ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރިޓަޔާ ކުރެއްވިޔަސް، އެޑްވައިޒަރީ ރޯލެއްގައި ހުރެ ހުޅުމާލެއަށް ޚިދުމަތްކުރަން ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މައުރޫފް ޖަމީލް ރޭ ވިދާޅުވެއްޖެއެވެ.
މައުރޫފް އެ މަގާމަށް އައްޔަން ކުރެވިއްތާ ހަ މަސް ފަހުން ރިޓަޔާ ކުރައްވަން ވަނީ ނިންމަވައިފައެވެ. މި ކަމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ މަގާމާ ހަވާލުވެ ވަޑައިގަތީ ވެސް ސެމީ ރިޓަޔަމަންޓުގައި ހުންނަވަނިކޮށް ކަމަށެވެ.
މަގާމާ ހަވާލުވިއިރު ވެސް، މާ ގިނަ ދުވަހު އެޗްޑީސީގައި މަސައްކަތް ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތަށް އޮތް ޝައުގުވެރިކަމުގެ ސަބަބުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، ޚިދުމަތް ކުރަން ބޭނުންވާތީ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.
" އެޗްޑީސީއާ ހަވާލުވިއިރު ވެސް އެނގޭ ވަރަށް ބުރަވާނެކަން ވެސް. އެހާ ގިނަ ދުވަހަކު އެ މަގާމުގައި ހުރުމުގެ އިންޓެންޝަނެއް ވެސް ނެތް. އެ ކަމަކު ވެސް ކިތަންމެ ކުރު ނަމަވެސް، މި ކަމުގައި އުޅެން ބޭނުންވެފައިހުރިލެއް ބޮޑުކަމުން އެކްސެޕްޓު ކުރީ. ފެށިގެން އައިއިރު ވެސް އެނގޭ އެހާ ގިނަ ދުވަހު ސަސްޓެއިން ނުކުރެވޭނެކަން ވެސް، މި އޭޖުގައި އަޅުގަނޑު ރިޓަޔާ ކުރަންޖެހޭނެކަމާ،" މައުރޫފް ވިދާޅުވިއެވެ.
އެޗްޑީސީގެ މަސައްކަތްތައް އޭނާ ސިފަ ކުރެއްވީ ވަރަށް ޝައުގުވެރި، ވަރަށް ބުރަ އަދި ގޮންޖެހުންތައް ގިނަ މަސައްކަތްތަކެއްގެ ގޮތުގައެވެ.