ފަރުމުލި

ފަރުމުލި، މާފަރުން ވަކިކޮށް ރިސޯޓެއް ތަރައްގީކުރަނީ

މޫސާ އަލީ
 
22 ގަޑިއިރު ކުރިން

ނ. މާފަރުގެ އިހުތިސޯސުން, އެ އަތޮޅު ފަރުމުލި ވަކިކޮށް، އެ ރަށުގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުން "ފަރުމުލި" އަކީ އެ އަތޮޅު މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުއްވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ އެއާއެކު، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަން ނިންމާފައިވާ ރަށެއްގެ ގޮތުގައި "ފަރުމުލި" ކަނޑައަޅާފައިވާ ކަމަށެވެ. 

ޓޫރިޒަަމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފަރުމުލީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަމުލީގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާއެކު 15 ހެކްޓަރަށްވުރެ ބޮޑު ނޫން ރަށެއް ހިއްކުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ، ފަރުމުލީގައި ރިސޯޓު ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހު ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.