ. ދެނަކާ ދެނެއް ނެތެވެ! އެއްވެ ތިބި ކުޑަބޮޑު އެންމެން ކަނޑިކިންނާއި މުންޑުން އަރުވާޖަހާ ދުއްވައިގަތީ، އަންގާފައިވާގޮތަށް، އެމަނިކުފާނަށް ނުފެންނާނެ ހުރިހާ މަގަކުން، އެމަނިކުފާނަށްވުރެ ކުރިން އިސުކޫލު ހޯލަށް އައިސް ގޮނޑިތަކުގައި އިށީނުމަށެވެ. ގަޑަގަޑައަޅަފައި އިސްކޫލާއި ހިސާބަށް އާދެވުނުއިރު އަހަރެންވެސް ހުރީ ރަނގަޅަށް ގުނބުހިލިފައެވެ. މާނޭވާ ލަމުން އަހަރެމެންނަށް ހާއްސަކުރެވިފައިވާ ހިސާބު، އާދެ ހޯލުން ބޭރުގައި ސަފަކަށް އެތުރިއްޖައީމެވެ. އަސާގަނޑުގެ އެހީގައި ނިކަން މަޑުމަޑުން ހިނގާ މުސްކުޅިވެރިންނާއި، އެކިއެކި ބަލިތަކާހެދި މަޑުމަޑުން އާންމު ގޮތެއްގައި ހިނގާއުޅޭ މީހުންވެސް ހިމެނޭހެން ގާތްގަނޑަކަށް ހުރިހާއެއްމެން އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިތަނަށް އެ ޖަމާވީ ކިހިނެއްބާވައެވެ؟


އިސާހިތަކު އަތުން ހަނާއަޅުއްވަމުން އެމަނިކުފާނު އެ ވަދެވަޑައިގެންނެވީއެވެ. އެއިރު ހޯރަފުށީ ފަރީދާގެ އަޑުން "ގައުމަށް މިއަދު އަލިކޮށްލި ރީތީ ނިޝާނާ، ގައުމީޒައީމަށް ދެއްވި މާތްވި ހަނދާނާ" ލަވަ ހުރީ އަޑުގަދަ ކުރާއިން ޖަހާފައެވެ. ލަވައިގެ އަޑު ފަނޑުކޮށްލީ ރައްޔިތުންގެ ހުއްޓުމެއްނެތް އަތްތިލަބަޑި ޖެހުމަކުންނެވެ. މިއަދަކީ މިއަހަރު އެންމެ ގިނަވަގުތު ރަށަށް ކަރަންޓުދީފައި ހުންނާނެ ދުވަހެވެ. އާންމުގޮތެއްގައި ހުންނަނީ އިރުއޮއްސި ހަޔަކުން ފެށިގެން ދިހައެއް ޖަހާންދެން ކަމުގައި ވިޔަސް، މިއަދު މެންދުރުން ފެށިގެން ހުރީ ކަރަންޓު ދީފައެވެ. މައިގަނޑު މަގްސަދަކީ އަޑުގަދަ ކުރާއަށް ކަރަންޓު ދިނުމާއި، އެމަނިކުފާނު ފަރިއްކުޅުވާ މާލަމަށް ކަރަންޓު ދިނުން ފަދަ މުހިންމު މަޝްރޫއު ތަކަށެވެ.

