ކެޓްރީނާ ކެއިފް.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރަކަށް ކެޓްރީނާ!

މަރިޔަމް ސަމްހާ
 
28 ދުވަސް ކުރިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ފަންނާނު ކެޓްރީނާ ކެއިފް ހަމަޖައްސައިފިއެވެ. 

ވިޒިޓް މޯލްޑިވްސްގެ ހާއްސަ ސަމާ ސޭލް ކެމްޕެއިނަކީ ގުދުރަތީ ރީތިކަމާއި، ކަނޑުގެ ދިރުންތަކާއި، ރާއްޖެއިން ފޯރުކޮށްދޭ ލަގްޒަރީ ތަޖުރިބާތައް ދެނެގަތުމަށް އިތުރު ފަތުރުވެރިން ގެނައުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޕީއާރުސީން ބުންޏެވެ.

ކެޓްރީނާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެއްގެ އިތުރުން އެވޯޑް ހާސިލްކޮށްފައިވާ ވިޔަފާރިވެރިއެކެވެ. ބްލޮކްބަސްޓާ ފިލްމުތަކުގެ މަޝްހޫރު ޕޯޓްފޯލިއޯއަކާއި ޝަރަފުވެރި ގިނަ އެވޯޑްތަކަކާ އެކު އިންޑިއާގެ ސިނަމާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކަކީ ވަރަށް ފުރިހަމަ ހިދުމަތްތަކެކެވެ. 

އޮން ސްކްރީން ކާމިޔާބީގެ އިތުރުން، ވިޔަފާރީގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން އޭނާ ވަނީ ހައިރާންކުރަނިވި ވިޔަފާރިވެރިކަމުގެ ހުނަރު ދައްކާފައެވެ. ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ހާސިލްކޮށްފައިވާ ކެޓްރީނާ އަންނަނީ ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުންނެވެ.

މި މަގާމާ ބެހޭ ގޮތުން ކެޓްރީނާ ބުނީ ސަނީ ސައިޑް އޮފް ލައިފްގެ މަންދޫބަކަށް ހޮވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއް ކަމަށާއި، މި ޕާޓްނަޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުން ކަމަށް ކެޓްރީނާ ބުންޏެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރާ ވިދާޅުވީ، މި މަގާމަށް ކެޓްރީނާ ފަދަ ނުފޫޒު ގަދަ މީހަކު ހަމަޖެއްސުމުން އުފާ ކުރައްވާ ކަމަށެވެ. އަދި އޭނާ ވަނީ ކެޓްރީނާއަށް މަރުހަބާ ދަންނަވާފައެވެ.

ހާއްސަކޮށް ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީން ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން އޭނާ އަކީ ފާއިތުވި 5 އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމަށްވާ ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވޭ އަދި ނަމޫނާ އެމްބެސެޑަރެއްކަން ޔަޤީން ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ސަމާ ސޭލް ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލަގްޒަރީ ރިސޯޓްތަކާއި ބުޓިކް ގެސްޓްހައުސްތަކާއި އާއިލާއާ ރައްޓެހި އެކޮމޮޑޭޝަންތަކުގައި އެކްސްކްލޫސިވް އޮފާތަކާއި އަގުހުރި ޑީލްތައް ދައްކާލައެވެ. 

މި ކެމްޕެއިން އިނގިރޭސިވިލާތް، ރަޝިއާ އަދި ސީއައިއެސް، ޑީއޭއެޗް ސަރަހައްދު، އިޓަލީ، ޕޮލެންޑް، ސްޕެއިން އަދި އިންޑިއާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި ކުރިއަށްގެންދާނެއެވެ.