ކުޑަދޮރުގެ ތޭރިތަކުން ފޭދިގެން މޫނަށް ހޫނުކޮށްލި ރަންދޯދި ތަކާއިއެކު އަހަންނަށް ހޭލެވިއްޖެއެވެ. ރައީސް މައުމޫނު ވަޑައިގަންނަވާ ދުވަސް އައީއެވެ. ބޮޑު ދުވަސްދުވަހުންވެސް އެންމެ ބޮޑު ދުވަހެވެ. އަތޮޅުތެރޭގެ ރަށަކަށް މިވަރުގެ ދުވަހެއް ނާންނާނޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ގިނަ މީހުން ނުވެސް ނިދާކަން ޔަގީނެވެ. އިރުއަރާލެއް ލަސްވެގެންވެސް ބައެއް މިހުން އުލުނޯލައެވެ. ރަށުތެރޭގައި މީހުން ދެކޮޅަށް ދުވެ ނަގަނީއެވެ. ހީވަނީ މިއީ ދެން ފަހުދުވަހޭ ބުނާހެނެވެ. މިހާ ރީއްޗަށް ރަށުތެރެ ކުނިކެހީ ކުރީފަހަރު އެމަނިކުފާނު ވަޑައިގެންނެވި ދުވަހުއެވެ. ދެން މިއަދެވެ. އިލޮށިފައި ހާކާފައިހުރިކަން ނުވެސް އެނގޭވަރަށް މަގުތައް އޮތީ އޮމާންކޮށްފައެވެ. އަހަރެންނަށް ނޭނގުނު އެއްޗަކީ ރައީސް ވަޑައިގަންނަވަނީ ފާލަމުން އިސްކޫލަށް، އިސްކޫލުން ފާލަމަށް ވިއްޔާއެވެ. މިހާވަރަށް އެހެން ދިމަދިމާ މި ކުނިކަހަނީ އެމަނިކުފާނު ގެއަކަށް ޒިޔާރަތް ކުރައްވަފާނެކަމަށް ހެއްޔެވެ؟ ނުވާނެއެވެ. އެމަނިކުފާނަކަށް އެހާ ވަގުތެއް ނުވާނެތާއެވެ.
އަތިރިއަކަށް ދާންވެގެން އަތިރިމައްޗަށް ދިޔައިރު، ހޭޅިފަށުގައި އަހަރެމެން ފުރައިގެ ކުދީން ނިކަން ގިނައެވެ. އަނެއްކާ އަނެއްކަންތަކެވެ. އަހަރެން ބޮޑުކަމުދާނީ ދެން ކޮންތާކަށްބާއެވެ؟ މިވާގޮތެއް ބަލާލަން ލެފިލިއިރު، ކޯސްޓުގާޑު ބޮޑު އުޅަނދެއް ރަށުބޭރުގައި އަޅާފައި އެބައޮތެވެ. އެމަނިކުފާނުގެ ސެކިއުރިޓީއަށް ސިފައިން އައީއެވެ. ބައެއް ކުދިން ކިޔައެވެ. ކުރީކޮޅުގައި އެހެރަ ބޮޑުބަޑިން އެންމެ ވަޒަނެއް ޖެހިޔަސް 10ގެ އެއްކޮށް ގޮވާނެއެވެ. ހާދަހާ ބިރުވެރިއެވެ. ބޮޑުބަޑިއަށްވުރެ އަހަންނަށް ބޮޑުވީ ބޮޑުކަމުދާނެ ތަންކޮޅެއް ހޯދުމެވެ. މިއަދަކީ ވަކީން ހާއްސަކޮށް ރަނގަޅަށް ބަނޑު ހުސްކޮށްގެން ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް ތައްޔާރަށް ހުންނަންޖެހޭ ދުވަހެވެ. ބަލަންނުހުރެ، އަހަރެން މިސްރާބު ޖެހީ ދިއްގާވަލާ ދިމާލު އަތިރިޔަށެވެ. ގައިމުވެސް އެދިމާލުގައި މީހަކު ނޫޅޭނެއެވެ. އެއީ ހަންޑި ފެންނަކަމަށް ކިޔާތީ ވަރަށް މީހުން ނުދާ ހިސާބެކެވެ. އެހެންވިޔަސް އަހަންނަކަށް މިއަދަކު ހަންޑި ފެނިދާނެ ކަމަށް މަޑުކުރެވޭކަށްނެތެވެ.
