ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ޔާމީން | ފޮޓޯ: ޕޮލިސް

ޔާމީން ގެއްލުނުތާ ހަތް ދުވަސް، ރާއްޖެއިން ބޭރަށް ގޮސްފައެއް ނުވޭ: ފުލުހުން

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

ގ. ގާރނެޓް ހަސަން ޔާމީން 30އ. ގެއްލުނުތާ މިއަދަށް ހަތް ދުވަސްވެފަައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ގޮސްފައި ނުވާ ކަމަށް މިއަދު ފުލުހުން ވިދާޅުވެއްޖެެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގަނޑު 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިފައިވާއިވާ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޖުލައި 14 ވަނަ ދުވަހު ޔާމީންގެ އާއިލާގެ ފަރާތުންނެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ އެހެން ބަހާތަކާއި މުވައްސަސާތަކަށް ހިއްސާކޮސް، އަޅަން ޖެހޭ ފިޔަަވަޅުތައް އަޅަމުންގެންދާ ކަަމަށެވެ.

"މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. އަދި އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައެއް ނުވެއެވެ.". ފުލުހުންގެ ބަޔާނުގައި ވެއެވެ.


އަދި ތަހުގީގުން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ކަށަވަރުކޮށްފައިވާ ކަަމށް ފުލުހުން ވިދާޅުވެފައި ވެއެވެ.


އޭނާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދަކަން ފާހަގަކަށް ފުލުހުުން ވިދާޅުވީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަމްބަރު 9400053 އަށް ގުޅާއި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.