"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ހިންގުމަށްޓަކައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާ ދެމެދު 50 އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި މަޝްރޫއުގެ ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ޕްރޮޖެކްޓް އެގްރީމެންޓުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ތަމްސީލުކުރައްވައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އޭޑީބީގެ ފަރާތުން ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓުގެ ރީޖަނަލް ހެޑް ޑރ. ތިއަމް ހީ އަންގެވެ.
މި ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، އެކަމަށް އިޖާބަދިނުމުގައި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އޭޑީބީން ކުރިން ބުނެފައިވާ ގޮތުގައި، އެ ލޯނު ދެނީ ތެލުގެ އިމްޕޯޓަށް އެހީތެރިވެދީ، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.
ބައިނަލްއަގުވާމީ ބޭންކުތައް މެދުވެރިކޮށް ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހުނު މި ލޯނަކީ ދަރަނީގެ ދެމެހެއްޓެނިވިކަން ޔަގީންކުރުމަށް އެހީތެރިވެދޭނެ ފެސިލިޓީއެއް ކަމަށް ސަރުކާރުން ބުނެއެވެ.