ގެއަށް އައިއިރު ކަތީބުބޭ ހައެއްކަ މީހުން ކައިރިއަށް ލަފައިގެން ކުޑަ ނޯޓުފޮތެއްގައި އެއްޗެހިތަކެއް ލިޔަމުންދެއެވެ. ފިނދަނައެއްހެން މައްޗަށާއި ތިރިޔަށް ނިކަން އަވަސް އަވަހަށް ބަލަމުން، ބޯޖަހަމުން، އެކިމީހުންނާ ދިމާއަށް އަތް އުކަމުން ބަނދިވަރު ތަކެއް ކިޔައެވެ. ލަފާކުރެވެނީ ވެފަހުރި ކަންކަމާއި ވާންޖެހޭ ކަންކަން ބަލާ ނިންމަނީކަމަށެވެ. އަހަރެންގެ މަގުސަދަކަށްވީ އަވަހަށް އެތަނުން ފިލުމެވެ. އަހަންނާވެސް ކަމެއް ހަވާލުކޮށްފާނެ ވިއްޔާއެވެ. އެއިރުން އަހަރެންގެ ޕްރޮގްރާމަށް ބޮޑު ބަދަލުތަކެއް އައިސް، މުޅި ދުވަސް ހަރާބުވެދާނެއެވެ.
އަހަރެން ހިތަށް އަރައެވެ. މިހާވަރަށް މީހުން ދުވެނަގަނީ ކޮންކަމަކުބާއެވެ. ގައިމު އެމަނިކުފާނުގެ އިސްތިގުބާލުގައި ކުރަންޖެހޭ ކަންކަން އެހެރީ ނިމިފައިތާއެވެ. ރަނގަޅަށް ޙަބަރު ބަލާލިއިރު މިހާރު މިހިނގާ ކަންކަމަކީ، އެއް ގޭގައި ހުރި އިސްތިރި އަނެއް ގެއަށް ގެންދިއުމާއި، އެއަށް އަޅާން އަނގުރު ހޯދުމާއި، ލިބާސް ހެޔޮވަރު ކުރުމާއި، ޒާތްޒާތުގެ އަތަރު ހޯދާ ތައްޔާރު ކުރުމާއި، ބޮލުގައި ލާނެ ތެޔޮ ފުޅިފުޅި ހޯދުމާއި، އެމަނިކުފާނަށް ފެންނަ ހިސާބުގައި އަމަލުތައް ބަހައްޓަންވީގޮތް އެކަކު އަނެކަކަށް ކިޔައިދިނުމާއި، މިޒާތު ކަންކަމެވެ. ފިހާރަތަކުން ބޮލުގައިލާ ޒައިތޫނި ތެޔޮ ހުސްވި ވާހަކަވެސް އަޑުއެހީމެވެ. ނަސީބަކުން އަހަންނަށް ވާވަރަށް ގޭގައި ތެޔޮ އެބަހުއްޓެވެ.
ތައްޔާރުވެގެން ނުކުންނާން އަހަރެން ގަސްތުކުރީ 12ގަޑި ފަނަރައަށް އެހިސާބަށްދެވޭ ވަރަށެވެ. އެއީ މަންމަވެސް ބުނި ގަޑިއެވެ. އަހަރެންނަށް މިއިން ދުވަހަކު ފެންނުވެރޭވަރަށް ފެންވަރާލެވިއްޖެއެވެ. ގައިއުނގުޅުނުވަރުން ބައެއް ދިމަ ދިމާލުން ދިލައެއްވެސް އެބަނަގައެވެ. ސައިބޯނިވެސް ފިސާރިގަދައަށް އުނގުޅީމެވެ. ޝޭމްޕޫފުޅީގެ ދެބައިކުޅައެއްބައި ހުސްކޮށްލީމެވެ. އަލަތު ކައިވެންޏަށް ތައްޔާރުވާމީހަކުވެސް ގާތްގަނޑަކަށް ކުރާނީ މިވަރެވެ. ޒައީމަށް އަހަން ހިތުތެރޭގައި އޮތް ލޯބިވެސް ބޮޑީތާއެވެ. ރަނގަޅަށް ބޮލުގައި