އދ.ގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައިއޭއީއޭ) އާ އޮންނަ ގުޅުން މެދުކަނޑައިލުމަށް އީރާނުގެ ޤާނޫނުހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.
މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ އެއްވެސް ދިރާސާއެއް ކުރުމަށް އެ ޤައުމަށް އެތެރެވެވޭނީ އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. މި ބިލަށް ޢަމަލުކުރަން ފަށާނީ އީރާނުގެ ގާޑިއަން ކައުންސިލުން ތަސްދީޤުކުރުމުންނެވެ.
އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބަޤްރު ޤާލިބާފް ވިދާޅުވި ގޮތުގައި، "މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕްރޮގްރާމް އީރާނުން ހުއްޓައެއް ނުލާނެ" އެވެ. އަދި ޔަހޫދީ ދައުލަތާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދިން ޙަމަލާތައް އައިއޭއީއޭއިން ކުށްވެރިކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ.
މި ބިލުގެ ދަށުން، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކުގައި ސެކިޔުރިޓީ ކެމެރާތައް ހަރުކުރުމާއި އައިއޭއީއޭއަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުން ވެސް ހުއްޓައިލެވޭނެއެވެ. އީރާނުން ބުނާ ގޮތުގައި މިއީ ވަގުތީ ފިޔަވަޅެކެވެ. އަދި އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ރައްކާތެރިކަން އައިއޭއީއޭއަށް ކަށަވަރު ކުރެވެންދެން މި ފިޔަވަޅު ދެމިއޮންނާނެއެވެ.
އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ އެ އިދާރާގެ އިންސްޕެކްޓަރުން އީރާނަށް އަލުން ފޮނުވަން ބޭނުންވާ ކަމަށެވެ. ނަމަވެސް މި ކަމާ ގުޅޭގޮތުން އައިއޭއީއޭ އިން އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.