އިޒްރޭލުގެ ހަމަލާއަށް ފަހު ލުބުނާނުގެ މަންޒަރެއް: ފޮޓޯ - ރޮއިޓާސް

އިޒްރޭލުގެ ޑްރޯން ހަމަލާއެއް ލުބުނާނަށް

ހިޒްޔަމް ހާމިދް
 
3 ދުވަސް ކުރިން

އިޒްރޭލުން ލުބުނާނުގެ ވެރިރަށް ބެއިރޫޓަށް ޑްރޯން ޙަމަލާއެއް ދީފިއެވެ.

ލުބުނާނުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނެފައިވާ ގޮތުގައި މި ޙަމަލާގައި އެކަކު މަރުވެ، ތިން މީހުން ވަނީ ޒަޚަމްވެފައެވެ. 

ބެއިރޫޓުގެ ދެކުނުން 12 ކިލޯމީޓަރު ދުރު ސަރަހައްދަކަށް އިޒްރޭލުން ޙަމަލާދީފައިވަނީ އެ ސަރަޙައްދުގައި އަސްކަރީ ހަތިޔާރު ހުރިކަމަށް ބުނެއެވެ.

އިޒްރޭލާއި ލުބުނާނުން ޙަމަލާ ބަދަލުނުކުރުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން އަންނަނީ ލުބުނާނަށް ޙަމަލާދެމުންނެވެ.

ލުބުނާނުން އަންނަނީ އިޒްރޭލުގެ މި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އެމެރިކާއާއި ފަރަންސޭސިވިލާތަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތަކުން އިޒްރޭލާ ދެކޮޅަށް މަސައްކަތްކުރުމަށް ޖެހިލުންވާކަމަށް ލުބުނާނުން އަންނަނީ ބުނަމުންނެވެ.

އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުން ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުން ވަނީ އިޒްރޭލަށް މީގެކުރިން ޙަމަލާތަކެއް ދީފައެވެ. އަދި ބަދަލުގައި އިޒްރޭލުން ވަނީ ހިޒްބުﷲގެ ގިނަ އިސްވެރިންނަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ.