ހޮޅިންނަށް ދިގުރަށް ދައްކާހެން ރާއްޖެ ތަރައްގީކުރުން: ދިގު 30 އަހަރު
(ބާބު 1)
އިހުގެ ހަނދާނެކެވެ. އިސްކޫލުން އަންގާފައިއޮތީ މާދަމާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު ވަޑައިގަންނަވާތީ މެންދުރު ބާރަގަޑި ބަޔަށް ފާލަން ދޮށަށް ދާންޖެހޭނެ ކަމަށެވެ. މިބުނާ ޒަމާނަކީ، ރައީސް މައުމޫނުގެ ފުރިހަމަ ރަސްމީ ދިގުނަން ނުކިޔައިފިނަމަ މަންމަ ކަންފަތުގައި ހިފިހިފީނުން ރޮއްވާލާނެ ޒަމާނެވެ. ރައީސް މައުމޫނު ޒިޔާރަތް އެކުރައްވަނީ 5 އަހަރު ފަހުން ކަމުން، މިއީ ރަށަށް އަންނާނެ އެންމެ ބޮޑު އީދެވެ.
ރައީސް ދަތުރުކުރައްވާނެ ހުރިހާ މަގެއްގައި ފެހިޖަހާފައި ހުރި ހުރިހާ ފާރެއް ދޮވެ، ހުދު ކުލައިގެ އުވަ ލައި، އެހެރީ ޒީނަތްތެރިކޮށްފައެވެ. އެ މަގުތަކުގައި ހުރި ބައެއްގޭގޭގެ އީޓުވެސް އެހެރީ ބަދަލުކޮށްފައެވެ. ފަޅުކޮށް، ބައުވެފައި ހުރި ގޭގެ، ފަންދަމާ ފޮރުވައިފިއެވެ. މަގުމަތީގައި ހުރިއްޔާ ހުރި ގަހެއް އެހެރި ރީއްޗަށް، މަހުރަޖަށް ކޮށާފައެވެ. ތަންކޮޅެއް ގަސް މަދު ދިމަ ދިމާލުގައި މިއަދު ވަލުން އުފުރާލައިގެން ގެނެސް ބޮޑެތި ގަސް އެހެރީ އިންދާފައެވެ. ހޫނު ގަދަ ކަމާއެކު އިސާހިތަކު މޯޅިވެދާނެތީ އިރުއިރުކޮޅާ ފެންއަޅަން މީހުން ތިބީ ހަމަޖައްސާފައެވެ. ބޮޑެތިކޮށް މަގަށް ވާގޮތަށް ހުރި ބަނބުކެޔޮ ގަސްގަހުން ޅަކޮށް ހުރި ކެޔޮވެސް ހިމެނޭހެން ހުރިހާ ކޭލެއް ކަނޑައިފިއެވެ. ފޭރުގަސް ގަހުގައި ހުރި ޅަ ފޭރުވެސް ބިނދެފިއެވެ. އަތަގަސްވެސް އެކީއެކަށް ސާފުކޮށްފިއެވެ. ކުންނާރުގަހުގައި މަގާ ވީ ފަރާތުގައި ހުރި ހުރިހާ ކުންނާރެއް ބިނދެ ހަންމަތަކޮށްފިއެވެ. އެމަނިކުފާނުގެ އިސްތަށިފުޅަށް ގުދުރަތީގޮތުންވެސް ހަމަލާއެއް އަތުވެދާނެކަމުގެ ބިރަށެވެ.