އަތޮޅު ވެރިޔާއާއި، ކަތީބުގެ ހިތާބަށްފަހު ރައީސް ސްޓޭޖަށް އަރާވަޑައިގެން މައިކު ކައިރީ ހުއްޓިވަޑައިގަތެވެ. ގުރުއާން މުދައްރިސް މައިކު ކައިރިއަށް ލެފިލާ، މައިކު ޖައްސާ އެމަނިކުފާނުގެ އަނގަޔާ ސީދާކޮށްލެއްވިއެވެ. އެވަގުތު ޒޫން ލާފައި އެއަރައިގަތް އަޑަކާއެކު ހީވަނީ ކަންފަތް ފަޅައިގެން ދިޔަހެންނެވެ. ގިނަމީހުންނަށް ބުނެވުނީ "ސުބުހާނަށް ﷲ" އޭއެވެ. ގުރުއާން މުދައްރިސުގެ ދުވަސް މި ދިޔައީތާއެވެ. ޖަލަށް ނުލައިފިނަމަ ރަނގަޅެވެ. މައިކާއިބެހޭ ޒިންމާތަކުން ފޭލިވީއެވެ. ޒައީމުގެ ބަލާގާތްތެރި ވާހަކަކޮޅު ނުހަނު ދިގު އަރަބި ބަސްތަކަކުން ފެށްޓެވިއެވެ. 40 މިނެޓުގެ ތަގުރީރުގައި މިރަށަށް ކޮށްދެވުނު ކަންކަމާއި ކޮށްދޭން ގަސްތުކުރާ ކަންކަމުގެ މައްޗައް އަލިއަޅުވާލުމަކުން، ގައުމަށް އައިސްފައިވާ ތަރައްގީއާއި، އިސްލާމް ދީނުގެ ވާހަކަތަކުން، ގޮސް ނިމުނީ އެމަނިކުފާނު ދެން އަންނަ ދައުރަކަށްވެސް ހޮއްވަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގެ ވާހަކައާއެކުގައެވެ. ކޮންމެ ދެ ޖުމްލައެއް ދޭތެރެއިން ރައްޔިތުންގެ ހޫނު އަތްތިލަބަޑިއެއް އެމަނިކުފާނަށް އަރުވައެވެ. އެ ވާނީ އެމަނިކުފާނު ރައްޔިތުންނަށް ހެޔޮފުޅުކަމުންކަން ޔަގީނެވެ. ހޮއްވަވާނެ ކަމުގެ ޔަގީން ކަމަކީ އެއީތާއެވެ. އަހަރެން އަތްތިލަބަޑިޖެހީ ނަމަކަށެވެ. ސަބަބަކީ، އެމަނިކުފާނު މިރަށަށް ވީ ވައުދުތައް ކަމުގައިވާ ރަށަށްވަންނަ ނެރު ފުންކޮށްދިނުމާއި، ނެރުބައްތި އާކޮށްދިނުމާއި، މިސްކިތުގައި ތަށިމުށި ޖަހައިދިނުމާއި، އިސްކޫލަށް ބިދޭސީ ހިސާބު ޓީޗަރަކު ގެނެސްދިނުމާއި، އިސްކޫލުގައި ފާހާނަ ބަރިއެއް އެޅުމާއި، މެންދަމު އެގާރަ ޖަހަންދެން ހުންނަގޮތަށް ކަރަންޓުގެ ހިދުމަތް ތަރައްގީ ކުރުމާއި، "ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖެއް" ޕުރޮގުރާމު އިތުރަށް ފުޅާކުރުމާއި، ލިޔަން ކިޔަން ނުދަންނަ ނިސްބަތް 95 އިންސައްތައަށް މަތިކުރުން މިއީ އަހަރެންނަށް އެއްގޮތަކަށްވެސް ތަރައްގީގެ ގޮތުގައި ބަލައިގަނެވޭ ކަންކަމަށް ނުވުމެވެ. ފަސްއަހަރު ދުވަހުގެ އެޖެންޑާއަކީ އެއީއެވެ. މިކަންކަމާއި އަތްތިލަބަޑި ޖެހިޖެހީނުން ގިނަ ރައްޔިތުން އެތިބީ ކޮނޑުހުޅަށް ބޭސްކުރާން ޖެހިފައެވެ. ލިބޭނީ ހޯދިއެއްޗެއްތާއެވެ. ހޯދޭނީ ލިބޭނެއެއްޗެއްތާއެވެ. ސަހަރޯއެވެ.


