ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންނެވުން | ފޮޓޯ: ރައީސް އޮފީސް

މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިނގިރޭސިވިލާތަށް ވަޑައިގެންފި

މޫސާ އަލީ
 
10 ގަޑިއިރު ކުރިން

މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ އިއްޔެއެވެ. އިނގިރޭސިވިލާތައް ވަޑައިގެންނެވުމުން އެ ގައުމުގެ ރަސްގެފާނުގެ ހާއްސަ މަންދޫބާއި އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ހާއްސަ މަންދޫބު ޑެޕިއުޓީ ލުޓެނެންޓް އޮފް ގްރޭޓާ ލަންޑަން، މޭޖާ ޖެރެމީ ފަރން ޓީ.ޑީ އާއި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމަންޓް އެފެއާސްގެ ހާއްސަ މަންދޫބު ގޯޑަން ވެދެރަލް ސީއެމްޖީއާއި އިނގިރޭސިވިލާތުން ރާއްޖެއާއި އަޔަލެންޑަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރާއްޖޭން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމެވެ.

އެ ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. 

މީގެ އިތުރުން ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތައުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރުމަށް ބައްދަވުންތައް ބާއްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.