ވެމްކޯގެ ޗެއާމަންކަމުގައި ހުންނެވި ނާސިފް އެމްއޭސީއެލް ބޯޑަށް

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ވެމްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ނާސިފް (ޑީޑީ) އެމްއޭސީއެލްގެ ބޯޑަށް އައްޔަންކޮށްފި އެވެ. 

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ނާސިފް އައްޔަންކޮށްފައިވަނީ މިއަދެވެ. 

ވެމްކޯގެ ޗެއާމަން ކަމަށް އައްޔަން ކުރުމުގެ ކުރިން ނާސިފް ހުންނެވީ އެޗްޑީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ ވަކިކޮށް ވެމްކޯއަށް ބަދަލުކުރީ މާޗް، 2025ގަ އެވެ. 

އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު މަގާމުން ވަކިވުމާ އެކު، އެ ކުންފުނި ވަގުތީ ގޮތުން ހިންގުމާ ވެސް ހަވާލުވެ ހުންނެވީ ނާސިފެވެ. 

އެޗްޑީސީގެ ޗެއާމަންގެ މަގާމުގެ ކުރިން ނާސިފް ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގަ އެވެ. 

ނާސިފް ވަނީ 2018 ވަނަ އަހަރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ނާސިފް ކުރެއްވި އެވެ.

އެމްއޭސީއެލްގެ އިތުރުން، ސަރުކާރުގެ ހިއްސާވާ އިތުރު ހަތަރު ކުންފުންޏެއްގެ ބޯޑަށް، ޕީސީބީން މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ.

މިގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން އާމިނަތު ރައިޝަމް އާއި އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުން ބޯޑުގެ މެންބަރުކަމުގެ މަގާމުން މ.ވާރޭވިލާ، އާއިޝަތު އަލީ މިއަދު ވަކިކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

މީގެއިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ސ.ހިތަދޫ، ވެލްކަމްވިލާ ޝެރީނާ ސާލިހް އައްޔަނުކޮށްފައިވާއިރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)ގެ ޗެއާޕާސަންކަމުގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް، ދަޕްތަރު ނަންބަރު ރސ 14819، ސައާދާ އިބްރާހިމް އައްޔަނުކޮށްފައިވާކަމަށް ވެސް ޕީސީބީން ބުންޏެވެ.