ކުރިއަށް އޮތް ދެ ތިން ދުވަހު، ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، މި ވަގުތަށް މޫދުކުޅިވަރުތައް މަޑުޖައްސައިލަން ދިވެހި ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
މޫސުން ގޯސްވެ، ކަނޑުތައް ގަދަވެފައިވާއިރު އިއްޔެ އެކަނި ވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެއާއެކު ފުލުހުން ބުނެފައިވަނީ މިހާރު ވެސް ކަނޑުމަތީގެ އެކި ހާދިސާތައް ރިޕޯޓުކުރަމުން އަންނަ ކަމަށެވެ. އަދި އެކި ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވެ، ވާރޭ ވެހޭކަމުގެ ރިޕޯޓުތައް ލިބެމުން އަންނައިރު، ހާލަތު ރަނގަޅުވަންދެން މޫދުކުޅިވަރުތައް މަޑުޖައްސައިލަން އިރުޝާދު ދޭކަމަށް ފުލުހުން ބުންޏެވެ.