މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް | ފޮޓޯ: ޖުމްލަ ސްޓޫޑިއޯ

މަޖިލީހަށް ބޭނުންވަނީ ނާޒިމް ފަދަ، ކެރޭ، ހަގީގަތް ހާމަކުރާ މަންދޫބުން!

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

ގައުމެއްގެ ރައްޔިތުންގެ މަޖިލީހަކީ އެ ގައުމެއްގެ ހިންގުމުގެ އޮނިގަނޑު އެކުލަވައިލާ އެންމެ މުހިންމު ތަނެވެ. މިފަދަ ތަނެއްގައި ތިބެންވީ މީހުންގެ ބަހުސް އާންމު ރައްޔިތުންގެ ތެރޭ އަބަދުވެސް ކުރެވެއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ވެސް ހަމަ މި ބީދައިން ހިނގާ ތަނެކެވެ. މެންބަރުން އިންތިޚާބުވެއެވެ. ފަސް އަހަރުގެ ދައުރެއްގައި މުހިންމު މަސައްކަތްތަކެއް ކުރާ މެންބަރުން އުޅުއްވައެވެ. އެތައް ދައުރެއް އިންތިޚާބުވެ ތަޅުމުން ނުފެންނަ މެންބަރުން ވެސް އުޅުއްވައެވެ. ނަމަވެސް އޭގެ ތެރެއިން ވެސް މަސައްކަތުގައި، ފާހަގަކޮށްލެވޭ އިލްމުވެރި، ދިރާސާކުރައްވާ މެންބަރުން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން އެއް މެންބަރަކީ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.

މީގެ 9 އަހަރު ކުރީގެ މާޒީއިން ދެނީ ނާޒިމްގެ ތަޖުރިބާގެ ފިލާވަޅުތަކެވެ. ކުރިމަތިވެވަޑައިގެންނެވި ސިޔާސީ ގޮންޖެހުންތަކާއެކު ވެސް ހޯއްދެވި ކާމިޔާބީ މިއަދު މި އޮތީ ފެންނާށެވެ. ނާޒިމް ހިމޭންކަމާއެކު ހުންނެވުމަށްފަހު އަލުން މި ވަޑައިގަތީ މަޖިލިސް ނައިބު ރައީސްކަމުގެ މަގާމަށެވެ.

ތަޅުމުން ފެންނަނީ ދިރާސާކުރައްވާކަން

ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވައެވެ. ނަމަވެސް އެ ހުރިހާ މެންބަރުންގެ ތެރެއިން ވެސް ނާޒިމް ތަފާތުދައްކަވައެވެ. އެގޮތުން އެކި މައުޟޫއުތަކާއި، ގަރާރުތަކަށް ބަހުސްކުރައްވާއިރު ނާޒިމް ފާހަގަވަނީ ހުސް 'އަނގަ ތަޅުއްވާ' އަޑުގަދަ ކުރައްވާ ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ. އެ މަނިކުފާނު ފާހަގަވަނީ އެ ކަމަކާ ގުޅޭ އެންމެ ފުނަށް ފީނައި، ހަގީގަތް ބުނެދީ، ހަގީގީ ހައްލެއް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ވަކީން ޚާއްސަކޮށް އިގްތިޞާދީ 'ހިތި ބޭހެއް' ބޯން ޖެހޭ ވަގުތު ނަމަ އެ ކަން ސަރުކާރުން ހާމަކޮށްދިނުމަށް ގޮވައިލެއްވުމާއި، އެ ނޫން ވެސް ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ހަގީގަތް ހާމަކޮށްދޭން ނާޒިމް މަސައްކަތް ކުރައްވައެވެ. މަޖިލީހުން ނާޒިމް ފެނެއެވެ. މަސައްކަތްކުރައްވާކަން ހާމަވެއެވެ.


ބައިނަލްއަގްވާމީ މައިދާންތަކުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމުގައި ވެސް ބުރަ މަސައްކަތަކެއް ކުރައްވައެވެ.

