ކުދި ވިޔަފާރީގެ ކާމިޔާބީއަށް ބޭނުންވާ މާހައުލު އިތުރަށް ހަރުދަނާކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އަޅުގަނޑުމެންގެ ރަށްރަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިކޮށްދޭ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންގެ އަގު ވަޒަންކުރައްވާ ކަމަށެވެ.
އެމްއެސްއެމްއީތައް ބާރުވެރި ކުރުވުމަށް އިންކްލޫސިވް ފައިނޭންޝަލް ސޮލިއުޝަންތަކާއި މާކެޓް އެކްސެސް އިތުރުކޮށްގެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީއަށް ފަހު، ކުދި ވިޔަފާރީގެ ކާމިޔާބީއަށް ބޭނުންވާ މާހައުލު އިތުރަށް ހަރުދަނާ ކުރުމުގައި މި ސަރުކާރުން ދެމިހުރި ކަމަށެވެ. އަދި 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް މަސައްކަތްކުރާއިރު، އިގްތިސާދީ ތަފާތުކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، އެމްއެސްއެމްއީތައް ކުރިއެރުވުމަށް މަގުފަހިކޮށްދޭ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.