ފާލަމުން ފެށިގެން އިސްކޫލު ހޯލާ ހިސާބަށް އެކި ޑިޒައިނުގެ ދިހަ ވަރަކަށް ގިޑިގެ ހަދާތާ މިހާރު 2 މަސް ވީއެވެ. ބައެއް ގިޑިގެ ތަކުގައި މިހާރު ކުރަމުން އެދަނީ ކޫރުދަމާލުން ކަހަލަ ކުދިކުދި ކަންކަން އެކަންޏެވެ. ޔަގީނުންވެސް މާދަމާއަށް ނިމޭނެއެވެ. އެއް ގިޑިގެއިން އަނެއް ގިޑިގެއާ ދެމެދު އެކީއެކައްޗަކަށް އެހެރީ "ތިޔައީ ރާއްޖޭގެ ތަރައްގީގެ ބާނީ" "މަނިކުފާނު ނުވީނަމަ ރާއްޖެ ނުވީސް" ކަހަލަ ކިރިޔާ ކުފުރު ނުވާނެ ޒާތުގެ އެއްޗެހި ލިޔެ ދަމާފައިވާ ބެނާތަކެވެ. އަހަރެން ހިތާހިތުން އަހާލަމެވެ. އެމަނިކުފާނު ވަފުދާއިއެކުގައި ވަޑައިގަންނަވާއިރު މިހުރިހާއެއްޗެއް ކިޔޭނެބާއެވެ؟ މަންމަ ބުނާގޮތުން އެއީ ރާއްޖެގައި ހުރި އެންމެ މޮޅު، އެންމެ ފުންނާބުއުސް ބޭފުޅާއެވެ. އަޒުހަރު ޔުނިވަރސިޓީއިން ކިޔަވައިގެން ހުރި ބޮޑު އިލްމުވެރިއެކެވެ. ޔަގީނެވެ. ކިޔާނެއެވެ. ކިޔޭނެއެވެ. ބެނާތަކުގެ މަތީގައި، ފާލަމުން ފެށިގެން އިސްކޫލު ހޯލާ ހަމައަށް ފެއްސާ ރަތާ ހުދުގެ ދިދަފަތި އެހެރީ ދަމާފައެވެ. ދިދަ ފަތިތަކުން މުޅި މަގު އޮތީ ހިޔާވެފައެވެ. އިއްޔެ ހަވީރު މާމަ ގެއަށް ދިޔައިރު ކަތީބުވެސް ހުރީ ހަރުގަނޑަކަށް އަރާ ދިދަ އައްސާށެވެ. ދަމުން ދަމުން ހަރުގަނޑުގައި ލައިގަނެފާނަމޭ އަހަރެން ހިތައްއެރިއެވެ. އެކަމަކު އޭރުން ދުވަސް ދިޔައީއެވެ. އަހަރެން މަރާނެއެވެ. ވާނީވެސް އެހެންތާއެވެ. ކަތީބު ވެއްޓި ޖެހޭ ގޮތަކުން މާދަމާ ރައީސްގެ އިސްތިގުބާލަށް ނުދެވިއްޖެނަމަ ކަތީބުގެ މުޅި ޒިންދަގީ ދާނެއެވެ. އެވަރުގެ ލަނޑެއް ދޭކަށް ނުވާނެއެވެ.
ފާލަމާއި އިސްކޫލާ ދުރުކަން އެއީ އަހަރެމެންގެ ބަދުނަސީބެވެ. އެމަނިކުފާނު ވަޑައިގަންނަވާ މަގަށް އަޅާން ޖެހުނު ހުދު ވެލި ގިނަކަމުން، ރަށުގެ ކުޑަ ތުނޑި އެއްކޮށް ގެއްލިއްޖެއެވެ. ރަށު ތުނޑިއަށްވުރެ އެމަނިކުފާނު ހިތްހަމަޖެއްސުން މާ މުހިންމުވާނެތާއެވެ. އަހަރެމެންވެސް ހިސާބަކަށް ވެލިއެޅުމުގައި އުޅުނީމެވެ. ވެލި ނާޅާ މިހާރު މަގުގެ އެއްފަޅީގައި ދޫކޮށްލާފައި އެއޮތް ތަންކޮޅަކީ މާދަން ވާންދެން މީހުން ހިނގާން އޮތް ތަންކޮޅެވެ. އެތަނަށް ވެލި އަޅާނީ ހުރިހާ ރައްޔިތުން އިސްތިގުބާލަށް ފާލަންދޮށަށް ދިޔައީމައެވެ. ދޮންވެލި އަޅާފައިވާ ބަޔަށް އެރުން މުޅީން މަނަލެވެ. ވެއްޓެން ދިޔަޔަސް ވެލިއަޅާފައިވާ ތަނުގެ މައްޗަށް ނުވެއްޓިވޭތޯ އަހަރެމެން ބަލަމެވެ. ވަރަށް ބޮޑަށް ކުށްވެރިވާނެތީއެވެ. މުޅި މަގުގައި ފިސާރި ރަނގަޅަށް ފަރުހަކިވަސް ހިފާލާފައި އެހެރީ ތާޒާ ދޮންވެލި ނެގިގޮތަށް ގެނެސް އެޅީމައެވެ. ކުރާނެ ކަމެއްނެތެވެ. އެހާ ހުދުވެލި ހަމައެކަނި ލިބުނީ ކުޑަ ތުނޑިން އެކަންޏެވެ.
