އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި އަސްކަރީ އިސްވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި އަދި އާންމު ރައްޔިތުންގެ ޖަނާޒާއަށް އީރާނުގެ ވެރިރަށް ޓެހުރާނުގެ މަގުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެއްޖެއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށުނު ރަސްމިއްޔާތުގައި، ކަޅު ހެދުން ލައިގެން ތިބި ގިނަ ބަޔަކު، އިރާނުގެ ދިދަ އާއި ޝަހީދުންގެ ފޮޓޯތައް ހިފައިގެން ތިބިކަން ސްޓޭޓް ޓީވީން ދައްކާފައިވާ މަންޒަރުތަކުން ފެނިގެން ދިޔައެވެ. ޓެހުރާނުގެ މެދު ސަރަހައްދުން ނެގިފައިވާ މަންޒަރުތަކުގައި، އިރާނުގެ ދިދައިން ބުރުގާ އަޅުވާފައިވާ، އަދި ޝަހީދުވި ކޮމާންޑަރުންގެ ޔުނިފޯމު ލައިގެން ހުރި ފޮޓޯތައް ހަރުކޮށްފައިވާ ކަފަން ފެނުނެވެ.
އިޒްރޭލުން ޖޫން 13 ގައި އިރާނަށް ދިން ހަމަލާގައި އެތައް އިސް އަސްކަރީ އަދި ސައިންޓިފިކް އޮފިޝަލުންނެއް މަރާލައި، އަދި ޤައުމުގެ އެކި ކަންކޮޅުތަކުގައި ހުރި އަސްކަރީ ތަންތަނާއި ނިއުކްލިއަރ ފެސިލިޓީތައް ގޮއްވާލިއެވެ.. މި ހަމަލާތަކަށް އިރާނުން ޖަވާބުދިނީ އިޒްރޭލަށް މިސައިލް ހަމަލާ ދީގެންނެވެ.
މިރަސްމިއްޔާތުގައި، ޝަހީދުވި އީރާނުގެ ހަތިޔާރުވެރި ބާރުތަކުގެ އެންމެ އިސް ވެރިޔާގެ މަޤާމުގައި ހުރި، އެ ޤައުމުގެ އެންމެ މަތީ ދަރަޖައިގެ އަސްކަރީ އޮފިސަރު މުޙައްމަދު ބާޤިރީގެ އަނބިމީހާއާއި ދަރިފުޅު ގެ އިތުރުން ގާޑްގެ އިސްވެރިޔާ ޖެނެރަލް ހުސެއިން ސަލާމީ، ގާޑްގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ އިސްވެރިޔާ ޖެނެރަލް އަމީރު އަލީ ހަޖީޒާދާ އާއި އަދި އިސް ނިއުކްލިއަރ ސައިންޓިސްޓް މުހައްމަދު މެހްދީ ޓެހްރާންޗީ ހަޖީޒާދާގެ ޖަނާޒާ ބޭއްވުނެވެ.
އިރާނުގެ ސްޓޭޓް ޓެލެވިޜަނުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޖަނާޒާގައި ޖުމްލަ 60 މީހުންގެ ޖަނާޒާ އަދާކުރެވުނެވެ. މީގެ ތެރޭގައި ހަތަރު އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނެއެވެ. މި ރަސްމިއްޔާތަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އިސް ކޮމާންޑަރުންގެ ފުރަތަމަ އާންމު ޖަނާޒާއެވެ.
އޮފީސްތަކުގެ މުވައްޒަފުންނަށް ރަސްމިއްޔާތުތަކުގައި ބައިވެރިވެވޭގޮތަށް މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.