ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި ވަކިކުރުމަށް ފަހު އެ ނިންމުން ބަދަލުކޮށް ވަޒީފާ އިއާދަކޮށްދިން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒު އަވަސް އަރުވާލައިގެން ވަކިކުރަން ނިންމުމުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ، ގިނަ ބަޔަކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ރިޔާޒު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިން ލަފާގެ މަތިން އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހެވެ. ނަމަވެސް ލިބުނު އިތުރު މައުލޫމާތު ދިރާސާކޮށް، ރިޔާޒު ވަކިކުރަން ނިންމި ނިންމުން މުރާޖައާކޮށް މިދިޔަ ބުރާސްފަތި ދުވަހު ކޮމިޓީން ނިންމީ އޭނާގެ ވަޒީފާ އިއާދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށެވެ
ކޮމިޓީގެ ލަފަޔާ އެއްގޮތަށް ރިޔާޒުގެ ވަޒީފާ އިއާދަކޮށްދިން ނަމަވެސް، އޭނާ ވަކިކުރި ގޮތާ މެދު ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
އެގޮތުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބަޔާން 'އެކްސް'ގައި ހިއްސާކުރައްވައި ވިދާޅުވީ، މީހުންގެ އަބުރާއި ވަޒީފާއަށް އަސަރުކުރާނެ ނިންމުންތައް އަވަސް އަރުވާލައިގެން ނިންމާކަށް ނުވާނެ ކަމަށެވެ.
ރިޔާޒާ ދޭތެރޭ އަމަލުކުރި ގޮތުން، ގެއްލުނު އަބުރު ހޯދަން އޭނާއަށް ދައުވާކުރެވޭނެ ކަމަށް ބައެއް މީހުން ލިޔެފައިވެއެވެ.
"ގެއްލުނު އަބުރުގެ ބަދަލު ޔަގީނުން ވެސް ލިބޭނެކަން، ކަން ހިނގާފައިވާ ގޮތުން ސާފެވެ،" 'ބޫމާ ޝަމާއިލް'ގެ ނަމުގައި 'އެކްސް'ގައި މީހަކު ލިޔުނު ޕޯސްޓެއްގައިވެއެވެ.
ސަރުކާރުން މައުލޫމާތުގެ ސައްހަކަން ޔަގީންނުކޮށް އަމަލުކުރުމުން އެކަމުގެ އަސަރު ކުށެއް ނެތް މީހުންނަށް ކުރާ ކަން ފާހަގަކުރައްވައި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝަފާއު ހަސަން ލިޔުއްވާފައިވާ ގޮތުގައި، އެއީ މުޅި ގައުމު ރިޔާޒުގެ ކިބައިން މައާފަށް އެދެންޖެހޭ ވަރުގެ ކަމެކެވެ.