ތެޔޮލައި، އެކިއިސްތަށި ވަކިވަކީން ތަތްކޮށް، ދޮންކަޅު އޮޅޭވަރަށް އެކީއެކައްޗަކަށް ފުށްޖަހާ، އަނދުންކޫރު ދަމާ، އަތަރު އުނގުޅާ ނިމުނުއިރު ހިސާބަކަށް ދާވެސް ހިއްލަން ފަށައިފިއެވެ. ކަން ދިމާކުރި ގޮތުން މިއަދަކީ ހޫނުވެސް ގަދަ ދުވަހެކެވެ. ޔުނީފޯމު ގަޔަށް ހެޔޮވަރުކޮށްލާ، ބެގީޖަހާލުމަށްފަހު ބެލްޓު އާންމުކޮށް ނުކުރާވަރަށްވުރެ ބާރުކޮށްލީމެވެ. ދިމާވެދާނެ ހިތާމަވެރި ހާދިސާއަކަށް ޖާގަ ނުދިނުމުގެ ގޮތުންނެވެ. މިހުރިހާ ސަކަރާތަކަށްފަހު، ތައްޔާރީގައި އެއްވެސް ކަހަލަ ނުކިއްސަރު ކަމެއް އުޅޭތޯ ލޯގަނޑުގެ އެހީގައި ބޮޑު ދިރާސާއެއް ކުރީމެވެ. އެހެން ދުވަސްދުވަހު މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ މަންމައެވެ. މަންމަ އިރުއެރީއްސުރެ އެ އުޅެނީ ޒައިމުގެ ފަރިއްކޮޅު ކަންކަމާ ކަމުން އަހަންނަށް މިއަދު އުޅެންޖެހިފައިވަނީ ގިނިކަންޏާއެވެ. މައްސަލައެއް ނެތްތާއެވެ. ހުރިހާ ކަމެއްވެސް ދައްކަނީ ރަނގަޅަށެވެ. އަލަމާރީގައި އޮތް ބޫޓުނަގާ ފަޔަށް ހެޔޮވަރު ކޮށްލުމަށްފަހު ފާލަން ދޮށަށް މިސްރާބު ހިފީމެވެ. ގަޑިން 12ގަޑި ދިހައެކެވެ. ދޮންވެލި އަޅާފައިވާ މަގުގައި، އެކީއެކައްޗަކަށް ރަތްދޫލަ އަޅާ، މީހުންއެރުން މަނާކޮށް ބަންދުކޮށްފައި އޮތީމާ ދާންޖެހިފައިއޮތީ އެހެން މަގަކުންނެވެ. ފަސްމަޑު، ހިރަފުސް މަދުހެން ހީވާ ދިމަދިމާލުން ދެވޭތޯ އަހަރެން ބެލީމެވެ. ބޫޓަށް ހިރަފުހުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތަކަކުން ސަލާމަތްވުމަށްޓަކައެވެ.
ފާލަން ދޮށް ހީވަނީ ފަޅަށް ވަދެފައިއޮތް މުށިމަސްގަނޑެއް ހެންނެވެ. މިހާ އަވަހަށް ރަށު ރައްޔިތުން ނުކުމެ އޮލަވެފައި މިތިބީ މިތަނުގައެވެ. އަހަރެންގެ ފުރަތަމަ އިމްތިހާނަކަށްވީ މިހުރިހާ މީހުންގެ ތެރެއިން ކިލާސް ޓީޗަރު ހޯދުމެވެ. ހުންނަންޖެހޭ މަގާމު ދައްކާގޮތަށް ހަމަޖެހިފައިއޮތީ ޓީޗަރުވީމައެވެ. ސަފުތައް އެތުރިފައިއޮތީ އަތޮޅުވެރިޔާ އެންމެ ކުރީގައި، އެއާއި ޖެހިގެން ކަތީބު، މުދިމު، ރަށުއޮފީހުގެ މުވައްޒަފުން، އެހެނިހެން ސަރުކާރު