ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލިޔުމުން ހުއްދަ ލިބުމުން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނަގަން އެ އިދާރާއިން ކައުންސިލްތަކަށް އަންގަން ފަށައިފިއެވެ.
އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވަމުން އަންނަ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށް ވެސް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅޭ ގޮތުން ނިމާލް "ވަގުތަށް" ވިދާޅުވީ ބައެއް ކައުންސިލްތަކުން އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނަގަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ކައުންސިލްގައި ކުރާނެ މަސައްކަތެއް ވެސް ނެތި ނޫނީ މަސައްކަތެއް ނުދައްކާ މުވައްޒަފުން ނަގަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ނިމާލް ވިދާޅުވިއެވެ. އެހެންވެ، މި ސިޓީގައި ބޭނުމަކީ ބޭކާރު ގޮތުގައި ކައުންސިލަށް މުވައްޒަފުން ނެގުން ހުއްޓުވުން ކަމުގައި އޭނާ ވިދާޅުވިއެވެ.
"ބައެއް ކައުންސިލްތަކަށް ދީފައި އޮންނަ ބްލޮކް ގްރާންޓް ހަމަވެގެން އެ ބުނޭ، މުސާރަ ދެވޭނެ ފައިސާއެއް ނެތޭ. އެހެންވެ އިތުރު ފައިސާއަށް ވެސް އެބައެދޭ. މިއީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް." ނިމާލް ވިދާޅުވިއެވެ.
ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކާއި ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމަށް "ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށް މީހުން ނަގަންވާނީ އެލްޖީއޭގެ ހުއްދަ ލިބުނީމަ ކަމަށް ވެސް ނިމާލްގެ ސިޓީގައިވެއެވެ.
ވަގުތީ ބޭނުންތަކާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އާއި އެ ނޫން ވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާންކުރަން ވާނީ ވެސް އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ސިޓީގައިވެއެވެ.