ޓީޓީއަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފި

މުހައްމަދު ހަމީޒް
 
13 ގަޑިއިރު ކުރިން

މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ވިޔަފާރި ބޭންކުތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް ކުރިއަށް އޮތް ތިން ހަފުތާއަށް އިތުރުކުރުމާ ގުޅިގެން، ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިއްކާ ޑޮލަރުގެ އަދަދު މައްޗަށް ޖައްސަން އެ ބޭންކުން ނިންމައިފިއެވެ.

ޤައުމީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައި ވަނީ އެމްއެމްއޭއިން ލިބޭ ޑޮލަރުގެ ނިސްބަތާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ޓީޓީ ރިކުއެސްޓުތަކުގެ އަދަދަށް ވަރަށް ފުޅާކޮށް ދިރާސާކުރުމަށް ފަހުގައެވެ. އަދި މިއީ ވަގުތީ ގޮތުން ތިން ހަފުތާގެ މުއްދަތަށް ގެނެވުނު ބަދަލެއް ކަމަށް ވެސް ބީއެމްއެލްއިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް 186 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ޓީޓީގެ ގޮތުގައި ފޮނުވާފައިވެއެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ އެވްރެޖުކޮށް 27 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިކިޔާއިރު، މިއީ މަހަކަށް 12 މިލިއަން ޑޮލަރުގެ ބޮޑު ކުރިއެރުމެކެވެ.

ހަމައެއާ އެކު، ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ ތަފާތު އެކި ބޭނުންތައް ފުއްދައިދިނުމަށްޓަކައި ޖުމްލަ 570 މިލިއަން ޑޮލަރު އެ ބޭންކުން ވިއްކާފައިވެއެވެ. އެހެންކަމުން، ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި 2.7 މިލިއަން ޑޮލަރު ވަނީ ކަސްޓަމަރުންނަށް ދޫކޮށްފައެވެ.

ބޭންކުގެ އަމާޒަކީ ރިޒާވްގައި ހުރި ބޭރު ފައިސާގެ މިންވަރާއި ކަސްޓަމަރުންގެ ޑިމާންޑާ ދެމެދު ހަރުދަނާ މިންގަނޑެއް ހިފެހެއްޓުންކަން ބީއެމްއެލްއިން ބަޔާންކުރެއެވެ. އަދި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ހިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ.