ރަޝިއާއިން ވަނި އަފްޣާނިސްތާނާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައި

ރަޝިއާއިން އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރާއެކު ގުޅުން ޤާއިމުކޮށްފި

ހިޒްޔަމް ހާމިދް
 
3 ދުވަސް ކުރިން

ރަޝިއާއިން އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރާއެކު ގުޅުން ޤާއިމުކޮށްފިއެވެ.

އަފްޣާނިސްތާނުގައި އެމެރިކާއިން ކުރަމުންދިޔަ ހަނގުރާމަ 2021ވަނަ އަހަރު ނިމުމާއެކު އެ ޤައުމުގައި ވެރިކަން ކުރަމުން އަންނަނީ ޠާލިބާނުންނެވެ.

ރަޝިއާއިން އަފްޣާނިސްތާނާއެކު ގުޅުން ޤާއިމުކުރިކަން ހާމަކޮށް އެ ޤައުމުގެ ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން ރަޝިއާާގެ މި ނިންމުން ބަލައިގަނެ، ރަޝިއާއަށް ވަނީ މަރުޙަބާ ކިޔާފައެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުން މިކަމުން މިސާލު ނެގުމަށް އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އާމިރު ޚާން މުއްތަޤީ ވަނީ ގޮވާލައްވާފައެވެ.

ރަޝިއާޢިން މީގެކުރިން ޠާލިބާނުންނަކީ ޓެރަރިސްޓުން ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މި އަހަރުގެ އޭޕްރީލުގައި ރަޝިއާގެ ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާޠިލުކޮށްފައެވެ.

ރަޝިއާއަކީ އަފްޣާނިސްތާނުގެ ޠާލިބާނާ ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމެވެ. މިއާއެކު ރަޝިއާއިން އަފްޣާނިސްތާނަށް ވަނީ ސަފީރަކުވެސް އައްޔަންކޮށްފައެވެ. އަދި އަފްޣާނިސްތާނުންވެސް ވަނީ ރަޝިއާއަށް ސަފީރަކު އައްޔަންކޮށްފައެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ޠާލިބާނުން ބަލައިނުގަންނަ ނަމަވެސް، އދ.އިން ވަނީ ޠާލިބާނުންގެ ވެރިކަމަކީ "ޠާލިބާން ޑި ފެކްޓޯ އޮތޯރިޓީސް"ގެ ގޮތުގައި ބަލައިގަނެ، ގުޅުން ޤާއިމުކޮށްފައެވެ.