ޒައީމުގެ ކުރީ ދަތުރުގައި ވެ ވަޑައިގަތް މިކަހަލަ ދޯހަޅި ވައުދުތަކުގެ ތެރެއިން ބައެއް ވައުދު އަދިވެސް ހުރީ ނުފުއްދެވިއެވެ. ކުރީދަތުރުގައި ބިންގާ އެޅުއްވި އިޖުތިމާއީ މަރުކަޒުގެ ބިންގަލުން މިހާރު ބާކީއޮތީ ފުލުގައިއޮތް ދެތިން ގަލެވެ. ބަނދަރު ހަދަން ޖެހި ކަޑަ ވެއްޓިގެން މިހާރު އެހެރީ 16 ވަނަ ކަޑަ ޖަހާފައެވެ. އަހަރެން އުފަން ނުވަނީސް ސިއްހީ މަރުކަޒެއް އަޅަން ޖެހި ކަޑަޔަކުން ބޮޑު މާސިންގާ ހިރުނދުގަހެއް ފަޅައިފިއެވެ. މާބޮޑު އުންމީދެއް ނެތީ އެހެންވެއެވެ. ކުރާނީވަކި ކީއްހެއްޔެވެ. އަމިއްލަ ނަފުސު ނޫނީ މިވާހަކަ ދައްކާލެވޭނެ މީހަކު އަމުދުން ނެތެވެ. އަނެއްކާ އަހަރެންގެ އުމުރުގެ ހަގުކަމާއި ހުންނަލެއް އަނަރޫފަކަމުން މިވާހަކަ ދެއްކިއަސް މީހަކަށް ކަހެރުވަކެކޭވެސް ހީވާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. ކަނޑުގައި ހުއްޓާ އަގު ކިޔަން އަހަރެންމީ ކާކު ހެއްޔެވެ؟


ޖަލްސާ ނިމިއްޖެއެވެ. ހޯލުން އެމަނިކިފާނަށް އެރުވި ހޫނު ތަރުހީބު ކައިރި ރަށްރަށަށް އަޑު އިވޭނެކަން ގައިމެވެ. ޕުރޮގުރާމުގައި ދެން ކުރިއަށް އޮތީ އިސްކޫލުގައި އަލަށް އިމާރާތް ކުރެވުނު ހަތަރު ކިލާހުގެ މައްޗަށް އެކުލެވޭ ކުލާސްރޫމު އިމާރާތް ހުޅުވުމެވެ. މިއިމާރާތަކީ "ސޭވް ދަ ޗިލްރަން"ގެ ހިލޭއެހީގެ ދަށުން އަޅާފައިވާ އިމާރާތެކެވެ. ނަންވާނީ ހައިވަކަރު އޮޑި ތާއެވެ. ހުރިހާ މުދައްރިސުންނާއި، ޕްރިންސިޕަލް މިހަފުލާގައި ތިއްބެވީ ރައީސް އަރިހުގައެވެ. އަންހެން މުދައްރިސުން ފިސާރި ގަދަ ކުލަ ކުލައިގެ ފާސްކުރި ހެދުންތަކުގައި ތިއްބެވިއިރު، ހެޑްމާސްޓަރު ނިކަން މައްޗަށް ބެގީޖައްސަވައި، ނުހަނު ފަލަ ޓައީއެއް ތުރުކުރައްވައިގެން ހެވިފައި އެތިއްބެވިގޮތުން ދެން އަންނަ ދައުރެއްގައިވެސް އެމަނިކުފާނު އުފަލުން ހޮވާނޭކަން މުޖައްރިބެވެ. ކިލާސްރޫމު ހުޅުވުމަށްފަހު ދެން އޮތީ އެމަނިކުފާނު އިއުލާނު ކުރެއްވި ފާހާނަބަރީގެ ބިންގާއެޅުއްވުމެވެ. ބިންގާ އެޅުމުގެ ގައު ޒައީމުގެ އަތްޕުޅަށް ދިއްކޮށްލެއްވީ ހެޑްމާސްޓަރެވެ. އެއިރު ގައު ތަންހަރުކޮށް ބޭއްވުމަށް ބޭނުންވާ ސިމެންތިކޮޅު އޮތީ ހާކާފައެވެ. ޒައީމަށް ހަމައެކަނި އޮތީ ދިއްކޮށްލެއްވި ގައުކޮޅު ބާއްވާލުމެވެ. އަތް މަޑު ނުވިއްޔާ ދެރަ ނޫންހެއްޔެވެ؟ މިހިސާބުން މި ފަސްއަހަރަށް އަންނާނެ ތަރައްގީއެއް އައިސް އެ ނިމުނީއެވެ. ދެން އޮތީ އެންމެ މުހިންމު ނަންބަރު ކަމަށްވާ އެމަނިކުފާނުގެ ޝަރަފުގައި ތައްޔާރު ކުރެވިފައިވާ ފަރިއްކޮޅަށް އިންސާފު ކުރެއްވުމެވެ. އަޑުއިވޭ ގޮތުގައި އެމަނިކުފާނު ފަރިއްކުޅުވަން ހާއްސަކުރެވިފައިވާ ތަށި ސަމުސާ ފަދަ ތަކެތި ހާއްސަ ވަފުދެއްގެ ބެލުމުގެ ދަށުންވަނީ މާލެއިން ގެނެވިފައެވެ. އެތަކެތި މޭޒުމަތީގައި އަތުރާ ހިސާބުން ސިފައިން އެތަކެތި ގާޑުކޮށްގެން ތިބެޔޯލައެވެ. އަދި އެމަނިކުފާނަށް ތައްޔާރުކުރެވިފައިވާ ހުރިހާ ތަކެއްޗެއް ސިފައިންގެ ހާއްސަ ވަފުދަކުން ކައި، ވިހަލާފައިވޭތޯ ރަނގަޅަށް ތަހުލީލު ކުރެޔޯލައެވެ. މިވަރު ކުރާނީ އެމަނިކުފާނަށް ހާދަހާ ނުރައްކަލެއް އޮތީމާތާއެވެ. މިވަރުގެ ގެއްލުމެއް މިހާ ރައްޔިތުން ލޯބިވާ ބޭފުޅަކަށް ދޭން އެއުޅެނީ ކާކުބާވައެވެ؟ މިޒާތުގެ ބޮޑެތި ކަންކަމަކީ އަހަންނަށް ވިސްނައިގަންނަންވެސް ނޭނގޭނެ ކަންކަމޭ ހިތާ އެހިޔާލު ކުރުކޮށްލީމެވެ.