މުވައްޒަފުން، ހަރުފުރައިގެ ނަގާކިޔާ މިހުން، އިސްކޫލު ކުދިން (އަހަރެމެން) ދެން އަންހެންވެރީންނެވެ. އަހަންނަށް ހުންނަންޖެހުނު މަގާމުން ފާލަން ކިރިޔާ ފެންނަނީއެވެ. މައްސަލައެއް ނެތްތާއެވެ. ގައިމު އެމަނިކުފާނު ކައިރިޔަށް ވަޑައިގަތުމުން ފެންނާނެތާއެވެ. މައްސަލައަކީ މިހިރަވާ ހޫނެކެވެ. ހިތާހިތުން ބުނެވުމެވެ. އެމަނިކުފާނުވެސް ހަވީރު ވަޑައިންނަވާނަމަ ގައިމު ހޫނު މަޑުވީހެއްނޫން ހެއްޔެވެ. މާގިނަ އިރުތަކެއްނުވެ ބޮލުގައިވެށި ތެޔޮ، ދަލާއެކުވެގެން މޫނަށް ފައިބާންވެސް ފަށައިފިއެވެ. ކުޑަރުމާކޮޅު ގެނެވުނުކަމީ ނަސީބެކެވެ. ރަތްދޫލައިގެ މައްޗަށް ވެއްޓޭ ފަތްކޮޅުކޮޅު ފަދަ އެއްޗެހި ނެގުމުގައި އެއްބަޔަކު އެލާޓުގައި ތިއްބެވެ. ކޯސްޓުގާޑުން ސިފައިންގެ ފައުޖެއް ފައިބާ ސަފުތަކާއި، ގަސްގަހު ކުރިޔާއި، ފުރާޅުތަކުގެ މައްޗާއި، ދޫލައިގެ ދަށާއި، ބައެއްމީހުން އަޅާފައިވާ ކޯރީގެ އެތެރެވެސް ބަލަމުންދެއެވެ. ހާދަހާވާ ކަންތައްގަނޑު ބޮޑެވެ. ކަތީބު ދެފައި އެއްތާ ނުޖެހެއެވެ. ދެކޮޅަށް މިހިނގަނީ ކީއްކުރަންބާއެވެ؟
ވަރަށްގިނަ އަދަދެއްގެ މީހުންތިބީ ސަފުގައި ހޭދަވާނެ ވަގުތަށް ރަނގަޅަށް ތައްޔާރުވެ ކުޑަނަގައި ބޯހިޔާކޮށްގެންނެވެ. ދުރުދުރުން ކިޔާއަޑު އިވެއެވެ. އެމަނިކުފާނު އައީމާ އަވި ނިވާލާނެއެވެ. ފެން ބަނޑިޔަލަކާއި، ފެންބޯނެ ލޯވައްޓެއް ކޮންމެ ވިއްސަކަށް ފޫޓުން ބަހައްޓާފައި ހުއްޓެވެ. ހަމައެކަނި ސަފުން މީހަކު ގުޑުވާލަނީ ބަނޑިޔާ ކައިރިޔަށް ފެންބޯން ދިއުމަށް އެކަންޏެވެ. އެހެންނޫނީ ހަމަ ޖެހި ބުދުތަކެއްހެން ތިބީއެވެ.
މިހެން ތިބޭތާ އިރުގަނޑެއްވެ، ފަޔަށް މީގެ ވޭނީ އިހުސާސްތައް ކުރުވާން ފަށައިފިއެވެ. އަހަރެމެން މިހާއަވަހަށް ނެރެ މިބައިތިއްބަނީ ކީއްކުރަންބާވައޭ ހިތައްއަރާ ހުއްޓާ، ކުއްލިއަކަށް މީހުންތައް ހޭލަމެލަވެ އުޅެގަނެފިއެވެ. އަނެއްކާ ނޭނގިތިއްބާ އެމަނިކުފާނު ވަޑައިގެންނެވީބާވައެވެ. ކޮންމެވެސް ކަމެއްހިނގައިފިއެވެ. ސަހަރޯއެވެ! ސަފުގައި ހުރި މެދު އުމުރުގެ އަންހެނަކު ހޭނެތިގެން ވެއްޓުނީއެވެ. މިހެން