ސަލްމާން ޚާނުގެ ރިއަލިޓީ ޝޯ ބިގް ބޮސް މިއަހަރުގެ އޯގަސްޓް މަހު ސީޒަން 19 އާށް ތައްޔާރުވަމުންދަނީ ޝޯއަށް މުޅިން އައު އަދި ބެލުންތެރިން ޝައުގުވެރިވާ ފަދަ ތަފާތު ބަދަލަކާއެކުކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
މިގޮތުން މިހާރު ޝޯ ވަނީ ޑިޖިޓަލް ލީޕްއަކަށް ތައްޔާރުވެފައެވެ. ތަފާތު ވާދަވެރިންނަށް މަޝްހޫރު މި ޝޯގައި ކުރިން ވެސް ޖަނަވާރުތައް ތަޢާރަފުކޮށްފައިވެއެވެ. ބިގް ބޮސް 16 ގައި ކުއްތާއެއް އަދި ބިގް ބޮސް 18 ގައި ހިމާރެއް ކުޑަ ވަގުތުކޮޅަކަށް ބައިވެރިކުރުމަށްފަހު ޖަނަވާރުންގެ ދުޅަހެޔޮކަމަށް ރިޢާޔަތްކޮށް ނެރެފައިވެއެވެ.
ބިގް ބޮސް 24×7 ގެ އެކްސް އެކައުންޓުން ރިޕޯޓުކުރި ގޮތުގައި، ސީޒަން 19 ގައި އިންސާނަކު ނޫން ވާދަވެރިއެއްގެ ގޮތުގައި އެމިރޭޓްސްގެ އޭއައި ރޮބޯޓް ބުދެއް ކަމަށްވާ ހަބޫބޫ ބައިވެރިވާނެއެވެ.
މިއީ އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ އަށް މިއަހަރު ގެނެވޭ ބަދަލަކީ މިހާތަނަށް ގެނެވޭ އެންމެ ބޮޑު އެންމެ ހައިރާންކުރުވަނިވި ބަދަލުއެވެ. މިޝޯގައި ފެނިގެން ދާނީ އެމިރޭޓްސްގެ އެންމެ ފުރަތަމަ އިންޓަރެކްޓިވް ރޮބޮޓް "ހަބޫބޫ" އެވެ. ބިގް ބޮސްގައި ފެނިގެންދާނެ ހަބޫބޫ އަކީ މާސްކެއް އަޅައިގެން ލެހެނގާއެއް ލައިގެން ހުންނަ އޭއައި ބުދެކެވެ. ހިންދީ ބަހުން ވާހަކަ ދައްކާ ހަބޫބޫ އަށް ހަތް ބަހަކުން ވާހަކަ ދެއްކުމުގެ ގާބިލުކަން ލިބިފަިވެއެވެ.
ސޯޝަލް މީޑިއާ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ހަބޫބޫ އަށް ހައުސް ގައި ލޯބިވެވިދާނެކަމަށެވެ. ހަބޫބޫއަކީ ހަމައެކަނި މެހެމާނެއް ނޫން ކަމަށެވެ. އޭނާއަކީ ގޭމް-ޗޭންޖަރ އެއް ކަމަށެވެ.
ޝޯގެ ޕްރޮޑިއުސަރުންގެ ފަރާތުން ރަސްމީ ކަށަވަރުކުރުމެއް ލިބެންދެން އިންތިޒާރުކުރަމުންދާއިރު، ހަބޫބޫގެ ބައިވެރިވުމާ ގުޅޭ ޚަބަރު މިހާރުވެސް ވަނީ އޮންލައިންގައި ވައިރަލްވެ، އާޓިފިޝަލް އިންޓެލިޖެންސް އިންސާނީ ރިއަލިޓީ ޓީވީއާ އެއްކުރުމާމެދު ޝައުޤުވެރިކަމާއި ބަހުސް އުފެދިފައެވެ.
2010 ވަނަ އަހަރު ސީޒަން 4 އިން ފެށިގެން ފްރެންޗައިޒްއާ ގުޅުނު ސަލްމާން، މި ސީޒަންގައިވެސް ހޯސްޓެއްގެ ގޮތުގައި އަނބުރާ އާދެއެވެ.
އޭނާ ޝޯއިން ދުރަށްދާނެ ކަމުގެ އަހަރުތަކެއް ވަންދެން ދެކެވުނު ވާހަކަތަކާ ޚިލާފަށް، އޭނާ މިއަހަރު ޝޯ ލީޑްކުރުމަށް ވަނީ ތައްޔާރުވެފައެވެ.