އެމްޕީއެލްގައި މުދާތަކެއް ބަހައްޓާފައި - - ފޮޓޯ: އަދަދު

ދުންފަތުގެ ބާވަތްތައް ސިއްރުން އެތެރެކުރުމާ ދެކޮޅަށް ޙާއްސަ އޮޕަރޭޝަނެއް ހިންގަނީ

އާއިޝަތު އަނާ ރަޝީދު
 
10 މަސް ކުރިން

‎ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމުގެ ޤާނޫނާ އިދިކޮޅަށް، ދުންފަތުގެ އެކި ބާވަތްތައް ވަންހަނާކޮށް އެތެރެކޮށް ވިޔަފާރި ކުރަމުންދާތީ، އެކަން ހުއްޓުވުމަށް ވަކި ޚާއްސަ އިޖުރާއަތުތަކެއް ތަންފީޒުކުރަން ފަށައިފިކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއުލާނުކޮށްފިއެވެ.

‎މިއަދު ކަސްޓަމްސްއިން އާންމުކުރި ނޫސްބަޔާނުގައި ފާހަގަކޮށްފައިވަނީ، ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ގަވާއިދާ ޚިލާފަށް ދުންފަތުގެ އުފެއްދުންތައް ސިއްރުން ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބެމުންދާކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ވަކި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިކަމަށް އެ އިދާރާއިން ހާމަކުރިއެވެ.

‎އިތުރަށް ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ޤާނޫނާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކުން ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކާއެކު ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްދާކަމަށެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ޝައްކުކުރެވޭ އަދި ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނީ ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

‎ޤާނޫނާ ޚިލާފަށް އެތެރެކޮށްފައިވާކަމަށް ބެލެވޭ ދުންފަތުގެ އުފެއްދުންތަކާއި، ސިއްޙީ ވުޒާރާއިން ކަނޑައަޅާފައިވާ އިންޒާރު ނޯޓިސް ޖަހާފައިނުވާ ދުންފަތުގެ ބާވަތްތަކުގެ އެއްވެސް ވިޔަފާރިއެއް ނުކުރުމަށް ކަސްޓަމްސްއިން ވަނީ އާންމުންނަށް ގޮވާލާފައެވެ. އަދި މިފަދަ ތަކެތި ވިއްކާކަން ނުވަތަ އެނޫންވެސް މުޢާމަލާތެއް ހިންގާކަން އެނގިއްޖެނަމަ، 1416 ނަންބަރަށް ގުޅައި އެކަން އެންގުމަށް ކަސްޓަމްސްއިން ވަނީ އެދިފައެވެ.