މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު، ދިވެހިރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރި މިންވަރު ވަނީ އިތުރުވެއްޖެއެވެ.
ޖޫން މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި 832.4 މިލިޔަން ޑޮލަރު ހުރިއިރު، މިއީ މެއި މަހާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ. މެއި މަހު ރަސްމީ ރިޒާވުގައި ހުރީ 815.8 މިލިޔަން ޑޮލަރެވެ.
މި ތަފާސްހިސާބުތަކުން ރަސްމީ ރިޒާވަށް ކުރިއެރުން ލިބިފައިވީނަމަވެސް، ބޭނުން ކުރެވޭ ރިޒާވް ވަނީ ދަށްވެފައެވެ. ޖޫން މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 203 މިލިޔަން ޑޮލަރެވެ. މި އަދަދު އޭގެ ކުރީ މެއި މަހު ހުރީ 217.9 މިލިޔަން ޑޮލަރުގައެވެ. މިއީ 6.8 އިންސައްތައިގެ ދަށްވުމެކެވެ.
ރަސްމީ ރިޒާވް އިތުރުވި ނަމަވެސް ބޭނުން ކުރެވޭ ރިޒާވް ދަށްވެފައި މިވަނީ، ދައްކަން ޖެހޭ ކުރު މުއްދަތުގެ ބޭރުފައިސާގެ އިލްތިޒާމުތަކަށް ވާ އަދަދު އިތުރުވުމާ ގުޅިގެންނެވެ. މި އިލްތިޒާމުތަކަށް މެއި މަހު 742.5 މިލިޔަން ޑޮލަރު ދައްކާފައިވާއިރު، ޖޫން މަހު 774.5 މިލިޔަން ޑޮލަރު ވަނީ ދައްކާފައެވެ.
ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބޭރުފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށްޓަކައި ބޭރުފައިސާއާ ބެހޭ އައު ޤާނޫނެއް ވަނީ ތަޢާރަފްކޮށްފައެވެ.
އެމްއެމްއޭއިން ބޭރުފައިސާގެ މުޢާމަލާތްތައް ހިންގާ ގޮތަށް ބަލާއިރު، ބޭންކުތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ ބޭނުންކުރަނީ ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. އަދި ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭންކުތަކުން ބޭނުންކުރަނީ ވިޔަފާރިތަކަށް ދޫކުރުމަށާއި، ބޭރުފައިސާ ބޭނުންވާ އެހެން އިލްތިޒާމުތައް ފުއްދުމަށެވެ.