އެމަނިކުފާނު އެ ވަޑައިގެންނެވީ ފަރިއްކޮޅަށް އިންސާފުކުރެއްވުމަށް އިސްކޫލުގައި ތައްޔާރު ކުރެވިފައިވާ މާލަމަށެވެ. ހުއްދަނެތް އެއްވެސް މީހަކު އެހިސާބަށް ކައިރިވުންވެސް މުޅީން މަނަލެވެ. ސިފައިން ހަތިޔާރާއެކު ތިބީ ގާޑުކޮށްގެންނެވެ. މަންމަމެން ކެއްކި ތަކެތި އެމަނިކުފާނަށް މީރުވޭތޯ އަހަރެން ހުރީ ހިތާހިތުން ދުއާ ކޮށްކޮށެވެ. އެހެން ނުވެއްޖެނަމަ މަންމަ ކުރާނެ ހިތާމައާއި ރަށަށް ލިބިދާނެ ހުތުރު ނަމަކަށްޓަކައެވެ. ފަނަރަވަރަކަށް މިނެޓަށްފަހު އެމަނިކުފާނުގެ ވަފުދާއިއެކު ނުކުންނަވައިފިއެވެ. ހާދަހާ އަވަހަކަށް ފަރިއްކުޅުވާ ބޭފުޅެކެވެ. ނޫނީ އެއްވެސް އެއްޗެއް ނުކަނީ ބާވައެވެ؟ ނޫނީ މަދުމަދުން ފަރިއްކުޅުވަނީ ތޯއްޗެކެވެ. އަނެއްކާ މީރު ނުވީބާވައެވެ؟ ފުރޮގުރާމުގައި ދެން އިތުރުކަމެއްނެތެވެ. އެމަނިކުފާނު މިސްރާބުޖެއްސެވީ ފާލަމާ ދިމާލަށެވެ. ރައްޔިތު އެންމެން ކަހަލަ ގޮތަކަށް އެމަނިކުފާނުގެ ފަހަތުން ތިބެ އާދެއެވެ. މިހާރު ދޮންވެލީގެ މަތީގައި ހިނގުމުގެ ހުއްދަ އެންމެނަށް އޮތީ ހުޅުވާލާފައެވެ.

