މިފްކޯގެ ޗެއާޕާސަނަކަށް މަނާގޭ ފާއިޒް

މުހައްމަދު ހަމީޒް
 
1 ގަޑިއިރު ކުރިން

ދައުލަތުގެ މަސްކުންފުނި، މިފްކޯގެ ޗެއާޕާސަނަކަށް ވިޔަފާރީގެ ތަޖުރިބާކާރެއް ކަމަށްވާ މއ. މަނާގޭ، އަބްދުﷲ ފާއިޒް މިއަދު އައްޔަންކޮށްފި އެވެ. 

ފާއިޒަކީ ވިޔަފާރި އާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ. 

އޭނާ އަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަން ވެސް ކުރެއްވި ބޭފުޅެކެވެ. ފާއިޒް އެ މަގާމަށް އައްޔަންކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެބްރުއަރީ 13، 2019 ގަ އެވެ.

އެމްޓީޑީސީގެ ޗެއާމަންގެ އިތުރުން އެސްޓީއޯގެ ޗެއާމަންގެ މަގާމު ވެސް ފާއިޒް ވަނީ ފުރުއްވައިފަ އެވެ.

ވިޔަފާރީގެ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ފާއިޒް ދައުލަތުގެ އަދި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވި އެވެ.

އޭގެ ތެރޭގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަމާއި ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ޑިރެކްޓަ ޓު ދަ ޗެއާމަންކަމާއި ވިލާ ހޮޓެލްސްގެ ޑިރެކްޓަ އޮފް މާކެޓިން އެންޑް ޕްރޮމޯޝަންސްގެ މަގާމު ހިމެނެ އެވެ. 

މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ފާއިޒް ކުރެއްވި އެވެ. ހޮސްޕިޓާލިޓީ އާއި ލޮޖިސްޓިކްސް އާއި ކޭޓަރިން އަދި އިންވެސްޓްމަންޓް ދާއިރާގެ އިސް މަގާމުތައްވެސް އޭނާ އަދާކުރެއްވި އެވެ.

ފާއިޒްއަކީ މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، މޯލްޑިވްސް ޓްރޭޑާސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އޭނާއަކީ 2001 ވަނަ އަހަރުން ފެށިގެން ސާކް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރެއްގެ ގޮތުގައި ހުންނެވުމުގެ އިތުރުން، އެ ޖަމިއްޔާގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ފާއިޒް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައިފަ އެވެ.