ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ކުރުމަށް އައު އުޞޫލުތަކެއް ކަޑައަޅައިފި

ލަމްޔާ އަލީ ހާޝިމް
 
22 ދުވަސް ކުރިން

ރާއްޖެ އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ކުރުމަށް އާ އުޞޫލުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ ހާމަކޮށްފައެވެ.

 މި އުޞޫލުތަކަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭ އިން މި އުޞޫލުތައް ތަޢާރަފްކުރީ، ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމުގެ މަޤްޞަދުގައި، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނު ނަންބަރު 15/2010 އަދި އެ ޤާނޫނުގެ ދަށުން ޢާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ޢާންމު ޤަވާއިދު (ނަންބަރު: 2025/21-R) ގެ ފަސްވަނަ ބާބުން ބަޔާންކުރާ ގޮތަށެވެ. މި ޤާނޫނާއި ޤަވާއިދުގައި، ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންޖެހޭ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑިޒައިން އެންޑް ލޭއައުޓް ރިކުއަރމަންޓްސް ފޮރ ހެލްތު ވޯރނިންގ" ގެ ފުރަތަމަ އިޞްލާޙު، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު ވަނީ ގެޒެޓްކޮށްފައެވެ. މި އުޞޫލަށް އިތުރުކުރެވުނު ބައިތަކުގެ ތެރޭގައި ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސް  އާއި ނިކޮޓިން ޕައިޗް  ފަދަ އާ ބާވަތްތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން، އެޗްޕީއޭ އިން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ޞިއްޙަތުގެ އިންޒާރު ސީދާ ޕެކޭޖުގެ ބޭރަށް ޗާޕުކޮށްގެންނެވެ. މިއީ ދުންފަތުގެ ގެއްލުންތަކާ މެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅެކެވެ.

އއެހެންކަމުން، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހަށްފަހުގައި، މި އުޞޫލުގައިވާ ގޮތް ނޫން ގޮތަކަށް ޕެކެޓްކޮށް ލޭބަލްކޮށްފައިވާ ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ނުވަތަ ވިއްކާ ނަމަ، ޤާނޫނާއި ޤަވާއިދުގެ މަތިން ޢަމަލުކުރެވޭނެކަމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.