މަޖިލިސް --

ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބިލު އާންމުންގެ ޚިޔާލަށް ހުޅުވައިލައިފި

ނާއިފް ހަލީމް
 
3 ދުވަސް ކުރިން

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ޓަކައި ގާނޫނެއް އުފެއްދުމަށް ހުށަހެޅި ބިލު އާންމުންގެ ޚިޔާލަށް ހުޅުވައިލައިފިއެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި 'ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު' ބަލައިގެންފައި ވަނީމި މަހުގެ 9ވަނަ ދުވަހު 62 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ބިލު ބަލައިގަތުމާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެ ބިލު އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.

މި ބިލަށް ޚިޔާލު ހުށަހެޅޭނީ މި މަހުގެ 19ވަނަ ދުވަހުގެ 23:59ގެ ކުރިންނެވެ. ޚިޔާލު ހުށަހަޅާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެއިލް މެދުވެރިކޮށެވެ. [email protected]

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި މެންބަރު ފަލާހު ފާހަގަކުރައްވާފައި ވަނީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.