ބުޅާ ބެލެހެއްޓުމަށް ވަކި ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

މުހައްމަދު ހަމީޒް
 
1 ގަޑިއިރު ކުރިން

މާލެ ސަރަހައްދުގެ މަގުތަކުގައި ގިނަވެފައިވާ ބުޅާތަކުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ބުޅަލަށް ޚާއްޞަ ރަށެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ މަގުމަތީ ބުޅާތަކާ ގުޅިގެން ޢާންމުންގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ. މި ރަށް ތަރައްޤީކުރުމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުޙަލާ މިހާރު ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ހަރަދުތަކެއް ހިނގާ ކަމެއް މީގެން ކޮންމެ މަސައްކަތަކީ ވެސް. ކެޓް އައިލެންޑެއް ތަރައްގީ ކުރުމަށްޓަކައި ވެސް އަޅުގަނޑުމެންނަށް އެބަ އޮތް ވަރަށް ރަނގަޅު ޕްރޮޕޯޒަލެއް ލިބިފައި. އެ އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ" މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ ބުޅާ ޕެޓް ކޮމިއުނިޓީއަށް އުފާވެރި ޚަބަރެއްގެ ގޮތުގައި އެ މަޝްރޫއު އަޅުގަނޑުމެންނަށް ކާމިޔާބު މަޝްރޫއުއަކަށް ވެގެންދާނެ."

ޒަމާނީ ވަސީލަތްތަކާ އެކު ބުޅަލަށް ވަކި ރަށެއް ޤާއިމުކުރެވިއްޖެނަމަ ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ބޮޑު ސަމާލުކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ އޮޅުހިޔާގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިހާރު އެ ތަނުގައި 280 ބުޅާ ބަލަހައްޓަމުން ގެންދާ ކަމަށާއި މަރާމާތުގެ މަސައްކަތް ނިމުމުން 500 އެއްހާ ބުޅާ ބެލެހެއްޓޭ ވަރަށް ޖާގަ ތަނަވަސްވާނެ ކަމަށް ވިދާޅުވިއެވެ.

ބުޅަލަށް ބޭނުންވާ ފަރުވާ އާއި ރައްކާތެރިކަން ފޯރުކޮށްދެވޭ ފުރިހަމަ ތަނަކަށް އޮޅުހިޔާ ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ޖުމްލަ 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި އެ ފެސިލިޓީ އަކީ 3000 ބުޅާ ގެންގުޅެވޭ ވަރުގެ ތަނެއް ކަމަށް މާލެ ސިޓީ ކައުންސިލުން ކުރިން ބުނެފައިވެއެވެ.