އިސްކޫލުން އެމަނިކުފާނު ނުކުންނެވީންސުރެ އަޑުގަދަ ކުރާއިން ހުރީ "ތިޔައީ ޒައިމޭ އަދު ލޮބުވެތި މިދިވެހި ގައުމު ފަހުރުވެރިވާ" ރިޕީޓަށް ލައިފައެވެ. މިރަށުން ނުވެގެން ކައިރިރަށްރަށަށްވެސް އިވޭވަރަށެވެ. އަހަންނަށް ރާގު ކިތަންމެ ރީއްޗަސް ލަވަ ރީއްޗެއް ނޫނެވެ. އިސާހިތަކު އެމަނިކުފާނުގެ ވަފުދާއި ސަލާންކުރެއްވުމަށްފަހު ފާލަމަށް އަރާވަޑައިގެން އަތުގެ އިޝާރާތުން ރައްޔިތުންނާއި އަލްވަދާއު ވިދާޅުވިއެވެ. އެއާއެކު އެއްބަޔަކު ރޮއިގަތްއަޑުވެސް އިވެއެވެ. އަނެއްބަޔަކު ދެއަތްމައްޗަށް ނަގައިގެން ތިއްބެވެ. މުޅި ހިސާބުގައި އޮތީ ހިތާމައިގެ މޮޅިވެރިކަމުގެ ސާލެއްލައިފައެވެ. ހީވަނީ އެންމެން ޖަނާޒާއަކަށް ޖަމާވެތިބިހެންނެވެ. ގިނަމިހުންގެ ބަސްހުއްޓި ކަރުއެލި، މާބޮޑު ބަހެއް ނުކިޔާ ގަބުކައިފައެވެ. އެމަނިކުފާނު ފައްތިޔާ ލާންޗުކޮޅަށް، ފާލަމަށް ހިންގަވައިގަތެވެ. ރަސްމިއްޔާތު ނިމުނީއެވެ. ޒައީމު ފުރާވަޑައިގަތީއެވެ. ފާލަމުން ނައްޓާލުމާއިއެކު ރައްޔިތުން އަތިރިމައްޗަށް ދުއްވައިގަތެވެ. އެމީހަކާ އެމީހެކެވެ. ބައެއް މީހުން އުރުގައިއިން ދަރިވެސް ބަހައްޓާފައެވެ. މިވަނީ ކިހިނެއް ބާވައޭ ހިތަށްއަރާ އަހަރެން ކުޅިބަލަން ލެފިލީމެވެ. ހުރިހާއެންމެން ޒައީމު ވަޑައިގަންނަވާތީ މޫދަށް ފުންމާލަނީ ބާވައެވެ؟ ނޫނެކެވެ. ޒައީމަށް ޓާޓާ ކިއުމަށް އެމަނިކުފާނަށް ލާންޗުގައި އިންނައިރު ފެންނަ ހިސާބަކަށް އަތިރިމަތީން ޖާގައެއް ހޯދީއެވެ. މިސްކިތު ކުރީސަފުން ޖާގަހޯދަންވެސް މިވަރެއް ނުވޭވިއްޔާއެވެ. އަނެއްކާ ޒައީމު ބަލާނީއެއްވެސް ނޫނެވެ. މިރަށުގައި އެމަނިކުފާނު ހޭދަކުރެއްވީ ބަރާބަރު 3 ގަޑިއިރާ 13 މިނެޓެވެ. އަހަރެން ގަޑިބެލީމެވެ. ރަށަށްއައި ބޮޑު އީދު ނިމުނީއެވެ. ސަރުކާރުން ރަށަށް މި ފަސްއަހަރު ކޮށްދޭނެ އެންމެބޮޑުކަންތަށް ނިމުނީއެވެ. ކުރިއަށްއޮތް ފަސް އަހަރަށް، ރައްޔިތުންނަށާއި ރަށަށްވާން އޮތް ހުރިހާ މޮޅެއް ލިބުނީއެވެ. ތަރައްގީވެ ނިމުނީއެވެ. ބޮޑުމަގަށް އެޅި ދޮންވެލި އިސާހިތަކު ކަޅުވެ އިހުހުރި ގޮތަށްވާނެއެވެ. ފާރުތަށް ފެހިޖަހާ ވީރާނާވާނެއެވެ. އިސްކޫލު ކިޔެވުންފެށި، ރަނގަޅަށް އިނގިރޭސިން ވާހަކަ ދައްކަންނޭނގޭ ހިސާބުގައި އަހަރެމެން ހަރުލާނެއެވެ. މީހަކަށް ކިރިޔާ ކަމެއްދަމެއް ބޮޑުވިޔަސް ފުރައިގެން އަދިވެސް ދާންޖެހޭނީ ވެރިކަންކުރާ ރަށަށެވެ. ގިނަފަހަރަށް އެރަށުންވެސް މުހުތާދު ނުފުދިގެން މާލެއަށެވެ. ދުނިޔޭގެ އާޖުފާޖު ނޭނގޭ ރާއްޖެތެރޭ މީހުންގޮތުގައި އަހަރެމެން އުޅެ އިސާހިތަކު ފަސްދަށުލެވި ނެތިދާނެއެވެ.