ތިބެންވެއްޖެނަމަ ނުވެނުދާނެ ގޮތެކެވެ. ކަތީބުގެ އޯޑަރަށް، ތައްޔާރީ ހާލަތުގައި ހުރި ފަތްޖެހިއެނދަށް ވެއްޓުނު މީހާ ލައިގެން ހަތަރު މީހަކު އެނައްޓާލީ ހެލްތު ޕޯސްޓާ ދިމާލަށެވެ. މިކަމަށް ޓީމެއް ނަގައި ފަތްޖެހިއެނދު ތައްޔާރުކޮށްފައި މިހިރީ މިކަން މިގޮތަށް ހިނގާނެކަން ކަތީބަށް އެނގޭތީތާއެވެ. ނަސީބެކެވެ. ހެލްތު ވޯކަރު މޫނުހަދައިގެން ހުރެ ފަހަތުން ހަލުވި ހިނގުމެއްގައި އެހެރަދަނީއެވެ. ލަފާކުރެވެނީ މި ލައިގަތް ކަމަކާހެދި ރައީސް ވަޑައިގަންނަވާއިރު ނުހުރެވިދާނެތީ ވަރަށް ބޮޑަށް ނުރުހިފައި ހުރިކަމަށެވެ. ހެލްތު ޕޯސްޓުގައި މާގިނަ ހިދުމަތެއް ލިބެންނެތަސް، ޑަކުޓަރެއް ނެތަސް، ބޭހެއް ނެތަސް ގެންދަންޖެހޭނީ އެތަނަށްތާއެވެ. އަހަރެންގެ ފަޔަށް ފުޅިތޮޅިގަނޑެއް ވަދެގެން ދިޔަދުވަހުވެސް މާބޮޑު ކަމެއް ނުކުރެވުނެވެ. ރަތްބޭސްކޮޅެއް ޖަހާފައި ދޫކޮށްލީއެވެ. ގައިމު ރަތްބޭސް ފުޅިއެއް ގޭގައިވެސް ހުރިވިއްޔާއެވެ. އެތަން ރަނގަޅުވީ ކައްބާބު ކޮޅަކުން މަންމަ ހެދި ދިވެހި ބޭހެއްޖަހައިގެންނެވެ. ކިރިޔާ ބޮޑުކަމެއް ލައިގަތަސް ޖެހެނީ ދަތުރަށް ފުރައިގެން އަތޮޅު ހޮސްޕިޓަލަށް ދާށެވެ. މިވާހަކަވެސް ރައިސަށް ދަންވަންވީއޭ ހިތަށްއަރައެވެ. ތަރައްގީވާނީ މިކަހަލަ ކަންކަން އެމަނިކުފާނަށް ދަންނަވައިގެންތާއެވެ. މައްސަލައަކީ މަންމަ ދީފައިއޮތް އިންޒާރެވެ.
ކޮންމެއަކަސް މިހެންތިބޭތާ ދޮޅުގަޑިއިރެއް ފަހުން އެމަނިކުފާނުގެ ހުދު ޔޮޓުކޮޅު، ދުރުން ފެންނަ އިރުވާހުދެއްހެން، މާދުރުން ފެނުންތޮޅިލައިފިއެވެ. އަވާމެންދުރުގެ ތެރެއިން އުދަރެހުން ފެންނާން ހުއްޓަސް ރާއްޖޭގެ އެއްވެސް މީހަކަށް މިޔޮޓުކޮޅެއް ނޯޅޭނެއެވެ. އިންތިޒާރަށް ނިމުން އަންނަނީއެވެ. މަރުހަބާގެ ސަފުތައް އަލުން ރުކުރުވާލައި، ގަމީހުގެ ގޮއްބަރިއަށް ދަމާލާ ގަޔަށް ހެޔޮވަރުކޮއްލާ، ލިބާހުން ހިރަފުސް ފޮޅާލާ، ފަޓުލޫނު މައްޗަށް އަރުވާލާ، ބެގީ ރަނގަޅުކޮށްލާ، އިސްތަށިގަނޑު ރީތިކޮށްލާ މިކަހަލަ ކަންކަން ސަފުތަކުގެ ހުރިހާ ދިމާލެއްގައި ހިނގަންފަށައިފިއެވެ. އަހަރެންވެސް