ސްކޫލު ހޯލު ޒީނަތްތެރި ކުރުމުގައި ހުރިހާ މުދައްރިސުންނާއި، ސަރުކާރު މުއައްޒިފުން ދެފައި އެއްތާ ނުޖެހި ތެޅި ފޮޅެނީއެވެ. ގާތްގަނޑަކަށް 30 ހަކަށް ރުއް އެކަށް ކޮށާލައި، އޭގެ ފަނުން މުޅި ހޯލާއި އެމަނިކުފާނަށް ޖާފަތް އަރުވާނެ މާލަމް ހުރީ ނިކަން ރީތިކޮށް ޑިޒައިންކޮށްފައެވެ. މި މަސައްކަތަކާއިހެދި އިސްކޫލު ބަންދުތާ މިހާރު 2 ދުވަސްވަނީއެވެ. އަހަރެން އެންމެ އުފާވީ މިކަމާއެވެ. ރައީސް މައުމޫނު ވާހަކަފުޅު ދައްކަވަން މުޅީން އަލަށް މައިކާއި ސްޕީކަރު ސިސްޓަމެއް އެޓޯލްސް މިނިސްޓްރީއިން ފޮނުވިއެވެ. އެ ސިސްޓަމު ރަށަށް ގެނައި ދުވަހު އެ ބޭލުމަށާއި، ބަލާލަން ފާލަންދޮށަށް ރައްޔިތު ގިނަބަޔަކު އެއްވިއިރު އަހަރެންވެސް ދިޔައީމެވެ. ބޮޑު 5 ފޮށިގަނޑުގެ ސިސްޓަމެކެވެ. މާލެއިން މި ހިފައިގެން އައީ ބޮޑުކަތީބެވެ. ސައުންޑު ސިސްޓަމް ހިފައިގެން ކަތީބު ނުހަނު ފަހުރުވެރިކަމާއިއެކު ފައިބާ ވަޑައިގަތުމުން، ވަރަށް ހޫނު މަރުހަބާއެއް ރައްޔިތުން ދެންނެވިއެވެ. އެއްބަޔަކު ތަކުބީރު ގޮވާއަޑުވެސް އިވެއެވެ. އަނެއްބަޔަކު ކަތީބާ ސަލާން ނުކުރެވިގެންވެސް އުޅުނެވެ. އަނެއްބަޔަކު ކިޔައެވެ. "ނައިފަރު ދޮހޮއްކޮގެ އަސްލު އަޑު، ސާފުކޮށް އިވޭހާ މޮޅު ސިސްޓަމެކޯލައެވެ". އަހަރެން ހިތަށްއެރިއެވެ. ބޮޑު މަޝްރޫއުއެއްތާއެވެ. މުޅި ރަށުގައިވެސް ކަރަންޓު ދެ ވާގަނޑެއް ދޭއްޗަށް ގުޅާން ޖެހިއްޖެނަމަ އެކަން ހަމައެކަނި ވާނީ ގުރުއާން މުދައްރިސަށްކަމުން، މައިކުގެ ނަރުތައް ގުޅުމުގައި އިސްކޮށް އުޅުނީ ގުރުއާން މުދައްރިސެވެ. މައިކާއި ސައުންޑު ސިސްޓަމު ގުޅާ ކަރަންޓު ދިން ފަހުން މުޅި ރަށުން އިރުއިރުކޮޅާ "ޓެސްޓިން ވަން، ވަން، ވަން ޓޫ، ވަންޓޫ" މުދައްރިސުގެ މަހުރަޖުން ގޮވާއަޑު ކަނޑައިގެން ނުދެއެވެ. މަންމަވެސް ދަތްކުދިފުނާ އަޅަން ހުރެގެން މަޑުމަޑުން ކިޔައެވެ. ވަރުގަދަ ވަންޗޫ ވަންޗުއެއް ނޫން ހެއްޔެވެ.
