ގުޅިފަޅުގެ ޔުޓިލިޓީ ބައެއް މަސައްކަތްތައް އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ މިއީ ގުޅިފަޅުގެ ތަރައްޤީގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ކުރަމުންދާ ކަމެއް ކަމަށެވެ.
މި ސަރުކާރުން 2024 ވަނަ އަހަރު އަލުން އެކުލަވާލި ގުޅިފަޅުގެ މާސްޓަރ ޕްލޭނާ އެއްގޮތަށް، އެ ރަށަށް ބޭނުންވާ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކޮށް މަގު ހެދުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ފެނާއި، ނަރުދަމާ، ކަރަންޓުގެ ވިއުގަ، މަގުތައް ހެދުން، ޑީވޯޓަރިން އަދި ގޭސް ސްޓޯރޭޖް ފަދަ މުހިންމު މަސައްކަތްތައް ހިމެނެ އެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ޗައިނާ ކުންފުންޏާ މުޅި ރަށުގެ މަސައްކަތް ހަވާލުކުރި ނަމަވެސް، އެ ކުންފުނިން މަސައްކަތް ފެށުމަށް ބޭނުންވާ ލޯނު ހޯދުމުގައި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން މަސައްކަތްތައް މަޑުޖެހިފައި އޮތުމަށް ބޭނުންނުވާތީ، ކޮންޓްރެކްޓަރުގެ ސްކޯޕުން ބައެއް މަސައްކަތްތައް މަދުކޮށް، އެ މަސައްކަތްތައް ރާއްޖޭގެ ކުންފުނިތަކާ ހަވާލުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅިފަޅުން މިހާތަނަށް 230 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކާފައިވާއިރު، 3500 އަށްވުރެ ގިނަ މީހުންނަށް ވަނީ ބިން ދޫކޮށްފަ އެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގެ އެހެން މަޝްރޫޢުތަކާ ގުޅޭގޮތުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ހިއްކުން ނިމިފައިވާ ކަމަށާއި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މި މަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އޭޕްރިލް މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، ސަރުކާރުން އިޢުލާނުކޮށްފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންނަށް ގޯތި ޙަވާލު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.