ކުޑަކޮށް ފަޓުލޫނުއަރުވާލާ މިކަމުގައި ބައިވެރިވެއްޖައީމެވެ. އަރުމާޒު ފެންކަފާފައި އައިސް ރަށުފަޅަށް ނުވަދެ ބޭރުކަނޑުގައި ބަނދަރުކޮށްފިއެވެ. އެމަނިކުފާނު ރަށަށް ފައިބައިވަޑައިގަންނަވާނީ ޔޮޓުކޮޅާއި އެއްކޮށް އެއައި ކުޑަ ދެލާންޗުގެ ތެރެއިން ކޮންމެވެސް އެކައްޗެއްގައެވެ. އަހަރެމެން ރަށަށް އެކަހަލަ ކުޑަ ލާންޗެއް ދެއްވާނެނަމަ ހާދަ ރަނގަޅޭ ހިތައްއެރިއެވެ. އެއިރުން އަތޮޅު ހަސްފަތާލަށް ދިޔުންކަހަލަ ކަންކަން ހާދަފަސޭހަ ވާނެއެވެ. އަހަރެން ހަޔާތުގައިވެސް އެކަހަލަ ބާރަށްދުވާ ލާންޗަކަށް އަދި ނާރަމެވެ. ރައީސް ވަޑައިގެން ބަނދަރު ކުރެއްވިތާވެސް މިހާރު ތިރީހަކަށް މިނެޓުވަނީއެވެ. އަދި ރަށާ ދިމާލަށް އަންނަ ކަމުގެ އިޝާރާތެއްނެތެވެ. އެވާނީ އެމަނިކުފާނު ނާނޭފުޅު ފިއްލަވާ، ސޫޓުކޮޅު ތުރުކުރައްވާ މިކަހަލަ ކަންކަން ކުރައްވަނީ ކަމަށެވެ. އަހަރެމެންނަށްއޮތީ ކެތްކުރުމެވެ. މިހެން ތިއްބާ އޮފީހުގެ ޕިޔޯނު ފޮށިގަނޑެއްގައި ހުރި ކޮންމެވެސް އެއްޗެއް ބަހަމުން ނިކަން އަވަސް ހިނގުމެއްގައި އެބައާދެއެވެ. ހުރިހާ އެންމެންނަށް ކުދި ދިވެހި ދިދަ ބަހަނީއެވެ. އެމަނިކުފާނު ރަށުގައި ފައިންޕުޅު ބީއްސަވާ ހިސާބުން ފެށިގެން މި ދިދަ ވިހުރަންވީ ޔޯލައެވެ. އަނެއްކާ އަނެއް ހަ ކަންތަކެވެ.
ކަމަކުދާކަށް ނެތެވެ. އަނެއްކާ އެހެން މީހަކު އަނބުރައިގަނެގެން ވެއްޓިއްޖެއެވެ. މިފަހަރު އަހަރެންގެ އެކުވެރި ކުޑައިބްރާހީމެވެ. މިވީގޮތުން ހެލްތުވޯކަރަށް މިތަނަށް ނާދެވޭނެކަން ޔަގީންވީތާއެވެ. އެކަމަނާ އެ ތުރުކުރައްވާފައި ހުރި ޗާލު ބޯވަޅު ލިބާހާއި، އަތުކުރީގައި އަޅުއްވާފައިހުރި އުޅާކޮޅުތަކާއި، ގިގުނިކޮޅާއި، އައު ފައިވާންޖޯޑުކޮޅު ޒަޢީމަށް ދައްކާ ނުލެވުނީތާއެވެ. ހާދަހާ ދެރައެވެ. ހުރިހާ ރުޅިއެއް ކުޑައިބުރާހިމަށް ނުބާލައިފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އަނެއްކާ އަހަރެންވެސް އަނބުރައިގަނެފާބާއެވެ؟ ވާނީވެސް އެހެންތާއެވެ. މިހެންތިބޭތާ ދެގަޑިއިރުވަނީ ވިއްޔާއެވެ. ފުކެއްބޮޑުވަރެވެ.