ޒައީމަށް ފަރިއްކޮޅު އަރުވަން ރަށުން ހޮވާލެވޭ ކެއްކުންތެރިންގެ ޓީމެއް އޮތީ ނަގާފައެވެ. ޓީމު ވިލަރެސް ކުރަން ސަރުދާރަކަށް ހުރީ ކަތީބު އަންހެނުންނެވެ. ހަވާދު ދެވުމާއި، މަސްފަލަ ދިވެހި ކުކުޅު ހިފުމާއި، ރަނގަޅު ތާޒާ ފަރުމަސް ހޯދުމާއި، މިނޫނަސް ފަރިއްކޮޅަށް ބޭނުންވާ ކަންކަން މިއީ ސިދާ ކަތީބު އަންހެނުންގެ ބެލުމުގެ ދަށުން މި ފަސްއަހަރު ހިނގާނެ އެންމެބޮޑު މަޝްރޫއުއެވެ. ކައްކަނީ ކަތީބުގޭގެ ވަލުފަރާތުގައި އަޅިއުނދުން ޖަހައިގެންނެވެ. ކަތީބު އަންހެނުންގެ ކޮމާންޑަކީ މިހާލަތުގައި އެއްވެސް މީހަކަށް ސުވާލުކުރެވޭނެ، ތަނާޒުލުވެވޭނެ އެއްޗެއް ނޫނެވެ. އަލިފާންގަނޑަށް ފައި ކޮއްޕާލާށޭ އެންގިޔަސް ކައްކާ ޓީމުން އެކަން ހޭވެސް އަހާނުލާ ކުރާނެއެވެ. މަންމަ މި ޓީމުގައި ހިމެނި، މިކަމަކާ ބުރަކޮށް އުޅެން ޖެހިފައިވާތީ އަހަންނަށް އޮތީ ބޭނުން ކަމެއް ކުރަން ފިސާރި މިނިވަންކަން ލިބިފައެވެ. ދެ ދުވަހަކު ވަގަށް މޫދަށްވެސް ގޮއްސީމެވެ. ކޮރަކަލި ބާނަންވެސް ދިޔައިމެވެ. ޖެހިގެން ހުރިގޭގެ ފޭރުގަހުން ވަގަށް ކޮންމެ ދުވަހަކު ފޭރުވެސް ބިންނަމެވެ. މަންމައަށް ދޮންކަޅުވެސް ނޭނގެއެވެ. އެއަށްވުރެ ޒައީމުގެ ފަރިއްކޮޅު ލޮނު ހެޔޮވަރުކުރުން މަންމައަށް މާ މުހިންމެވެ. މީރު ނުވެއްޖެނަމަ ތަރައްގީގެ އެއްވެސް ރަހައެއް ރަށަށް ނުލައިފާނެއެވެ.
އެކުން އަހަންނަށް ވެފައި މިހިރަ ގޮތަކީ ރަނގަޅަށް ބުޑު ހަލުވާ، ބަނޑިބަނޑި ލައްވަން ނޭނގޭތީ ރައީސް ކުރިފުޅުމަތީގައި ނަށާގުރޫޕަށް ލައްވާނުލީއެވެ. ކަމެއްނެތީ އެހެންވެއެވެ. ނެގި ވިހި ކުދިންގެ ތެރޭގައި ނުހިމެނުމަކީ ނަސީބެކޭވެސް ހިތައްއަރައެވެ. އެމަނިކުފާނު ކުރިފުޅުމަތީ ނެށުމަކީ އަހަރެން މުޅިން ހާސްވެ، ދާހިއްލާ، ދެފައި އޮޅި، ހަދާނެ ނުހަދާނެއެއް ނޭނގި، މުޅި ރަށަށް ފަލީހަތްވެ، ހަޔާތަށް އޭގެ ހިޔަނި އެޅިދާނެ ކަމަކަށް ވެދާނެއެވެ. އަހަރެންގެ ރާޑަރުގައި އެތައް މަންޖެއެއް ތިބިއިރު އެމީހުންނާ ހަތަރުކަޅި ހަމަކުރާކަށް އެއިރުން ހިލާ ނުކެރޭނެއެވެ. ހަމަ ނަސީބެއްތާއެވެ.
