ކްރިސްޓިއާނޯ ރޮނާލްޑޯ ނޭޝަންސް ލީގް ދެވަނަ ފަހަރަށް ކާމިޔާބް ކޮށް އުފާ ފާޅުކުރަނީ: ފޮޓޯ/ އަލްޖަޒީރާ

ޕޯޗުގަލް ދެވަނަ ފަހަރަށް ޔޫއެފާ ނޭޝަންސް ލީގް ކާމިޔާބް ކޮށްފި

މަރްޔަމް ނިއުމާ
 
28 ދުވަސް ކުރިން

ޔޫއެފާ ނޭޝަންސް ލީގު ފައިނަލުގައި އާދިއްތަ ދުވަހުގެ ރޭ ސްޕެއިން އާއި ޕޯޗުގަލް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 3-5 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

 މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްޕެއިނުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ އެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޕޯޗުގަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނޫނޯ މެންޑޭސް އެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު،ސްޕެއިނުން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓިގައި ކާމިޔާބުކޮށްދިނީ މިކެއިލް އޮޔަޒެބެލް އެވެ. މި ލނޑު ކާމިޔާބު ކޮށްދިނުމަށް ފުރުސަތު ފަހި ކޮށްދިނީ ޒުވާން މިޑްފީލްޑަރު ޕެޑްރީ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މެޗުގެ ނަތީޖާއެއްވަރުކުރީ 61 ވަނަ މިނެޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މިމުބާރާތުގައި ކުޅުނު ނުވަ މެޗުގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ. މެޗުގެ ދެވަނަ ހާފު ޕޯޗުގަލް އިން ފެށީ ދެބަދަލާއެކުގައެވެ.

މެޗުގެ ވަގުތު ހަމަ ވެ އިތުރު ވަގުތުގެ 15 މިނިޓުގެ ދެ ހާފް ކުޅެ ނިމުނު އިރު ވެސް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި 2-2 އިން ވަނީ އެއްވަރުވެފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕޯޗުގަލް އިން އެޓީމުގެ ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، ސްޕެއިންގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ.

ޖަރުމަނުގެ ވެރިރަށް އެލިއަންޒް އެރީނާގައި ކުޅުނު  މެޗު ނިމިގެން ދިޔައީ 6-7 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވެގެންނެވެ.  މިއީ ޕޯޗުގަލް އިން މިމުބާރާތުގެ ޗެންޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިން އެވެ.