ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެގެން މަގާމުން ދުރުކޮށްފައިވާ އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު، ވާވު އަތޮޅުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސައިފިއެވެ.
މި މަގާމަށް ފަޒުލް ހަމަޖައްސާފައިވާކަން ޕީއެންސީގެ އާންމު މެމްބަރުންނާއި ޕީއެންސީގެ އިސް ފަރާތްތަކުން ޖުމްލަ ނޫހަށް ކަށަވަރުކޮށް ދީފައިވެއެވެ.
އެޗްޑީއިން ފަޒުލް އިސްތިއުފާ ދީފައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކާއި ހެދި ހުޅުމާލޭގެ އާންމުން އެ ކުންފުނީގެ މައި ހޮފީސް ދޮށަށް އެއްވެ މުޒާހަރާ ކުރަން ފެށުމުން ސަރުކާރަށް ލިބެމުންދިޔަ ބޮޑެތި ޕްރެށަރުތަކާއި ހެދިއެވެ. މީގެ އިތުރުން މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ. އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވުމުން އެ މައްސަލައިގައި ފުލުހުން ތަހުގީގެއް ވެސް ހިންގި އެވެ. އެގޮތުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ޑިސެމްބަރު 22، ގައި ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދި އެވެ.
އޭގެއިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ އާދަޔާ ހިލާފު ބޮޑު އަގެއްގައި އެޗްޑީސީން ހަވާލު ކުރުމުގައި ވެސް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެ އެވެ.
މި ފަހުން ޕީއެންސީއިން ބޭއްވި ގިނަ ޖަލްސާތަކުގެ ކުރީ ސަފުން ފަޒުލް ފެނިފައިވާއިރު، ފަޒުލް އަށް ކުރެވުނު ކޮރަޕްޝަންގެ މައްސަލަތަކަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ދީފައިވާތަނެއް ނުފެނެއެވެ.