އެމަނިކުފާނުގެ އަރުމާޒުން ފާލަމާ ހަމަޔަށް އަންނައިރު ދެ ވަދުދޯނީގައި ދަފިނެގުމާއި، ސަގާފީ ދަނޑިޖެހުން އެއީ މިރަށުން ހުށައަޅާނެ ފުރަތަމަ އައިޓަމެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން މަހަށް ފުރާ ފަސް މަސްދޯނީގެ ތެރެއިން ކޮންމެ ދުވަހަކު މަހަށް ދިޔުމުގެ ހުއްދަ އޮންނަނީ އެއް ދޯންޏަށެވެ. އެހެންކަމުން، ރަށުތެރޭގައި ކަނޑުމަހުގެ ތަދުމަޑުކަމެއް ކޮންމެވެސް ވަރަކަށް އޮންނަތާ ދެމަސްދުވަސް ވަނީއެވެ. އަހަރެން ތާޒާ ގަރުދިޔަކޮޅެއް، ފިހުނު މަސްކޮޅެއް ނުކާތާވެސް އެހާ ދުވަސްވީއެވެ. ވަރުގަދަ އާފާތެކެވެ. ނަމަވެސް މިކަމާ ދެކޮޅަށް އިހުތިޖާޖުކޮށް ޗުއްޕުވެސް ބުނެލާނެ މީހަކު ނެތެވެ. ވާނީވެސް އެހެންތާއެވެ. ފާލަމުގެ މެދުންނާއި، ކުރީކޮޅުން ދެއަހަރުވަންދެން ފޫގޮއްސައިއޮތް ބައި މަރާމާތުކުރުމާއި، ކައިރިކުރާ ދިމާލުގައި ވެއްޓިފައިއޮތް ސިޑި އަލުންބަލުން ހެދުމާއި، ވައު އައްސާ އިތުރު ދެ މޫޓު ހެދުން އެއީ ރައީސް ވަޑައިގަންނަވާތީ އެޓޮލްސް މިނިސްޓްރީއިން ގެނެސްދިން ބޮޑު ތަރައްގީއެކެވެ. މިކަން ކޮށްދިނުމާއެކު މަސްވެރިން އެތިބީ ކުރިޔަށްއޮތް 20އަހަރަށްވެސް އެމަނިކުފާނަށް ވޯޓުދޭން އަރުވާޖަހައިގެންނެވެ. މިއައިޓަމަށް ތައްޔާރުވާނެވަރު ދެން ވަޒަންކޮށްލާށެވެ. ބައެއް މީހުންނަށް އަނބިދަރީން ނުފެންނަތާވެސް ދުވަސްގަނޑެއް ވެދާނެއެވެ. ހޮޅުއަށީގައިވެސް ޕްރެކްޓިހެވެ. ދެމީހަކު އެއްތަންވިޔަސް ބަނޑިލައްވާނެގޮތް އެކަކު އަނެކަކަށް ކިޔައިދީ ކޮނޑު ހަލުވާ އުޅެތެވެ. ނިދީގައިވެސް ތިބޭނީ އެ ބަނޑިބަނޑި ލައްވަލައްވާކަން އަހަންނަށް ޔަގީނެވެ.