ކޮންމެއަކަސް، ދުނިޔޭގައި ލެއްވި ހުރިހާ ކަމަކާއި ފިކުރުހިންގާ ނިމެނިކޮށް، ޒައީމުގެ ލާންޗުކޮޅު ހޭލަމޭލަވާން ފަށައިފިއެވެ. ހުދު ޔުނީފޯމުގައި ތިއްބެވި ފަޅުވެރީން ވަލަށް ދަމާލާ، ތަންތަން ފޮހެލާ އުޅެން ފަށައިފިއެވެ. އެއާއެކު، ފާލަން ދޮށުންވެސް ސަފުތައް އަލުން ރުކުރުވާލުމާއި އަނެއްކާވެސް ޓައިއާއި، ބެގީ ރަނގަޅުކުރުންފަދަ ކަންކަން ހިނގައިގަނެފިއެވެ. އެކަކު އަނެކަކު ވާހަކަދެއްކުން ހުއްޓި މުޅިތަން ހިމޭންވެ ކިޔަމަންގަނެފިއެވެ. އަހަރެންވެސް ހަށިގަނޑު ސީދާކޮށްލާ އެލާޓަށް އައިސްފީމެވެ. އިސާހިތަކު ޒައީމު އެމަނިކުފާނަށް ހާއްސަ ފައްތިޔާކޮޅަށް އަރާވަޑައިގެން ރަށާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ތައްޔާރުގައި އޮތް ދެދޯނިން ލަވައަޅުވާލާ، ފަރިހަރަކާތްތަކެއް ހުށަހަޅަނީއެވެ. އެއް ދޯނީގައި ދަނޑިޖަހާ ދަފިނަގަނީއެވެ. އަނެއް ދޯނީގައި ލަނގިރި ޖަހަނީއެވެ. ފަލިވަޅު އަޅާލާ، ބަނޑި ބަނޑި ލައްވާލާއިރު، އެއްގަމުގައި ތިބި އަނބިން އެކަކު އަނެކަކަށް ބަލާލާ ގޮތުން ހީވަނީ "ކަލޭ ފިރިމީހާއަށްވުރެ މަގޭފިރިމީހާ މާރީއްޗޭ" ބުނާހެންނެވެ. ކުރީގައި އޮތީ މަގު ދައްކަން ކޯސްޓުގާޑުގެ ކުޑަލާންޗެކެވެ. ޒައީމު އިންނެވި ލާންޗުގެ އެތެރެއެއް ނުފެނެއެވެ. އަނެކާ ޒައީމަށް މި ހުށަހެޅުން ފެންނާނެބާއެވެ؟ މިހާ މަސައްކަތުން ތައްޔާރުކުރެވުނު އައިޓަމެއް ޔަގީނުންވެސް އެމަނިކުފާނު ބައްލަވާނެއެވެ.
އިސާހިތަކު ލާންޗު ފާލަމަށް ލެފިލާ، ރަނގަޅަށް ތަންހަރުކޮށްލައިފިއެވެ. އަތޮޅުވެރިޔާ އިސްވެ ހުންނަވައި ފާލަން މައްޗަށް އަރާވަޑައިގެންނެވި ވަފުދު އިސްދަށަށް ޖަހާލާ ކިޔަމަންގަނެގެން އެތިބީ އެމަނިކުފާނު ފާލަންމައްޗަށް ފައިބާވަޑައިގަންނަވަންދެނެވެ. ފާލަމުގެ ސިޑިއަކީ އާންމުކޮށް ކައްސާ ސިޑިއެއްކަމުން، ރަނގަޅަށް ފެހިކަހާ، ޒައީމަށް ބޮނޑިއެއް ނުލިބޭނެކަން ސިފައިން ވަނީ ޔަގީން ކޮށްފައެވެ. ގައިމު ދުވަސްކޮޅުކޮޅުން ޒައީމު ނަޔަސް ފެހިކަހާނަމަ މިރަށު ހާދަގިނަބަޔަކަށް މިސިޑިން ލިބިފައިވާ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަކުން ސަލާމަތްވީހެވެ. އިންތިޒާރު ނިމުމަކަށް އައީއެވެ. އެމަނިކުފާނުގެ ދެއަތުގައި ދެ ބޮޑީގާޑުން، ފަހަތުގައި ތިން ބޮޑީގާޑުން ހުށިޔާރުވެ ތިއްބަވައި ފާލަމުގެ ފުރަތަމަ ސިޑީގައި ފައިންޕުޅު ބީއްސާލިއެވެ. ހަތަރެސްކަން މުށިކުލައިގެ ބިއްލޫރިއައިނެއް