މިއަދު ކަސްޓަމްސްގެ ބެލުމުގެ ދަށުން 3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ނައްތާލައިފިއެވެ.
މިގޮތުން ކ. ދޫނިދޫގައި ނައްތާލެވުނީ 199 ކޭހުގެ ސިނގިރޭޓެވެ. މިއީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓުނު ތަކެތި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް މި ތަކެތި ހިފެހެއްޓުނު ތާރީޚާއި މައްސަލައިގެ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.
މި ދަނޑިވަޅުގައި ފާހަގަކޮށްލެވޭ ކަމަކީ، ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައި ހުރި 13.6 މިލިއަން ސިނގިރޭޓު ގެއްލިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އާއްޓޭ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހައްޔަރުކުރެވިފައިވެއެވެ. އަދި މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީއާއި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް ވެސް ވަނީ ހައްޔަރުކުރެވިފައެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ތަފާތު މުއްދަތުތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި ފާހަގަކޮށްލެވޭ ގޮތުގައި، މިހާރުގެ ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ މަތިކޮށް، ފޮށްޓެއްގެ އަގު 240 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން، ވަގު ސިނގިރޭޓު ވިއްކުން އިތުރުވެފައިވެއެވެ. ގަވާއިދާ ޚިލާފަށް އެތެރެކުރެވޭ ސިނގިރޭޓު ޝިޕްމަންޓްތައް ހިފެހެއްޓުނު ނަމަވެސް، މިފަދަ ތަކެތި ބާޒާރުން ލިބެން ހުންނަކަން ފާހަގަކުރެވެއެވެ.