ކޮމިޓީތަކުގައި ބަސް ވިދާޅުވޭ، ސުވާލުކުރަން ކެރޭ

ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ވެސް އެންމެ ހަރަކާތްތެރި އެއް މެންބަރެވެ. އެގޮތުން އޭނާ ހިމެނިވަޑައިގަންނަވާ ކޮމިޓީތައްކަމަށްވާ މާލިއްޔަތު ކޮމިޓީގައި ނާޒިމް ދައްކަވާ ވާހަކަފުޅުތަކާއި އަމާޒުކުރައްވާ ސުވާލުތައް ފާހަގަކޮށްލެވެއެވެ. ނާޒިމްގެ ކޮންމެ ވާހަކައެއް ވެސް ބައްޓަން ކުރައްވަނީ އިގްތިޞާދީ ހަގީގަތްތަކާ ގުޅޭ ގޮތަށެވެ. ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެއް ކަމުގައިވީ ނަމަވެސް، އިގްތިޞާދީ ހަގީގަތާ ދެކޮޅަށް އެއްވެސް ވާހަކައެއް 'މަތި އޮމާން' ކުރެއްވުމުގެ ގޮތުން ވިދާޅެއް ނުވެއެވެ.

ކޮރަޕްޝަނާއި ވައްކަމާ ސީދާ ދެކޮޅުކަން ހާމަވަނީ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީގައި ކުރައްވާ މަސައްކަތްޕުޅުތަކުންނެވެ. ސަރުކާރު ކުންފުނިތައް ހަރުދަނާކުރެއްވުމަށް މެންބަރެއްގެ ހައިސިއްޔަތުން އޭނާ ގިނަ ލަފާތަކެއް ދެއްވައެވެ. އަދި އިލްމީ ގިނަ ވާހަކަތަކެއް ދައްކަވައެވެ.

ވަކި މީހެއްގެ ކުންފުންޏަކަށް ވީތީ، ވަކި މީހެއްގެ މަސްލަހަތެއް ކަމެއްގައި އޮތީތީ އެ ކަމެއްގެ ހަގީގަތް ހާމަކުރައްވަން ފަސްޖެހިވަޑައިނުގަންނަވައެވެ.

މި ނޫނަސް ގިނަ ކޮމިޓީތަކެއްގައި ނާޒިމްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއާއި، އުފައްދައިފައިވާ ވަގުތީ ކޮމިޓީތަކުގައި ނާޒިމްގެ ދައުރު ފާހަގަކޮށްލެވެއެވެ.

ދާއިރާ ރައްޔިތުން އުފަލުން

ދިއްގަރު ދާއިރާގެ ރައްޔިތުން ސިފަކުރާ ގޮތުގައި ނާޒިމް އެ ދާއިރާއަށް އިންތިޚާބުވުމަކީ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ނަސީބެވެ. ދާއިރާގެ ތަރައްގީ އަވަސްވެއްޖެއެވެ. މެދުކެނޑި ހުއްޓިފައި އޮތް މުލީ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވައިފިއެވެ. އިގްތިޞާދު ކުރިއަށް ޖެހިއްޖެއެވެ. މިއަދު ދާއިރާގެ ރައްޔިތުންނަށް ހާސްކަމެއް ނެތެވެ.


އެ ރައްޔިތުންނާ ގުޅޭ ކޮންމެ ކަންބޮޑުވުމެއް ގެނެސްދިނުމުގައި ދާއިރާގެ މެންބަރު އަވަދިނެތި އުޅުއްވާކަމުގެ ހިތްހަމަޖެހުން ރައްޔިތުންނަށް ލިބެއެވެ. މިއީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހޮވާ މެންބަރެއްގެ ފަރާތުން ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ކޮންމެ މެންބަރަކު ވެސް ވާންވީ މިހެންނެވެ. ތެދުވެރިވާންވީއެވެ. ރައްޔިތުން ހޮވި މަގްސަދު ހަނދާން ނައްތައިނުލަންވީއެވެ. ގަބޫލުކުރަންވީ މެންބަރުން ހީވާގިކަމާއި ތެދުވެރިކަން އިސްކޮށްފިނަމަ މި ރާއްޖެ ހެޔޮ މަގަށް ވާސިލްވާނެ ކަމެވެ. ބޭނުންވަނީ މިފަދަ މެންބަރުންނެވެ.