ތޭރަވާއާއި، އަލްސަންއާއި، އަޝްފާ ---

އެކްސިޑެންޓުގައި މަރުވީ ތޭރަވާއާއި އަޝްފާގެ ހަމައެކަނި ދަރިފުޅު އަލްސަން

ނާއިފް ހަލީމް
 
5 ދުވަސް ކުރިން

މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި 17 އަހަރުގެ ކުއްޖާއަކީ މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު އަލްސަންކަން އެނގިއްޖެއެވެ. 

އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީ ޒިބްރާ ކްރޮސްގަ އެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒިބްރާ ކްރޮސް އިން މީހަކު ހުރަސް ކުރަނިކޮށް ސައިކަލުން އައިސް އޭނާގެ ގައިގައި ޖެހުމުންނެވެ.

ސައިކަލެއް ދުއްވިލެއް ބާރުކަމުން، މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހި، އޭނާއާއެކު ސައިކަލު އުރުނީ ކައިރިން ދުއްވަމުންދިޔަ ޕިކަޕަކަށެވެ. އެނގިފައިވާ ގޮތުގައި އަލްސަން އިނީ އެކްސިޑެންޓުވި ސައިކަލުގަ އެވެ. އަލްސަންގެ އިތުރުން އިތުރު ދެ މީހަކު އެކްސިޑެންޓުގައި ޒަހަމްވިއެވެ.

އެކްސިޑެންޓުގައި ދެން ޒަހަމްވީ އުމުރުން 16 އަހަރުގެ ކުއްޖަކަށާއި އުމުރުން 40 އަހަރުގެ މީހަކަށެވެ. ފުލުހުން ބުނީ ޒަހަމްވި އުމުރުން 16 އަހަރުގެ ކުއްޖާ ވެސް އިނީ ސައިކަލުގައި ކަމަށެވެ. ސައިކަލުގައި އިން ދެ ކުޑަކުދިންގެ ތެރެއިން ސައިކަލު ދުއްވަން އިނީ ކާކު ކަމެއް އަދި ނޭނގެއެވެ.

މިރޭގެ އެކްސިޑެންޓުގައި އުމުރުން 17 އަހަރުގެ ކުއްޖެއް ނިޔާވި ކަމަށް ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ. އެކްސިޑެންޓުގައި ހިމެނޭ އަނެއް ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.