ފެނަކައިގެ ކުރީގެ އެމްޑީ ސައިދު | ފޮޓޯ: ގޫގުލް

ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި

މުހައްމަދު ހަމީޒް
 
6 ދުވަސް ކުރިން

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސް ޕާލާންޓެއް ފެނަކައަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފި އެވެ.

(އޭސީސީ) އިން މި މައްސަލައިގައި ސައީދާއި، ފެނަކައިގެ ކުރީގެ އެކައުންޓަންޓު މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ މިދިޔަ އޭޕްރީލް 23، ގަ އެވެ. 

މި މައްސަލައިގައި ސައިދާށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި އައިސް ޕްލާންޓު ގަތުމަށް ފެނަކައިގެ ބޯޑުން ނިންމީ ގެއްލުންވާނެ ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ. އެއީ ސައީދު ބޯޑަށް ދޮގު މައުލޫމާތު ދީގެން ހިންގި މުއާމަލާތެއް ކަމަށް އޭސީސީން ބުނެފައި ވެ އެވެ.

ފެނަކައަށް މި އައިސް ޕްލާންޓު ގަތީ 11.2 މިލިއަން ރުފިޔާއަށެވެ. މިއީ އައިސްޕްލާންޓަކަށް އާދަޔާ ހިލާފު ބޮޑު އަގެއް ކަމަށް އޭސީސީން ބުންޏެވެ. މި އައިސް ޕްލާންޓުގެ ވެލުއޭޝަން ހެދީ ދެން މި މައްސަލައިގައި ހިމެނޭ އެކައުންޓަންޓު މަސްއޫދެވެ. ސައީދު ވަނީ މި އަގުގައި އައިސްޕްލާންޓު ގަންނަން އެ ކުންފުންޏާ ސޮއިކޮށްފަ އެވެ.

އޭސީސީން ވަނީ އެހެން މައްސަލަތަކެއްގައި ވެސް ސައީދަށް ދައުވާކުރަން ފޮނުވާފަ އެވެ. އަދި އޭނާއާ ގުޅޭ ބޮޑު ހަ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ. މި ތުހުމަތުތައް ކުރެވުނަސް ސައީދު ވަނީ ހިޔާނާތުގެ އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.