މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ "ކޮންކްރީޓް، ބިއްލޫރި އަދި ޕްލާސްޓިކްގެ އާވައިގައި ޖެހި، އެއީ ތަރައްޤީ ކަމަށް ދެކެނީ ނަމަ އެއީ ހަނި ވިސްނުމެއް" ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ހަރުބަހެއްގެ މިސާލު ދެއްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ "އާ ޓާމިނަލްވެސް ރީތި ވާނީ، ވަޅި ރީތީ ތޫނު ކަމަށް ބުނާ މިސާލުގަ" ކަމަށެވެ. އަދި އެއަރޕޯޓުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، އިޤްތިޞާދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްވާނެ ނަމަ، އާ ޓާމިނަލް ވަރަށް ރީތިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަކީ ތިމާވެށި ހިމާޔަތްކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި އަޑުއުފުއްލަވާ ބޭފުޅެއްގެ ގޮތުގައިވެސް މަޝްހޫރުވެވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައިވެސް ރައީސް ނަޝީދު ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ މި ޕޯސްޓުންވެސް ފާހަގަކުރެވެނީ ތަރައްޤީއާއި ތިމާވެށި ގުޅުވައިގެން ވިސްނުންފުޅު ގެންގުޅުއްވާކަމެވެ.