ކޮންމެއަކަސް، މިހުރިހާ އައިޓަމެއްގެ ވިލަރެސްވެރިޔާ، އަހަރެމެންގެ ލޮބުވެތި ބޮޑުކަތީބު، މިދިޔަ ފަސްދުވަހު ނިދިކުރެއްވިހެނެއް ހިއެއްނުވެއެވެ. އަބަދުވެސް އެ ހުންނަވަނީ އަތޮޅުވެރިޔާ ކޮންމެ ވަގުތަކުވެސް ވޯކީޓޯކީން ގޮވާލާ، ކަންކަންދާގޮތް ބަލާނެ ވަގުތަކަށް ހުށިޔާރުވެގެންނެވެ. ގޮވާލާ ކޮންމެފަހަރަކު ޓޯކީގެ ދަނޑި ދަމާ ދިގުކޮށް، އުތުރުތަނޑިޔާ ދިމާލަށް ދިއްކޮއްގެން، އަތިރިމަތީ ދެކޮޅަށް ހިނގާލަ ހިނގާލާ އެދައްކާ އޮލަ ވާހަކައެއްގައި ނިކަން އިރު ހުރެއެވެ. އަހަރެން ހިތަށް އަރައެވެ. އަތޮޅުވެރިޔާ ވަޑައިގެން މިރަށުގައި ނުހުންނަނީ ކީއްވެބާއެވެ؟ އެއިރުން ގައިމު ކަތީބަށް މި މުސީބާތެއް ނުޖެހޭނެތާއެވެ. އެ ވާނީ އަތޮޅުގެއެއް ނުހުންނާތީ، އަތޮޅުވެރިޔާ ހުންނަވާނެވަރުގެ ތަނެއް މިރަށުގައި ނެތީކަމަށެވެ. ރައީސް މައުމޫނަށް މިވާހަކަ ދަންނަވަންވީއެވެ. އެކަމަކު މަންމަ އޮތީ އެކަންވެސް މަނާކޮށްފައެވެ. ދަރިފުޅާ ހަބަރުދާރެވެ! އެމަނިކުފާނު އިސްވެ އެއްޗެއް ދެންނެވިއްޔާ ނޫނީ އަނގަވެސް ހަށިގަނޑުގެ އެހެންތަނެއްވެސް ގުޑުވާލައިގެން ނުވާނެކަމަށް އޮތީ އަންގާ އަމުރުކޮށްފައެވެ. ކުރާނެކަމެއް ނެތެވެ.
ދެންފަހެ މިހެން ފިކުރުކުރާން އޮވެގެން ފަރުޖެއްސޭކަށް ނެތެވެ. މާދަމާ އަކީ ބޮޑު ދުވަހެވެ. ބޮޑު ފަތިހާ ހޭލެވޭނީ އަވަހަށް ނިދިއްޔާތާއެވެ. އަހަރެންގެ ވަރުންވެސް ކުރާންޖެހޭ ލައްކަ ކަންކަން އެބަހުއްޓެވެ. ބޮލުގައި ފުނާ އަޅާނެ ގޮތުގެ ނަމޫނާއެއްވެސް ހައެއްކަ ފަހަރު މިހާރު ހަދައިފީމެވެ. ޔުނީފޯމުގައި ދާންޖެހޭތީ މަންމަ ކައިރީ ރޮއެގެން ދެބުރަށް އެވެސް އިސްތިރިކުރުވައިފީމެވެ. ޔުނީފޯމުގަ ރުލެއް ހުރިކަން އެމަނިކުފާނަށް ފާހަގަ ކުރެވިގެން ބުނެފިއްޔާ އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހޭނެއެވެ. ބޫޓު ފޮހެފައި މިލީ އަލަމާރިއަށެވެ. ކުޑަވެސް ހިރަފުސްކޮޅެއް އިތުރަށް އަރާފާނެތީއެވެ. މުޅިން އައު އިސްޓާކީނު ޖޯޑެއްވެސް ތައްޔާރީ ހާލަތަށް ގެނެވިފައި އޮންނާނެއެވެ. މިހިރީ ހައްތަހާވެސް ބޮޑެތި ކަންކަމެވެ. އަވަހަށް ނިދަންވީއެވެ. -ނުނިމޭ-
(ރައީސް ވަޑައިގަންނަވާ ދުވަހުގެ ބައި، ބާބު 2 ގައި)