ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ ދުނިޔެއަށް އިޝްތިހާރުކުރާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚަރަދުތައް ކުޑަކޮށް، އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށްވުމަށް އިތުރު ގޮތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ލަފާ ދީފިއެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަނީ އެމްއެމްޕީއާރްސީ އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ފަހު ރިޕޯޓެއް އެކުލަވާލައިފައެވެ.
އެ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރްސީއަކީ އެ ކުންފުނީގެ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާންޖެހޭ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށްވުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި ދިރާސާކުރުމަށް ވަނީ ލަފާދީފައެވެ. އަދި، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދުމަށް އެ ކުންފުންޏަށް އެންގުމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތަށް އެމްއެމްޕީއާރްސީއަށް ލަފާ ދިނުމަށް މަޖިލީހުގެ 62 މެންބަރުންގެ އިއްތިފާގުން ވަނީ މިއަދު ފާސްކޮށްފައެވެ.