ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލްޘާނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އިއްޔެ ފޯނުން ގުޅުއްވައިފިއެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން ބުނީ ގަތަރު އަމީރުގެ ފޯނު ކޯލުގައި، ކަޝްމީރުގެ ޕަހަލްގަމްގައި ދިން ނިރުބަވެރިކަމުގެ ހަމަލާއާ ގުޅިގެން ބޮޑުވަޒީރު މޯދީއަށް ތައުޒިޔާ ވިދާޅުވި ކަމަށެވެ.
އަދިއިންޑިއާއިން ނިރުބަވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އާއި ހަމަލާގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިންޑިއާއިން ކުރާ މަސައްކަތުގައި ގަތަރުން އިންޑިއާއާއެކު އޮންނާނެ ކަމުގެ ޔަގީންކަން ގަތަރު އަމީރު ދެއްވިކަމަށްވެސް މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ބުންޏެވެ.
ގަތަރުން އިންޑިއާއާއެކު އޮންނާނެކަމުގެ ޔަގީންކަން ދެއްވިކަމަށްޓަކައި ގަތަރު އަމީރަށް ޝުކުރު އަދާކުރެއްވިއެވެ.
ކަޝްމީރުގެ ޕަހަލްގަމްއަށް ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ބަޔަކު ވަދެ، 26 އަށްގިނަ ކުށެއް ނެތް އާއްމުން މަރާލުމާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ސަރަހައްދީ ރޮނގު ހުރަސްކޮށް، ހަނގުރާމަވެރިން އިންޑިއާއަށް އެތެރެވަނީ ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާތަކުގެ އެހީގައިކަމަށް ތަކުރާރުކޮށް އިންޑިއާއިން ތުހުމުކުރަމުން ދެއެވެ. އަދި މިހަމަލާގެ ޒިންމާވެސް ނަގަން ޖެހެނީ އެފަރާތްތަކުންކަމަށް އިންޑިއާއިން ދެކެއެވެ.