ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން، އެފަދަ ތަކެތީގެ އެންމެ ބޮޑު ޝިޕްމަންޓެއް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
މި ޝިޕްމަންޓް ހިފެހެއްޓީ، ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމުގެ ޝައްކު އުފެދިގެން، ކަނޑުމަގުން ގެނައި މުދާ ބަލައި ފާސްކުރި ފަހުންނެވެ.
ކަސްޓަމްސް އިން މިއަދު ހާމަކުރި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ޝިޕްމަންޓަކީ، ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ފާހަގަ ކުރެވުނު ޝިޕްމަންޓެކެވެ. އެގޮތުން، މި ޝިޕްމަންޓުގެ ތެރެއިން 10،800 ވޭޕް ކާޓްރިޖް ވަނީ ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި ތަކެތީގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ރާއްޖެއަށް ވޭޕް އާއި އެއާ ގުޅުންހުރި އާލާތްތައް އެތެރެކުރުން މަނާކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި، މިއީ ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެ އިދާރާއިން ހިފެހެއްޓި ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓެވެ. އަދި އެކި އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް 66،000 އަށްވުރެ ގިނަ ވޭޕް ވަނީ އަތުލައިގެންފަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" ނޫހުން ކުރި ސުވާލުތަކަށް ކަސްޓަމްސް އިން މިދިޔަ އޮގަސްޓް މަހު ދިން ޖަވާބުގައި ބުނެފައިވާ ގޮތުގައި، ވޭޕް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް 69 މީހުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކާފައި ކަމަށް ވެސް އެ އިދާރާގެ މައުލޫމާތުތަކުން އެނގެ އެވެ.