ރައީސް މުއިއްޒު އާއި ޝާންކޮ

ޝާންކޮގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރު ހިންގާ ޕާޓީ "ޕީއެންސީ" އަށްކޮށް ޕާޓީއިން ވަކިވެއްޖެ

މުހައްމަދު ހަމީޒް
 
3 ދުވަސް ކުރިން

ހުޅުމާލޭ ދެކުނު ދާއިރާއަށް ރައީސް މުޢިއްޒުގެ ފުރިހަމަ ތާއީދާއެކު ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި 20 ވަނަ މަޖިލީސް އިންތިހާބަށް ކުރިމަތިލެއްވި އަދި ހުޅުމާލެއަށް ނަން ފަރިތަ ޝަނީޒް ހާޝިމް (ޝާންކޮ) ޕީއެންސީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފިއެވެ.  ޝާންކޮ ޕީއެންސީއިން ވަކިވެވަޑައިގަތީ ސަރުކާރާމެދު ބޮޑެތި  ހިތްހަމަނުޖެހުންތަކެއް ފާޅުކުރައްވަމުންނެވެ.

ޖުމްލަ ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާންކޮ ވިދާޅުވީ، "އަހަރެމެން ނުކުތީ ހުޅުމާލެއަށް ކަމެއް ކޮށްދޭން، މިތާ ކޮމިއުނިޓީ އަށް މަސައްކަތް ކޮށްދޭން، އެކަންކަން ވާތަނެއް ނުފެނޭ، އެއް ދުވަހުން އަނެއް ދުވަހަށް މިތަން މިދަނީ ދަށަށް" ކަމަށެވެ.


ޝާންކޮ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ އިސްވެރިންނާ ހަމައަށް ކަންބޮޑުވުންތައް ހުށަހަޅުއްވައި، ކަންކަން އިސްލާހުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރެއްވި ނަމަވެސް، އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އަދި ސަރުކާރުން އެ ފުރުސަތު ދޭނެ ކަމަކަށް ނުފެންނާތީ، ސަރުކާރު ތެރޭގައި އުޅެގެން ނަން ހަޑިކުރާކަށް ބޭނުންފުޅުނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕާޓީގެ ހިންގުމާމެދު ފާޅުކުރެއްވި ކަންބޮޑުވުންތައް

ޝާންކޮ ވަނީ ޕީއެންސީގެ ހިންގުމާމެދުވެސް ބޮޑެތި ފާޑުކިޔުންތަކެއް ކުރައްވާފައެވެ. އެގޮތުން، "ޕާޓީއިން މީހުން ކުރިއަށް ނެރެނީ ރައްިތުންނަށް މާބޮޑު ފައިދާ ވާނެހެން ބަލާފައެއް ނޫން، އެމީހުންގެ ކަލްޓު ގްރޫޕު ތެރެއިން މީހުން ހޮވާނީ" ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ސަރުކާރު ހިންގުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ޕީއެންސީގެ ތެރޭގައި ހުރި ހިންގުމުގެ ބޮޑެތި މައްސަލަތަކާއި ސިޔާސީ ވެރިންގެ އަމިއްލަ މަންފާއަށް ކުރަމުންދާ ކަންކަން ވަނި ފާހަގަ ކުރައްވާފައެވެ. ޒުވާނުންނަށް ޕީއެންސީގައި ކުރިއަށް ދިއުމަށް ހުރި ދަތި ތަކާއި، ޒުވާނުން ބާކިކުރުމުގެ މައްސަލައަށް ޝާންކޮ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.


ޝާންކޮގެ ސިޔާސީ މުސްތަޤުބަލާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، މިވަގުތު އެހެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުންފުޅެއް ނެތް ކަމަށާއި، ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ސިޔާސީ މުސްތަޤުބަލު ބައްޓަންކުރައްވާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ، ޝާންކޮއަކީ ހުޅުމާލޭގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ޚާއްސަކޮށް ޒުވާނުންގެ ކަންކަމަށް އިސްކަންދެއްވާ ޒުވާން ސިޔާސީ ލީޑަރެކެވެ.