އެންމެބޮޑު ހިތާމައަކީ އެއެއްވެސް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތައް ފަތުއަޑު ކިޔާފައި އެހެރަ ކުރިއަރާ ދަނީއެވެ. ގައުމުތައް ރަނގަޅަށް ޕްލޭންކޮށް، ބޭރުގެ އިންވެސްޓަރުންނަށާއި އިންވެސްޓުމަންޓު ތަކަށް ގައުމު ހުޅުވާލަނީއެވެ. ގައުމަށް ބޭނުންވާ ކިޔަވައިގެން ތިބި ދަރިންތަކެއް އުފެއްދުމަށް ތައުލީމީ ނިޒާމު ހަރުދަނާކޮށް ވަރުގަދަ ކުރަނީއެވެ. އެގައުމެއްގެ ނިސްބަތުން ކުރެވޭނީ ކޮންކަހަލަ ވިޔަފާރިތަކެއްތޯ، އުފެންދުންތެރިކަން އިތުރުކުރެވޭނީ ކިހިނެއްތޯ ބެލުމުގައި ހޭބޯނާރާ އުޅެނީއެވެ. ކާރުހާނާތައް އަޅާ، މަސައްކަތްތެރި ޖީލެއް ބިނާކުރަނީއެވެ. ލާރިހޯދާ ގައުމު މުއްސަނދިކުރާނެ ގޮތުގެ ބުއްދި ކުރުމުގައި ހޭބޯނާރާ އުޅެނީއެވެ. ސިންގަޕޫރުގެ ރައީސް ލީކުއާންޔޫމެން އުޅޭގޮތް އަހަރެމެންގެ ރައީސަށް ނުފެންނަނީބާވައެވެ؟ ގައިމު އެހާވަރަށް ސިންގަޕޫރަށް ވަޑައިގަންނަވާއިރު އެގައުމަށް އަންނަ ބަދަލު ނުފެންނަނީ ބާވައެވެ؟ ޒައީމުގެ އެކުވެރި މަހާތީރުމެން ގައުމު ކުރިއަރުވަން ކުރާ މަސައްކަތް ނުފެންނަނީ ބާވައެވެ؟ މަހާތިރުމެން މިކަހަލަ ވާހަކަ ޒައީމާ ނުދައްކަވާ ބާވައެވެ؟ ބޮޑު ގަނޑުވަރެއްގައި އާއިލާ ހުރިހާއެންމެންނާއި، ރައްޓެހިން ކައިރިޔަށް ލަފައިގެން އެކުރައްވަނީ ކޮންކަމެއްބާވައެވެ؟ އަހަރެމެންނަށް ހައްގު މިންވަރަކީ އެމަނިކުފާނު ވަޑައިގެން ސަލާންކޮށްލެއްވުން ބާވައެވެ؟ ނޫނީ ދައުލަތުގެ ކޮންމެ އިދާރާއެއްގައި ބަހައްޓާފައި ހުންނަ އެމަނިކުފާނުގެ ބޮޑު ފޮޓޯކޮޅަށް ބަލަހައްޓައިހެން ތިބެންވީ ހެއްޔެވެ؟ 'ދެއްވިއެއްޗަކާ ހަކުރާ ކައިގެން' އުޅުމީ އަހަރެމެންނަށް ހައްގު މިންވަރުބާވައެވެ؟ އަހަރެމެން ގައުމުގެ ފެންވަރަކީ މިއީބާވައެވެ؟ މީގެ ޒަމާންތަކެއްފަހުން ދުނިޔޭގެ އެހެންގައުމުތަކާއި އެއްހަމައަކަށް ދެވިދާނެބާވައެވެ؟ އެކުވެރި ދައުލަތްތަކުންނާއި، ދޭދޭގައުމުތަކުން އަހަރެމެން ސަލާންޖަހަން ގެންގުޅޭ ނާށިގަނޑަށް ވައްޓާލާ އެތިކޮޅުގެވެސް ރައްޔިތުންނަށް ލިބޭ ދެބައިކުޅަ އެއްބައި ނޫން ގޮތްގޮތްވެސް އެބަހުރިކަން ޒައީމަށް ނޭނގެނީބާވައެވެ؟ ރަނގަޅަށް ޕްލޭނުކޮށް، ލާރިހޯދައި، ގައުމު މުއްސަނދިކުރެވެން އޮއްވައި، ހޮޅިންނަށް ދިގުރަށް ދައްކާހެން ކޮއްޓާލަ ކޮށްޓާލާ މިހެންތިބެ ގައުމުގެ ހަޔާތުން ބޭކާރުވެ މިދަނީ ހާދަހާވާ ދުވަހެކެވެ. ހިތާމައެވެ. ކޮޅުނެތްކޮޅަށް ހިތާމައެވެ.