ތުރުކުރައްވައި، ސަފާރީ ސޫޓުގައި ހުންނެވިއިރު، ބޫޓުކޮޅު އޮފުކަމުން ހީވަނީ ލޯގަނޑެއްހެންނެވެ. މޫނުވެސް ފެންނާނެއެވެ. ގައިމުވެސް މިވަގުތު މިރަށުގައި ހުރި އެންމެ ހަމުން އަލި ބޭފުޅަކަށް ވާނީ އެމަނިކުފާނެވެ. އެހާ އުޖާލާއެވެ. ބުނެވޭ ގޮތުގައި އެއީ އެމަނިކުފާނުގެ މާތްކަމުންނެވެ. އަހަރެންނަށް އެޔެއް ގަބޫލެއް ނުކުރެވެއެވެ. އަވިކޮޅެއްގައި ނުޖެހި އަބަދު ފިނި ކޮޓަރީގައި އުޅުއްވަންޏާ އުޖާލާވާނެތާއެވެ. އެމަނިކުފާނު ހިޔާވާ ތަނަކުން ނުކުންނައިރު އަބަދުވެސް ކުޑައެއް ނަގައިގެން އަރިހުގައި ހަށިފާރަވެރިއެއް ނުހުންނަވާ ވަގުތެއް ނުދާނެއެވެ. ފާލަން މައްޗަށް ފައިބާ ވަޑައިގެންނެވިއިރު މިދެންނެވި ބީދައިން ހުރީ ހިޔާވެފައެވެ. ބޯ އަރި ނުކުރާން އަންގާފައި އޮތަސް ކުދިބޮޑު އެންމެން އަރިވަނީއެވެ. ސަފުން ބޯނެރެލެވެނީއެވެ. ބޭއިހުތިޔާރުގައެވެ. ވާނީވެސް އެހެންތާއެވެ. މި ފަސްއަހަރަކު މިއަށްވުރެ ވަކިން ބޮޑު ހަފުލާއެއް ނާންނާނެއެވެ. މިއަށްވުރެ މަތީބޭފުޅަކު ނުފެންނާނެއެވެ. މިއަށްވުރެ މާތް ބޭފުޅަކާ ސަލާމެއްނުކުރެވޭނެއެވެ. މިއީކީ މާގިނައިން ލިބޭނޭ ފުރުސަތެއް ނުމެނޫން ވިއްޔާއެވެ. ޒައީމަށް މަރުހަބާ ދަންނަވަން ދިޔަ ވަފުދާއި ސަލާމްކޮށް ނިމުމާއިއެކު އެމަނިކުފާނަށް ހާއްސަ ހަތްކޮޅުގެ ހިޔަލުގައި ފާލަމުން އެއްގަމަށް މިސްރާބު ޖެއްސެވިއެވެ. އެމަނިކުފާނުގެ ފަހަތުން ހައެއްކަ އިތުރު ކުޑައާއިއެކު "އިސްވަފުދު" އާދެއެވެ. ބެލެވޭގޮތުގައި އިތުރު ކުޑަތަކަކީ ވަޒީރުންނެވެ. ފާލަމުގެ ކޮޅަށް ހުއްޓުމާއެކު، އެމަނިކުފާނަށްޓަކައި ސްކޫލުން ހުށައަޅައިދޭ ޑާންސް (އަހަރެން ލައްވާނުލި) ފެށިއްޖެއެވެ. މިހާވަރަށް އެމަނިކުފާނު ކުރިފުޅުމަތީ މި ނަށަނީ ކޮންކަމެއް ހާސިލު ކުރަން ބާވައެވެ؟ އެމަނިކުފާނު ނެށުން ބަލަން މާ ޝައުގުވެރިކަން ހުންނަނީ ބާވައެވެ؟ ޑާންސް ނިނުމާއިއެކު ޒައީމާއި އެމަނިކުފާނުގެ ވަފުދު ކުރިއަށް މިސްރާބު ޖެހިއެވެ. މިއަދަކީ ކަތީބާއި އިތުރު އެތައްބަޔަކު ހިނގާއިރު ފައި މިއެޅެނީ ރަނގަޅަށްތޯ ކަހަލަ ކަންކަމާއި ވިސްނާނެ ހަމައެކަނި ދުވަހެވެ. އާންމު ދިރިއުޅުމުގައި އެއީ ވިސްނަން ނުޖެހޭ ކަމަކަށް ވިޔަސް، މިއަދު އެމަނިކުފާނުދެކެ ވާ ލޯތްބާއި، ކުރާ އިހުތިރާމާއި، ގަންނާ ކުރައްވާ ބިރުން ވާނީ އެހެންތާއެވެ. —ނުނިމޭ—
(ޒައީމް ރަށަށް ފައިބާ ވަޑައިގަތުން ދެން އަންނަ ބައިގައި)