ނަވީން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކޮށްފި

ނާއިފް ހަލީމް
 
1 މަސް ކުރިން

ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން, ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ކުރިމަތިލެއްވިއެވެ.

ޕޮލިސް ބޯޑުން އިއްޔެވަނީ އެ ތިން ބޭފުޅުން ވެސް ކޮމިޝަނަރު ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިފައެވެ.

ޕޮލިސް ކޮމިޝަނަރު އައްޔަން ކުރަނީ އެ ބޯޑުން ހޯމް މިނިސްޓަރަށް ނަންތައް ފޮނުވުމުން، މިނިސްޓަރުގެ ލަފަޔާއެކު ރައީސެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނަވީން، ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރައްވައިފައެވެ.