ބޮޗޭ --

ޕީއެންސީން ބޭނުންނަމަ ރައީސްގެ ދައުރު 50 އަހަރަށް ވެސް އިތުރުކުރާނަން: ބޮޗޭ

ނާއިފް ހަލީމް
 
9 ދުވަސް ކުރިން

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީއެންސީ މެންބަރުން ބޭނުންވާނަމަ ގާނޫނުއަސާސީ އިސްލާހުކޮށް، ރައީސުލްޖުމްޙޫރިއްޔާގެ ދައުރު 50 އަހަރަށް ވެސް ބަދަލުކުރެވިދާނެ ކަމަށާއި، އެހެންނަމަވެސް މިއަދު އެ މެންބަރުން އެ ސާބިތުކޮށްދިނީ އެ ނާޖާއިޒު ފައިދާ ނުނަންގަވާނެކަން ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލުގެ ބަހުސެވެ.

އެ ބިލަށް ބަހުސްކުރައްވައި މެންބަރު ރިފާއު ވިދާޅުވީ މިއަދު ޕީއެންސީ މެންބަރުން ބޭނުންވެއްޖެނަމަ ރައީސުލްޖުމްޙޫރިއްޔާގެ ޓާމް ވެސް 'ދުއްވާލެވިދާނެ' ކަމަށެވެ. އަދި މިވަގުތު ގާނޫނުއަސާސީ އޮތް ގޮތުން ރައީސުލްޖުމްޙޫރިއްޔާގެ ޓާމަކީ 15 ނުވަތަ 50 އަހަރަށް ވެސް ހެދިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އާ ޚިލާފަށް މިއަދު އެ މެންބަރުން ނިންމީ ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެފަދަ ނިންމުމެއް ނިންމުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ގާނޫނު އިސްލާހުކުރުން ކަމަށް ރިފާއު ވިދާޅުވިއެވެ.

އެކަމުން ވެސް އަންގައިދެނީ ރައީސުލްޖުމްޙޫރިއްޔާއަށް މިއަދު ނެގެން ހުރި ނާޖާއިޒު ފައިދާތައް ވެސް އެމަނިކުފާނު ނުނަންގަވާނެ ކަމުގެ ސާބިތުކަން ކަމަށް ރިފާއު ވިދާޅުވިއެވެ.