ޓެސްލާގެ ވެރިޔާ އިލޯން މަސްކް: ފޮޓޯ - ގެޓީ އިމެޖެސް

ޓްރަމްޕްގެ ވިސްނުން ހުރީ އިލޯން މަސްކް ޑީޕޯޓްކޮށްލުމަށް

ހިޒްޔަމް ހާމިދް
 
6 ގަޑިއިރު ކުރިން

އިލޯން މަސްކް ޑީޕޯޓްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިލޯން މަސްކް "އެމެރިކާ ޕާޓީ"ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމާއެކު ޓްރަމްޕުގެ ނުރުހުން މަސްކަށް ވަނީ އިތުރުވެފައެވެ. 

ޓްރަމްޕުގެ "ބިގް ބިއުޓިފުލް ބިލް" އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ތަސްދީގުކުރުމާއެކީ އީލޯން މަސްކުގެ އިލެކްޓްރޯނިކް ވެހިކަލް މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ޓްރަމްޕް އާއި އީލޯންގެ ދެމެދުގައި މައްސަލަ ހޫނުވެގެން އުޅެނީ މި ބިލުގެ ސަބަބުންނެވެ.

އީލޯން އުފައްދާ ޕާޓީއާގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގައި މި އޮންނަ ދެ ޕާޓީގެ ވެރިކަން މާ ފުރިހަމަކަމަށާއި، ތިންވަނަ ޕާޓީއެއް ވުޖޫދުވެގެން އައުމުން އިތުރު ބޭކާރު ކަންކަމަށް ފުރުސަތުދެވޭކަމަށެވެ. 

އިލޯނަކީ ޓްރަމްޕް ވެރިކަމަށް ގެނައުމަށް ގިނަ ޚަރަދުތަކެއް ކުރި މީހެކެވެ. ޓްރަމްޕް ސަރުކާރު ވުޖޫދުވެގެން އައިސް، ސަރުކާރުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އުފެއްދި ވަގުތީ އިދާރާ، ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝެންސީގެ ވެރިއަކަށްވެސް ހުންނެވީ އީލޯނެވެ. ނަމަވެސް މި އިދާރާގެ މަސައްކަތް ނިމުމުން އޭނާ ވަނީ މަގާމުން ދުރުވެފައެވެ.