އެމެރިކާގައި މިރޭ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށާއިރު ދުނިޔޭގެ އެންމެ މޮޅު ކަމަށް ބެލެވުނު 32 ޓީމު ވާދަކުރާ މުބާރާތުގައި ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މުބާރާތް ކުރިޔަށް ދާއިރު އެންމެ ބޮޑު މަސަލައަކަށް ކުރިމަތިވަނީ އެމެރިކާ ހޫނުގަަދަވުމެވެ.
މުބާރާތުގެ 63 މެޗުގެ ތެރެއިން 35 މެޗެއް ތާވަލް ކޮށްފައިވަނީ ހަވީރު ފަހެއް ޖެހުމުގެ ކުރިންނެވެ. ފޮސިލް ފްރީ ފުޓްބޯޅަ ގްރޫޕުން ކުރި ދިރާސާއިން ދައްކަނީ އެމެރިކާގައި މެޗުތައް ކުޅޭ 11 ސްޓޭޑިއަމުގެ ތެރެއިން އަށް ސްޓޭޑިއަމުގައި ހޫނުން ސަލާމަތް ވާނެ ގޮތެއް ނެތް ކަމަށެވެ. މާނައަކީ ދަނޑު ބަންދުކޮށްލާނެ ފުރާޅެއް މިއިން ތަނަކު ނެތުމެވެ.
ދިރާސާއިން ދައްކާ ގޮތުގައި ފާއިތުވެދިޔަ ފަސް އަހަރު އެމެރިކާގެ ހޫނު މިން 30 ޑިގްރީ އަށް ވުރެ މައްޗެވެ. ކަން މިހެން އޮތްއިރު ކުޅުންތެރިން އެ ސްޓޭޑިއަމްތަކަށް ކުރަންޖެހޭ ދަތުރުތައް ވެސް ދިގެވެ. މުޅި މުބާރާތުގައި މަތިންދާ ބޯޓުގައި ކުޅުންތެރިން ގިނަވަގުތު ހޭދަކުރަން ޖެހޭނެއެވެ.
ފާއިތުވީ މުބާރާތް ތަކަށް ބަލާއިރު ކުޅުންތެރިން ހޫނުގަަވުުގެ ސަބަބުން ސިއްހީގޮތުން އެކި އެކި ކަންކަމާ ކުރިމަތިލާން ޖެހުނުއެވެ. ހޫނުވުމުގެ ސަބަބުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތުމުން ފީފާއިން މިހާރު ނިންމާފައިވަނީ އާއްމުކޮށް 28 ޑިގްރީ އަށްވުރެ ހޫނު ވެއްޖެނަމަ ދޭ ވޯޓަ ބްރޭކް ހުރިހާ މެޗެއްގައި ވެސް ދިނުމެވެ.
އެގޮތުން އާއްމުކޮށް ހާފެއްގައި މިފަދަ އެއް ބްރޭކް ދިން ނަމަވެސް މިހާރު ވާހަކަ ދައްކަމުން ދަނީ ކޮންމެ ހާފެއްގައި ދެ ބްރޭކް ދިނުމަށެވެ. ނަމަވެސް ކުޅުންތެރިންގެ ފަރާތުން ވަކާލާތު ކުރާ ފިފް ޕްރޯއިން އެދެމުންދަނީ މެޗުތައް އަލުން ރީޝެޑިއުލް ކޮށްދިނުމަށެވެ.