ހަވާލުވީއިރު ނިމިފައި އޮތީ އާ ޓާމިނަލްގެ 54 ޕަސެންޓު، އޮތީ މުހިންމު ކަންކަން ނުކޮށް: ރައީސް

ނާއިފް ހަލީމް
 
2 ދުވަސް ކުރިން

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ނިމިފައި އޮތީ 54 ޕަސެންޓު މަސައްކަތް ކަމަށާއި، ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ހަވާލުކުރީ މި ސަރުކާރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވީއައިއޭގެ އާ ޓާމިނަލް ބައްލަވާލެއްވުމަށް އެ ތަނަށް ވަޑައިގެންނެވިއިރު ޓާމިނަލްގެ އިމާރާތުގެ ސްޓްރަކްޗާ ނިމިފައި އޮތްކަން ފާހަގަކުރެއްވުނު ކަމަށާއި، ނަމަވެސް ކުރަން ހުރި ބައިވަރު މަސައްކަތްތައް އެއްވެސް ބަޔަކާ ހަވާލުނުކުރާ ކަން ވެސް ފާހަގަކުރެއްވުނު ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އާ ޓާމިނަލްގެ ބޭނުން ހިފުމަށް ޓަކައި ހަދަން ޖެހޭ މައި މަގު ހަދަން ހަވާލުކޮށްފައި ނެެތެވެ. އަދި ޓާމިނަލްގެ އެތެރޭގައި ޑިއުޓީ ފްރީ އާއި ކޮމާޝަލް އޭރިއާ ވެސް ހަދަން ހަވާލުކޮށްފައި ނެތެވެ. އެހެންވެ، އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ތަންތަން ހެދުމަށް ހަވާލުކުރަން ޖެހުނީ މި ސަރުކާރުންނެވެ.

"އެހެން ގޮސް އިތުރު ބައެއް މަސައްކަތް ހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޓާމިނަލްގެ މަސައްކަތްތައް ކުރިއަށް އޮތް ދެ މަހުގެ ތެރޭ ފުރިހަމަވާނެ ކަމަށާއި، އެ ތަން މި ހުޅުވަނީ މިވަގުތަށް ބޭނުންވާ ވަރަށް ތަނުގެ މަސައްކަތްތައް ނިންމުމަށް ފަހު ކަމަށެވެ.