ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އެ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ހައުސިން މިނިސްޓްރީން މިއަދު ފަށައިފިއެވެ.
މި ރަޖިސްޓްރީތައް ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 09:30 ގައި، ކުރީގެ ހައުސިން މިނިސްޓްރީ ހުރި ސަރަޙައްދުގައި ހުންނަ އިމާރާތުގަ އެވެ.
ގޯތީގެ ރަޖިސްޓްރީ ހޯދަން ދާ މީހުން، އެ މީހެއްގެ އައިޑީ ކާޑުގެ އަސްލާއި މިނިސްޓްރީއާއި ގޯތި ލިބޭ ފަރާތާ ދެމެދު ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ގެންދަން ޖެހޭނެ އެވެ.
ހައުސިންގ މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ކުރިން ހެދިފައިވާ އެއްބަސްވުންތައް ބާތިލުނުކޮށް، ހަމައެކަނި ގޯތީގެ ލޮޓް ނަންބަރުތަކާ ގުޅޭ މައުލޫމާތު އިސްލާހުކުރުމަށްފަހު، އެ އިސްލާހުތަކުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.
އަދި ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމަށް އެކަނި ގެނެވޭ އިސްލާހަކުން މުޅި މައްސަލަ ހައްލެއް ނުވާނެތީ، ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހާ މަޝްވަރާކޮށް، ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކުރީގެ ސަރުކާރުން ތައާރަފުކުރި 'ބިންވެރިޔާ' ޕްރޮގްރާމްގެ ދަށުން ގުޅިފަޅުން 2،000 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް މިހާރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން ގިރާވަރު ފަޅުން ގޯތި ލިބިފައިވާ 1،347 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.