ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ރޭ އަރިއަޅައިލައިފިއެވެ.
"ފޭސްބުކް"ގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ، ނޫ ކުލައިގެ ކާރެެއް މަގުން ކަހައިލާ އެއްބައި ވެއްޓިފައި އޮންނަ ތަނެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ކުރިމަތިން އަލަށް ހުޅުވި މަގުން ދުއްވާފައި ދިޔަ ކާރެއް ކުރިން ބޭނުންކުރަމުން ދިޔަ މަގަށް އަރިއަޅައިލި ކަމުގެ މައުލޫމާތު ރޭ 11:45 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ކާރުގައި ހަތަރު މީހަކު ތިބި ކަމަށާއި، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް، ފުލުހުން ބުންޏެވެ. ކާރު ދުއްވަން އިން މީހާގެ ލައިސަންސް އޮތް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.