ޤައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗްގެ އަލީ ސުޒެއިން

ކޯޗްގެ މަޤާމުން އަލީ ސުޒެއިން މިއަދު އިސްތިއުފާދީފި

މަރްޔަމް ނިއުމާ
 
27 ދުވަސް ކުރިން

ޤައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗްގެ މަޤާމުން އަލީ ސުޒެއިން މިއަދު އިސްތިއުފާދީފިއެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ވަނީ ކޯޗުގެ މަގާމުން އޭނާ ވަކިވާން ނިންމާފަވާކަން އިއުލާންކޮށްފައެވެ.

ސުޒޭން ބުނީ ދިވެހި ފުޓުބޯޅަ އުނދަގޫ ހާލަތެއްގައި އޮއްވަ ގައުމީ ޓީމާ އެކު މަސައްކަތް ކުރަން ލިބުން އެއީ ވަރަށް ބޮޑު ޝަރަފެއް ކަމުގަ އެވެ. އަދި، ކޯޗުކަމުގެ މަގާމުގައި ހުރި ދުވަސްތަކުގައި އެއްބާރުލުންދިން ކުޅުންތެރިންނާ، އޮފިޝަލުން އަދި މެނޭޖްމަންޓަށް ޝުކުރުއަދާ ކުރާ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

މިއަދު، ޓިމޯ ލެސްޓޭ އަތުން ބަލިވިއިރު، މީގެ ފަސް ދުވަސް ކުރިން، ސިންގަޕޫރު އަތުން އެކުވެރިކަމުގެ މެޗަކުން ވަނީ 3-1 އިން ބަލިވެފަ އެވެ. އެހެންކަމުން، ސުޒޭންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

މިދިޔަ އޭޕްރީލް މަހު، އެފްއޭއެމް އިން ވަނީ ގައުމީ ޓީމަށް ކޯޗަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ. އެއީ، މި މަހު ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިންއާ ދިމާކޮށް، ތިން މަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، ފަހުން، ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ލަސްވުމާ ގުޅިގެން، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީން ނިންމީ ދެ މެޗަށް އާ ކޯޗެއް ހޯދުމުގެ ބަދަލުގައި ސުޒޭނާ އެކު، ކުރިއަށްދިއުމަށެވެ.

އޮސްޓްރޭލިއާގެ ޑާވިންގައި ކުޅުނު އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗްގައި ޓިމޯ ލެސްޓޭއާއި ދިވެހިރާއްޖެ  ބައްދަލުކުރި މެޗުން ދިވެހި ޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.